ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އިންޑިއާއިން ދޭ ވެކްސިނަކީ ކޮވިޑުން އަރައިގަތުމުގެ ފެށުން: ނަޝީދު

Jan 20, 2021
3

އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާ ކުރާ ކޮވިޑް-19 އިގެ ވެކްސިންގެ ފުރަތަމަ ޝިޕްމަންޓަކީ، ރާއްޖޭން މި ބަލިމަޑުކަމުން އަރައިގަތުމުގެ ފެށުމުގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ސިފަ ކުރައްވައިފި އެވެ.

ކޮވިޑް-19 އިން ދިފާއުވުމަށް އިންޑިއާއިން އުފައްދާ އެ މީހުންގެ އަމިއްލަ ވެކްސިން ވަރަށް އަވަހަށް ރާއްޖެއަށް ފޯރު ކޮށްދެއްވާނެ ކަމަށް އިންޑިއާއިން ރާއްޖެ ކަނޑައަޅާފައިވާ ސަފީރު ސަންޖޭ ސުދިރް ވިދާޅުވެފައި ވަނިކޮށް، މިއަދުގެ ވަގުތެއްގައި ވެކްސިންގެ ފުރަތަމަ ޝިޕްމަންޓް ރާއްޖެއަށް ގެންނަ ގޮތަށް ހަމަޖެހިފައިވާ ކަމުގެ އަޑުތައް ވަނީ ގަދަވެފަ އެވެ.

އެކަމާ ގުޅިގެން، ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރާ 100،000 އެކްސްޓްރަޒެނެކާ ވެކްސިން ހިފައިގެން އަންނަ އެއާ އިންޑިއާ ފްލައިޓް މިއަދު އަންނާނެ ކަމަށެވެ.

"ރާއްޖެއަށް މިއީ މި ނުރައްކާތެރި ވައިރަހުން ސަލާމަތްވުމުގެ ފެށުން،" ނަޝީދު ވިދާޅުވި އެވެ.

ސުނާމީގެ އިތުރުން، ފެން ކާރިސާ އާއި 1988 ވަނަ އަހަރުގެ ބަޣާވާތާއި އުދުވާނީ ހަމަލާ މިސާލެއްގެ ގޮތުގައި ނަންގަވަމުން، އެމަނިކުފާނު ވަނީ ރާއްޖެއަށް އެންމެ ބޭނުންޖެހޭ ވަގުތުތަކުގައި އެންމެ ފުރަތަމަ އެހީވާ ގައުމަކީ އިންޑިއާކަން ފާހަގަ ކުރައްވައިފަ އެވެ.

އިންޑިއާގައި ކޮވިޑް ވެކްސިން ދިނުމުގެ ބިޔަ ކެންޕެއިނެއް ފަށާފައިވާއިރު އިންޑިއާގައި ބޭނުން ކުރަނީ ދެ ވެކްސިނެކެވެ. އެއީ އޮކްފޯޑް ޔުނިވާސިޓީ އާއި އެސްޓްރަޒެނެކާއިން އުފައްދާ "ކޮވިޝީލްޑް" ވެކްސިނާއި އިންޑިއާގެ ބާރާތު ބަޔޯޓެކްއިން އުފައްދާ ކޯވެކްސިނެވެ. އެ ދެ ވެކްސިނަށްވެސް ވަނީ ހުއްދަ ދީފައެވެ.

އިންޑިއާއިން ވެކްސިން ޝިޕްމަންޓެއް މިއަދު ރާއްޖެ ފޮނުވާއިރު ކޮވިޑް-19 ގެ ވެކްސިން ޖަހަން ބޭނުންވާ މީހުންނަށް ރަޖިސްޓްރީވުމަށް ވެސް ވަނީ ފުރުސަތު ހުޅުވާލާފައެވެ.

ވެކްސިން ފުރަތަމަ ދޭނީ ސީދާ އަދި ނުސީދާ ގޮތުގައި ބަލިމީހުންނަށް އެހީތެރިވާ މީހުން އަދި ބަލީގައި ބޮޑުވަރު ވެދާނެ މީހުންނަށް އެހީތެރިވާ ސިއްހީ އަދި އިޖުތިމާއީ ގޮތުން ފްރަންޓްލައިންގައި މަސައްކަތް ކުރާ މީހުންނެވެ. އޭގެ ތެރޭގައި، ޑޮކްޓަރުންނާއި ނަރުހުންނާއި، ލެބް ޓެކްނީޝަނުންނާއި އާރުއާރުޓީގެ ސްޓާފުންގެ އިތުރުން ހޮސްޕިޓަލުތަކުގައި މަސައްކަތްކުރާ މީހުން ހިމެނެ އެވެ.

ދެވަނަ ކެޓަގަރީގައި ހިމެނެނީ 50 އަހަރުން މަތީގެ މީހުންނާއި ކޮވިޑް-19 ޖެހިއްޖެނަމަ، ބަލީގައި ބޮޑުވަރު ވެދާނެ މީހުންނެވެ. އޭގެ ފަހުން ދެން އެންމެ އިސްކަމެއް ދެވޭނީ، ޒަރޫރީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ފްރަންޓްލައިންގައި މަސައްކަތްކުރާ މީހުންނަށްކަމަށް އެޗްޕީއޭއިން ވަނީ ނިންމައިފަ އެވެ.

އިނގިރޭސިވިލާތުގެ އޮކްސްފަޑް ޔުނިވާސިޓީ އާއި އެސްޓްރާޒެނެކާ ކުންފުނިން އުފައްދާފައިވާ ވެކްސިން ރާއްޖެއަށް ގެންނަން ނިންމައި، އެކަން ކުރުމަށް ބޭނުންވާ ހާއްސަ ހުއްދަ، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުގެ ހާއްސަ ގަރާރަކުން ދީފައިވަނީ މިދިޔަ އަހަރުގެ ފަހު ދުވަހުއެވެ.