ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އިންޑިއާއިން ހަދިޔާ ކުރަނީ އެއް ލައްކަ ޑޯޒް

Jan 20, 2021
10

އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާ ކުރަނީ އިނގިރޭސިވިލާތުގެ އޮކްސްފަޑް ޔުނިވާސިޓީގެ އެކްސްޓްރާޒެނެކާ ވެކްސިންގެ އެއް ލައްކަ ޑޯޒްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ހާމަކުރައްވާފައިވާއިރު، އެ ޝިޕްމަންޓް ހިފައިގެން އަންނަ އިންޑިއާގެ ގައުމީ އެއާލައިން އެއާ އިންޑިއާގެ ބޯޓު ފުރައިފި އެވެ.

ރާއްޖެއަށް ހަދިޔާ ކުރާ ވެކްސިން އިންޑިއާއިން ތައްޔާރުކޮށްފައިވަނީ ކޮވިޑް-19 ބައްޔަށް މިހާރު އުފައްދާފައިވާ ވެކްސިންތަކުގެ ތެރެއިން، އިނގިރޭސިވިލާތުގެ އޮކްސްފަޑް ޔުނިވާސިޓީ އާއި އެސްޓްރާޒެނެކާ ކުންފުނިން އެ ވެކްސިނާ ގުޅިގެން ތައްޔާރުކުރި ދިރާސާގެ އަލީގަ އެވެ.

އަހަރަކު 1.5 ބިލިއަން ވެކްސިން ޑޯޒް އުފެއްދުމުގެ ގާބިލުކަން ހުރި އިންޑިއާގެ ސީރަމް އިންސްޓިޓިއުޓްއަކީ ދުނިޔޭގެ އެންމެ ގިނައިން ވެކްސިން އުފައްދާ ފަރާތެވެ.

މިގޮތުން، ދުނިޔޭގެ 170 ގައުމެއްގައި ދިރިއުޅޭ ކުދިންގެ ތެރެއިން 65 ޕަސަންޓަށް ދޭ ވެކްސިން އުފައްދާފައިވަނީ ސީރަމް އިންސްޓިޓިއުޓުންނެވެ.

ވެކްސިންގެ ޝިޕްމަންޓް ހިފައިގެން ބޯޓު ފުރިކަން ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީން ބުނެފައިވާއިރު، އެ ބޯޓު މިއަދުގެ މެންދުރުގެ ވަގުތެއްގައި އަންނާނެކަމަށް މައުލޫމާތު ލިބެ އެވެ.

ގިނަ ގައުމުތަކުން އަމިއްލަ ބޭނުމަށް ވެކްސިން ހޯދަމުންދާއިރު، އިންޑިއާއިން ރާއްޖެއަށް ވެކްސިން ހަދިޔާކޮށްފައިމިވަނީ، އިންޑިއާގައި ވެކްސިން ދޭން ފެށިތާ 96 ގަޑިއިރު ތެރޭގައި އެވެ.

އިންޑިއާގެ އިތުރުން، އެމެރިކާ، އިނގިރޭސިވިލާތް، ބްރެޒިލް އަދި މެކްސިކޯ ފަދަ ގިނަ ގައުމުތަކުގައި ވަނީ އެކްސްޓްރާޒެނެކާ ވެކްސިނަށް ހުއްދަ ދީފަ އެވެ.

އިންޑިއާގައި ކޮވިޑް ވެކްސިން ދިނުމުގެ ބިޔަ ކެންޕެއިނެއް ފަށާފައިވާއިރު އިންޑިއާގައި ބޭނުން ކުރަނީ ދެ ވެކްސިނެކެވެ. އެއީ އޮކްފޯޑް ޔުނިވާސިޓީ އާއި އެސްޓްރަޒެނެކާއިން އުފައްދާ "ކޮވިޝީލްޑް" ވެކްސިނާއި އިންޑިއާގެ ބާރާތު ބަޔޯޓެކްއިން އުފައްދާ ކޯވެކްސިނެވެ. އެ ދެ ވެކްސިނަށްވެސް ވަނީ ހުއްދަ ދީފައެވެ.

އިންޑިއާއިން ވެކްސިން ޝިޕްމަންޓެއް މިއަދު ރާއްޖެ ފޮނުވާއިރު ކޮވިޑް-19 ގެ ވެކްސިން ޖަހަން ބޭނުންވާ މީހުންނަށް ރަޖިސްޓްރީވުމަށް ވެސް ވަނީ ފުރުސަތު ހުޅުވާލާފައެވެ.

ވެކްސިން ފުރަތަމަ ދޭނީ ސީދާ އަދި ނުސީދާ ގޮތުގައި ބަލިމީހުންނަށް އެހީތެރިވާ މީހުން އަދި ބަލީގައި ބޮޑުވަރު ވެދާނެ މީހުންނަށް އެހީތެރިވާ ސިއްހީ އަދި އިޖުތިމާއީ ގޮތުން ފްރަންޓްލައިންގައި މަސައްކަތް ކުރާ މީހުންނެވެ. އޭގެ ތެރޭގައި، ޑޮކްޓަރުންނާއި ނަރުހުންނާއި، ލެބް ޓެކްނީޝަނުންނާއި އާރުއާރުޓީގެ ސްޓާފުންގެ އިތުރުން ހޮސްޕިޓަލުތަކުގައި މަސައްކަތްކުރާ މީހުން ހިމެނެ އެވެ.

ދެވަނަ ކެޓަގަރީގައި ހިމެނެނީ 50 އަހަރުން މަތީގެ މީހުންނާއި ކޮވިޑް-19 ޖެހިއްޖެނަމަ، ބަލީގައި ބޮޑުވަރު ވެދާނެ މީހުންނެވެ. އޭގެ ފަހުން ދެން އެންމެ އިސްކަމެއް ދެވޭނީ، ޒަރޫރީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ފްރަންޓްލައިންގައި މަސައްކަތްކުރާ މީހުންނަށްކަމަށް އެޗްޕީއޭއިން ވަނީ ނިންމައިފަ އެވެ.

އިނގިރޭސިވިލާތުގެ އޮކްސްފަޑް ޔުނިވާސިޓީ އާއި އެސްޓްރާޒެނެކާ ކުންފުނިން އުފައްދާފައިވާ ވެކްސިން ރާއްޖެއަށް ގެންނަން ނިންމައި، އެކަން ކުރުމަށް ބޭނުންވާ ހާއްސަ ހުއްދަ، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުގެ ހާއްސަ ގަރާރަކުން ދީފައިވަނީ މިދިޔަ އަހަރުގެ ފަހު ދުވަހުއެވެ.

އެސްޓްރާޒެނެކާ އާއްމު ފިނިހޫނުމިނުގައި ރައްކާ ކުރެވޭ ގޮތަށް އުފައްދާފައިވާ ވެކްސިނެކެވެ.