ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑް ތޫފާނުގެ އޮޔާވައި ބާރުވެފައި!

ކޮވިޑް-19 އިގެ ހާލަތު ރާއްޖޭގައި ވަރަށް ނުރައްކާވެފައިވާއިރު އެންމެން ގުޅިގެން މަަސައްކަތް ނުކޮށްފިނަމަ މިއަށްވުރެ މާ ނުރައްކާތެރި ހާލަތަކަށް ރާއްޖެ ވެއްޓިދާނެ ކަމުގެ އިންޒާރު ސަރުކާރުން ދީފި އެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ ޕޮޒިޓިވްވާ މީހުންގެ އަދަދު ދަނީ ބޮޑު ތަނުން އިތުރުވަމުންނެވެ. ޕޮޒިޓިވް ނަންބަރު އިއްޔެވެސް 500 އިން މަތީގައި ހުރިިއިރު އޭގެ ކުރީ ތިން ދުވަހު ނަންބަރު ހުރީ 700 އިން މަތީގަ އެވެ.

މިއީ އެންމެ ގިނަ ބަޔަކު އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ ދުވަސްތަކެވެ. އަދި މިއީ ހަފުތާއެއްގެ ތެރޭގައި އެންމެ ގިނަ މީހުން ޕޮޒިޓިވްވީ ހަފްތާ ވެސް މެއެވެ. މިދިޔަ ހަތް ދުވަސް ތެރޭ 3،000 ވުރެ ގިނަ މީހުންނަށް ބަލި ޖެހިފައި ވެއެވެ. ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ އިރު ޕޮޒިޓިވްވާ މީހުންނާއި ހާލު ބޮޑުވެގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު ބޮޑުތަނުން ވަނީ އިތުރުވެފައެވެ. މާލެ ސަރަހައްދުން އެކަނި ދުވާލަކު 400 އާއި 500 އާ ދެމެދުގެ އަދަދަކަށް ބައެއް ދުވަސް ދުވަހު ޕޮޒިޓިވް ނަންބަރު ހުންނަ ކަމަށެވެ. އަދި ކުރީ ހަފުތާތަކާއި ބަލާއިރު މިހާރު ޕޮޒިޓިވް ނަންބަރު ހުރީ 75 ޕަސެންޓް މަތީގައެވެ.

މިދިޔަ ހަތް ދުވަހަކީ ޕޮޒިޓިވް ކޭސްތަކާއި މަރުތަކުގައި ވެސް ރެކޯޑެކެވެ. އެއް ދުވަހު ހަތް މީހަކު މަރުވި އެވެ. އެއީ ބުރާސްފަތި ދުވަހުއެވެ. ހުކުރު ދުވަހު ހަތަރު މީހުން މަރުވިއެވެ.

އާންމުންނަށް މައުލޫމާތު ދިނުމަށް ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލުވުންތަކުގެ ތެރެއިން ރޭގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒު ވިދާޅުވި ގޮތުގައި ކޮވިޑާ ދެކޮޅަށް ދިވެހިން ފެށި ދަތުރުގައި އަނެއްކާވެސް ހާލަތު ގޯސްވެއްޖެ އެވެ. ތޫފާންގެ ރޯޅި ގަދަވެއްޖެ އެވެ. އޭނާ ވިދާޅުވި ގޮތުގައި އެންމެން އެކުގައި މަސައްކަތް ނުކޮށްފިނަމަ ދެން ދައްކަން ޖެހޭ އަގު ބޮޑުވާނެ އެވެ. އޮތީ ނުރައްކާތެރި ހާލަތެކެވެ.

"އަޅުގަނޑުމެން ކުރަމުން މިދާ ދަތުރުގައި ތޫފާންގެ ރޯޅި ގަދަވެއްޖެ. އޮއި ބާރުވެއްޖެ، ރާޅުތައް ބޮޑެތިވާން ފަށަައިފި! މިއީ އަޅުގަނޑުމެން މިހާތަނަށް ދުށް އެންމެ ހިތާމަވެރި އެންމެ އުނދަގޫ އެންމެ ދަތި ދުވަސްތައް. އަޅުގަނޑުމެން ބުނަން ބޭނުން، ފަހަތަށް ޖެހުމަކީ އަޅުގަނޑުމެންނަށް އޮތް ފުރުސަތެއް ނޫން. އަޅުގަނޑުމެން ފޯކަސް ކުރަން މިއަދު އެބަޖެހޭ،" މަބުރޫކް ވިދާޅުވި އެވެ.

ކޮވިޑް ނަންބަރު ދަށް ކުރުމަށް މިހާރު އަޅާފައިވާ ފިޔަވަޅުތަކުން ނަތީޖާ ނުނުކުންނަ ނަމަ ލޮކްޑައުންއަކަށް ދިއުން އެއީ އެކަށީގެންވާ ކަމެއް ކަމަށް ޓެގް ޓީމުން ވެސް ރޭ ވަނީ ބުނެފަ އެވެ.

"އަޅުގަނޑުމެން ދެކޭ ގޮތުގައި ވަރަށް އަވަހަށް މިއަށްވުރެ މޫވްމަންޓް ރިސްޓްރިކްޝަންތަކެއް ގެންނަން ޖެހޭ. މޫވްމަންޓް ރިސްޓްރިކްޝަންތަކަކާއެކު ވެސް އަދަދުތައް މައްޗަށް ދިއުން ކޮންޓްރޯލް ނުވާނަމަ އެކަށީގެންވާ ލޮކްޑައުންއަކަށް ދާން ޖެހުން ވެސް،" ޓެގް ޓީމުގެ މެންބަރު ޑރ. އަހުމަދު ޝަހީދު ވިދާޅުވި އެވެ.

ހަތް ދުވަހު ޕޮޒިޓިވް ނަންބަރު ހުރި ގޮތް

  • މެއި 2 - 508 މީހަކު ޕޮޒިޓިވް
  • މެއި 3 - 585 މީހަކު ޕޮޒިޓިވް
  • މެއި 4 - 601 މީހަކު ޕޮޒިޓިވް
  • މެއި 5 - 743 މީހަކު ޕޮޒިޓިވް
  • މެއި 6 - 703 މީހަކު ޕޮޒިޓިވް
  • މެއި 7 - 766 މީހަކު ޕޮޒިޓިވް
  • މެއި 8 - 509 މީހަކު ޕޮޒިޓިވް

ކޮވިޑްގެ ހާލަތު ގޯސްވެފައިވާއިރު ވެކްސިން ނުޖެހޭ އުމުރުގެ ކުޑަކުދިން ބައްޔަށް ހުށައެޅޭ މިންވަރު ވެސް ދަނީ އިތުރުވަމުންނެވެ. އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި ފަހުން ކޮންމެ ދުވަހަކު 70 އާއި 80 އާ ދެމެދުގެ އަދަދަކަށް ކުޑަކުދިން ކޮވިޑަށް ޕޮޒިޓިވް ވެއެވެ.

އިއްޔެއަކީ އެ އުމުރުގެ ކުދީން ރެކޯޑް އަދަދަކަށް ޕޮޒިޓިވްވީ ދުވަހެވެ. އިއްޔެ އެކަނިވެސް 134 ކުއްޖަކަށް ބަލި ޖެހިފައި ވެއެވެ.