ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

މާލެ ލޮކްޑައުން ކުރަން ނިންމާފައެއް ނުވޭ: ސަރުކާރު

މާލެ ސިޓީ ލޮކްޑައުން ކުރަން ނިންމާފައިވާ ކަމަށް ދެކެވޭ ވާހަކަތައް ސަރުކާރުން ދޮގުކޮށްފި އެވެ.

އަންނަ އަންގާރަ ދުވަހުން ފެށިގެން މާލެ ސިޓީ ލޮކްޑައުން ކުރަން ނިންމާފައިވާ ކަމަށް ބުނެ ބައެއް ނޫސްތަކުން ފަތުރަމުންދާ ހަބަރުތަކާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒު ވިދާޅުވީ އެފަދަ ނިންމުމެއް ނިންމާފައި ނެތް ކަަމަށެވެ. އަދި ޓެގް ޓީމާއެކު ކުރަމުންދާ މަޝްވަރާތަކުގައި އެފަދަ މަޝްވަރާއެއް ރައީސަށްވެސް އަރުވާފައިނުވާ ކަމަށެވެ.

ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވަމުންދާތީ ރައްކާތެރިކަަމަށްޓަކައި ފިޔަވަޅުތައް ވަނީ ހަރުކަށި ކޮށްފައެވެ.

އެގޮތުން މާލެ ސަރަހައްދުގައި (މާލެ، ހުޅުމާލެ، ވިލިމާލެ) ހަވީރު ހަތަރަކުން ފަތިހު ހަތަރަކާ ދެމެދު ބޭރަށް ނިކުމެ އުޅުން ވަނީ މަނާ ކޮށްފައެވެ.

އަދި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލުމާއި ސަރުކާރު އޮފީސްތައްވެސް ވަނީ މި ފެށޭ ހަފްތާގެ ނިޔަލަށް ބަންދުކޮށްފައެވެ. މެއި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ އެތެރޭގައި ތިބެގެން ކެއިން ބުއިމުގެ ހިދުމަތް ދިނުންވެސް ވަނީ މަނާކޮށްފައެވެ. ނަމަވެސް ޕޮލިސް ޕާމިޓާއެކު މެންދަމު 12 އާއި ހަމައަށް ޑެލިވަރީގެ ހިދުމަތް ދެވޭނެ ކަމަށެވެ. އެޗްޕީއޭއިން ބުނީ ޑައިޑްލއިންއާ ހިލާފުވާ ވިޔަފާރިތައް 24 ގަޑިއިރަށް ބަންދު ކުރާނެ ކަމަށެވެ.

އަދި ދެކުނު އޭޝިޔާގެ ގައުމުތަކުގެ ޓޫރިސްޓުންނަށް ޓުއަރިސްޓް ވިސާ ދިނުން ވަގުތީ ގޮތުން ވަނީ މެދުކަނޑާލާފައެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 20،276 މީހުންނެވެ. މިހާތަނަށް 30،403 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 280 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރެއިން 16 މީހަކު އޮތީ އައިސީޔޫގައެވެ. 8 މީހަކު އޮތީ ވެންޓިލޭޓަރުގައެވެ.

ކޮވިޑް ޖެހޭ މީހުންގެ އަދަދު އިތުރުވެފައިވާއިރު ރާއްޖޭގެ 105 ރަށެއްގައި 2969 މީހަކަށް މިހާރު ވެސް ބަލި ޖެހިފައި ވެއެވެ. 67 ރަށެއް އޮތީ އަރާ ފޭބުން މަނާކޮށްފަ އެވެ.

ކޮވިޑް ޖެހިގެން 120 މީހަކު މަރުވެފައިވާއިރު މިއަދުވެސް ހަތަރު މީހަކު މި ބަލީގައި މަރުވެފައިވެއެވެ.