ދަރަވަންދޫ

ދަރަވަންދޫ އަވަސް ފަރުވާދޭ ސެންޓަރު ހުޅުވައިފި

Sep 28, 2022

އިންޑިއާ ސަރުކާރުގެ އެހީގައި ބ. ދަރަވަންދޫ ސިއްހީ މަރުކަޒުގައި ގާއިމުކޮށްފައިވާ ހެލްތު އިމަޖެންސީ އެންޑް ޓްރައުމާ ސެންޓަރު ހުޅުވައިފި އެވެ.

މި ސެންޓަރު މިއަދު ހުޅުއްވައިދެއްވީ އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު އާއި ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ އެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވީ ދެ ބުރިއަށް ހަދާފައިވާ މި ސެންޓަރަކީ ހަމައެކަނި ޖިސްމާނީ އަނިޔާއެއް ދިމާވެގެން ކުއްލި ފަރުވާދޭ ތަނެއްގެ ގޮތުގައި ދެކުމުގެ ބަދަލުގައި ޖިންސީ އަނިޔާ ލިބޭ މީހުންނަށްވެސް އަވަސް ފަރުވާ ލިބޭ ތަނަކަށް ވާންޖެހޭނެ ކަމަށެވެ.

މިރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ހެލްތު މިނިސްޓަރު އަހްމަދު ނަސީމު ވިދާޅުވީ ސިއްހީ ހިދުމަތުގެ ދާއިރާ ތަރައްގީކުރަން ވާނީ އެއީ ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ހިދުމަތެއް ކަމުގައި ދެކިގެން ކަމަށެވެ. އަދި ސިއްހީ ދާއިރާ ތަރައްގީކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށްވެސް ވިދާޅުވި އެވެ.

އިންޑިއާ ސަފީރު ވިދާޅުވީ ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގާތްގުޅުމުގެ ތެރެއިން އެންމެ ބޮޑު އިސްކަމެއް ދެނީ ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްގީކުރުމަށާއި މީހުން ބިނާކުރުމަށް ކަމަށެވެ.

މި ސެންޓަރުގައި ނާސިން ސްޓޭޝަނަކާއި، ފަރުވާ ބޭނުންވާ މީހުންނަށް ހާއްސަ 10 އެނދާއި، ބަލި މީހުން ބަލާނެ ކޮޓަރިއާއި ދެ މީޓިން ރޫމުވެސް ހިމެނެ އެވެ. މި ސެންޓަރުގެ ފުރާޅުގައި ސޯލާ ސިސްޓަމް ހަރުކޮށް ބޭނުންކުރަން ނިންމާފައިވަނީ ސޯލާ ކަރަންޓެވެ.

މި ސެންޓަރު ހަދާފައި މިވަނީ އިޖުތިމާއީ ދާއިރާ އިންނާއި އިގުތިސާދީ ދާއިރާ އިން ރާއްޖެއަށް އެހީގެ ގޮތުގައި އިންޑިއާ ސަރުކާރުން ދޭން ނިންމާފައިވާ 106 މިލިއަން ރުފިޔާގެ ތެރެއިންނެވެ.