ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދަރަވަންދޫ

"ދަރަވަންދޫ މީހުން އެއްގޮތަކަށްވެސް މާސްކު ނާޅާ"

ބ. އަތޮޅު ދަރަވަންދޫގައި އެއްގޮތަކަށް ވެސް މީހުން މާސްކު އަޅައިގެން ނޫޅޭ ކަމަށް ވިދާޅުވެ ހެލްތު މިނިސްޓަރު ކެރަފާ އަހުމަދު ނަސީމް ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވައި، ހާހަކާ ގާތްކުރާ އަދަދުގެ އާބާދީއެއް އޮތް އެ ރަށް ލަދު ގަންނަވާލައިފި އެވެ.

ވަރަށް ޑައިރެކްޓް ބަސްމަގެއް ގެންގުޅުއްވާ މިނިސްޓަރުގެ ފަރާތްޕުޅުން މި ކަންބޮޑުވުން ގެންނެވީ އެމްޑީޕީގެ "ރަށްވެހި ފަތިސް" ކެންޕޭންގައި ރޭ ބޭއްވި އޮންލައިން ބައްދަލުވުމުގެ ތެރޭ އަދި މުނާސަބު ވެސް ނޫން ދަނޑިވަޅެއްގަ އެވެ.

ރޭގެ އެ ބައްދަލުވުން ހާއްސަކޮށްފައި އޮތީ ބ އަތޮޅަށެވެ. މި ބައްދަލުވުމުގައި މިނިސްޓަރު ވަނީ ދަރަވަންދޫގައި މީހުން އެއްގޮތަކަށް ވެސް މާސްކު އަޅައިގެން ނޫޅޭ ކަމަށް ވިދާޅުވެފަ އެވެ. ނަސީމް ވިދާޅުވީ އެކަމާ ކަންބޮޑުވުން އޮތް މިންވަރު ބޮޑުވެގެން ކައުންސިލާ ވެސް އެ ވާހަކަ ދައްކާފައިވާ ކަމަށެވެ. ދަރަވަންދޫއަކީ ގިނަ ބަޔަކު އައިސް ގޮސްވާ ރަށަކަށްވެސް ވުމުން އެފަދައިން އަމަލުތައް ބެހެއްޓުން ވަރަށް ނުރައްކާތެރި ކަމަަށެވެ.

"ދަރަވަންދޫގައި އެއްގޮތަކަށް ވެސް މާސްކު އަޅުއްވައިގެން ނޫޅުއްވާ [އެ ރަށު] ބޭފުޅުންނެއް! އެކަމަށް ހާއްސަ ސަމާލު ކަމެއް ދެއްވަން ޖެހޭ. އެކަން ނުކުރައްވާ ކަމަށް ވަނީވިއްޔާ އެހާ ގިނަ ބަޔަކު އައިސް ގޮސްވާ ތަނެއްގައި ކަންތައްތައް ރަނގަޅަކަށް ނުދާނެ،" މިނިސްޓަރު ނަސީމް ފާހަގަ ކުރެއްވި އެވެ.

ދަރަވަންދޫއަކީ އެންމެ ކާރުބާރު ބޮޑު ޑޮމެސްޓިކް އެއާޕޯޓް އޮތް ވެސް ރަށެވެ. ކޮންމެ ދުވަހަކު އެތަށް ފްލައިޓެއް އެ ރަށު އެއާޕޯޓަށް ޖައްސާއިރު ގިނަ އަދަދެއްގެ ފަތުރުވެރިން ދަތުރުކޮށް އުޅެ އެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި މާސްކު އަޅަން މަޖުބޫރު ކޮށްފައި ވަނީ މި މަހުގެ ހަތްވަނަަ ދުވަހު އެވެ. މާސްކު އަޅަން މަޖުބޫރު ކުރީ ކޮވިޑް-19 އިގެ ހާލަތު ގޯސްވާން ފެށުމުންނެވެ. ރަށްރަށުގައި މާސްކު ނާޅާ އުޅޭ މީހުން ޖޫރިމަނާ ކުރާނެ ކަމަށް ވެސް އެޗްޕީއޭއިން ބުނެފައި ވެއެވެ.

މާސްކު ނާޅާ މީހުން ޖޫރިމަނާ ކުރަނީ 1000 ރުފިޔާއިންނެވެ. އެކަމަކު އެއީ ހަމަހަމައިގައި ހިނގާ ކަމަކަށް ނުވާތީ އެކަމަށް އޮންނާނީ ފާޑުކިޔުންތައް އަމާޒުވެފަ އެވެ.