ހަބަރު

ދަރަވަންދޫގައި އިމަޖެންސީ މެޑިކަލް ސެންޓަރެއް އަޅަން ހަވާލުކޮށްފި

Jul 20, 2020

ބ. ދަރަވަންދޫގެ ހެލްތު ސެންޓަރުގައި އިމަޖެންސީ މެޑިކަލް ސެންޓަރެއް ގާއިމް ކުރުމުގެ މަސައްކަތް މިއަދު ހެލްތު މިނިސްޓްރީން ހަވާލުކޮށްފި އެވެ.

މި މަޝްރޫއުއަކީ އިންޑިޔާ ސަރުކާރުގެ އެހީއާއި ދިވެހި ސަރުކާރުން ހަރަދު ކޮށްގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ޕްރޮޖެކްޓެއް ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

ގާތްގަނޑަކަށް 8.4 މިލިއަން ދިވެހި ރުފިޔާގެ މި މަޝްރޫއު ހަވާލުކޮށްފައިވަނީ އެލް.އެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އާ 200 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

މި ޕްރޮޖެކްޓަށް އިންޑިޔާ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި 7,469,465.89 ރުފިޔާ އަދި ދިވެހި ސަރުކާރުން 980,830.05 ރުފިޔާ ހަރަދު ކުރާނެކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މިއަދު ހެލްތު މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި މި ޕްރޮޖެކްޓުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު އަބްދުﷲ އަމީން އެވެ. އަދި އެލް.އެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އަބްދުއްލަތީފް އެވެ.

މިވަގުތު ހެލްތު ސެންޓަރުގައި އިމަޖެންސީ ފަރުވާދޭ ބައެއް ހެދިފައި ނެތުމުގެ ސަބަބުން އިމަޖެންސީގައި ފަރުވާދޭން ޖެހޭ މީހުންނަށް ފަރުވާ ދިނުމުގައި ވަރަށް ބޮޑަށް ދަތިވާކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އަދި ބ. އަތޮޅަކީ ގިނަ އަދަދެއްގެ ރިސޯޓް ހިމެނޭ އަތޮޅަކަށް ވުމާއި، ދަރަވަންދޫގައި ޑޮމެސްޓިކް އެއާޕޯޓެއް އޮތުމުން އިމަޖެންސީގައި ފަރުވާ ދޭން ޖެހޭ ފަރާތް ތަކަށް މިހާރު ދިމާވާ ދަތި މިއިމާރާތް ހެދުމުން ހައްލުވެ، ހިދުމަތް ދިނުމުގައި ވަރަށް ބޮޑަށް ފަސޭހަ ވެގެން ދާނެކަމަށް ބުންޏެވެ.

އެ މިނިސްޓްރީން އިތުރަށް ބުނީ މި ޕްރޮޖެކްޓުގެ ދަށުން ދަރަވަންދޫ ސިއްހީ މަރުކަޒުގައި ފުލްފްލެޖްޑް އިމަޖެންސީ ސެންޓަރަކާއި، ޓްރެއިން ދެވޭނެ ފެސިލިޓީސް އަކާއި، އޮފީސް ޖާގަ އިތުރުވެގެން ދާނެ ކަމަށެވެ.