ކޮވިޑް-19 އަށް ފަަރުވާދޭ މިންގަނޑުތަކާ ގުޅޭ ގައިޑްލައިނެއް މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަނުން ނެރެފި އެވެ.
މި ގައިޑްލައިން އިއްޔެ ނެރެދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނެވެ.
މެޑިކަލް އެސޯސިއޭޝަނަކީ ރާއްޖޭގެ ސިއްހީ ދާއިރާ އާއި ސިއްހީ ދުޅަހެޔޮ ކަމުގެ އިތުރުން ޑޮކްޓަރުންގެ ފަންނު ކުރިއެރުވުމަށް މަސައްކަތް ކުރާ ޖަމިއްޔާއެކެވެ. ކޮވިޑް-19 އިގެ ޕެންޑަމިކްގައި މި އެސޯސިއޭޝަންގެ މެމްބަރުން އަންނަނީ އަމަލީ ގޮތުން ބައިވެރި ވަމުންނެވެ.
ހެލްތު މިނިސްޓްރީން ބުނީ، ކޮވިޑް-19 އަކީ އާ ބައްޔަކަށް ވެފައި ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ދިރާސާތަކެއް ކޮށް އެކި ގައުމުތަކުން އެކި ގޮތްގޮތަށް ބައްޔަށް ފަރުވާ ދިނުމުގައި އަމަލު ކުރަމުން ދާއިރު ރާއްޖޭގައި ވެސް މި ބައްޔަށް ފަރުވާދޭނެ އެކަށޭނަ މިންގަނޑުތަކެއް އޮތުމަކީ މުހިއްމު ކަމެއް ކަމަށް މެޑިކަލް އެސޯސިއޭޝަނުން ދެކޭ ކަމަށެވެ. އަދި އެފަދަ ގައިޑްލައިންނެއް އެކުލަވައިލުމަށްޓަކައި މަސައްކަތްތަކެއް ކުރަމުން ދާތާ މަސް ދުވަސް ވެފައިވާ ކަމަށެވެ.
ގައިޑްލައިންގައި ކޮވިޑް-19 އިގެ ބަލި ދެނެގަންނާނެ ގޮތާއި ހެދޭނެ ޓެސްޓުތަކާއި ފަރުވާ ކުރުމުގައި އަމަލު ކުރާނެ ގޮތާއި ބޭނުން ކުރާނެ ބޭސްތައް އެކުލެވިގެންވެ އެވެ. މި ގައިޑްލައިންގައި އްޖޭގެ ރީޖަނަލް ހޮސްޕިޓަލް ލެވެލްގައި ވެސް ކޮވިޑް-19 އަށް ފަރުވާދެވޭ ގޮތް ހިމަނާފައި ވެއެވެ.
ހެލްތު މިނިސްޓްރީން ބުނީ ގައިޑްލައިން ވާނީ މި ބައްޔަށް ފަރުވާދިނުމުގައި ޝާމިލްވާ ހުރިހާ ފަރާތްތަކަށް އިތުރު އެހީއަކަށް ކަމަށެވެ.