ދިވެހި އިންޑިއާގެ ގުޅުން

އިންޑިއާ އާއި ދިވެހި ޑޮކްޓަރުންގެ ވޯކްޝޮޕެއް ބާއްވައިފި

އިންޑިއާގެ ދިއްލީގެ އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް (އެއިމްސް) އިން ދިވެހި ޑޮކްޓަރުންނަށް އެއްދުވަހުގެ ވޯކްޝޮޕެއް ކުރިއަށް ގެންގޮސްފި އެވެ.

"ކޮންޓިނުއަލް މެޑިކަލް އެޑިއުކޭޝަން"ގެ ދަށުން "އިމޭޖް ގައިޑެޑް ތެރަޕީ" ގެ ވޯކްޝޮޕް ކުރިއަށް ގެންދިޔައީ އިއްޔެ މާލޭގަ އެވެ.

މި ވޯކްޝޮޕް ކުރިއަށްގެން ދިޔައީ އެއިމްސް ހޮސްޕިޓަލުގެ ހާއްސަ ބަލިތަކުގެ ޑޮކްޓަރުންގެ ވަފުދަކުންނެވެ.

އެއިމްސް ޑޮކްޓަރުންނާއެކު ބޭއްވި މި ވޯކްޝޮޕަކީ މިދިޔަ އަހަރު ޖޫންމަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށް ކުރި އެއްބަސްވުމުގެ ދަށުން ހިންގި ވޯކްޝޮޕެކެވެ.

އިންޑިއާ އެމްބަސީން ބުނީ، މީގެ އިތުރުން ވެސް ފަންނީ އެހެން އެހީތައް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި ދާއިރާއިން މީހުން ބިނާ ކުރުމާއި ތަމްރީނު ކުރުމަށް އިންޑިއާއިން އިސްކަންދޭ ކަންވެސް ވަނީ ފާހަގަކޮށްފަ އެވެ.

ޑޮކްޓަރުންގެ މި ދަތުރުގައި، ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށް ދެ ގައުމުން އެކުގައި ކުރެވޭނެ ކަންކަން ވަނީ ފާހަގަ ކޮށްފަ އެވެ. އެގޮތުން، ސިއްހީ ދާއިރާއިން އިތުރު ވޯކްޝޮޕްތައް ހިންގުމާއި ޓެލެމެޑިސިން ފެސިލިޓީގެ ބޭނުން ހިފުމާއި ޓެކްނީޝަނުން ތަމްރީން ކުރުމަށް މަޝްވަރާ ކޮށްފައިވެ އެވެ. އަދި އެއިމްސް އާއެކު ދިވެހި ސިއްހީ ދާއިރާގެ ބޭފުޅުން ގުޅިގެން ރިސާޗް ޕްރޮޖެކްޓު ހިންގުން ހިމެނެ އެވެ.