މިހާރު އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށި ނުކޮށްފިނަމަ ކޮންމެ ދުވަހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ މަދު ކުރަން ގިނަ ދުވަސްތަކެއް ނަގާނެ ކަމަށް ޓެގް ޓީމުން ބުނެފި އެވެ.
މި އަހަރު ފެށުނީއްސުރެ ކޮވިޑް ކޭސްތައް ފެންނަ މިންވަރު ދަނީ އިތުރުވަމުންނެވެ. ފެބްރުއަރީ މަސް ނިމިގެން މިދަނީ ކޮންމެ ދުވަހަކު ޕޮޒިޓިވްވާ މީހުންގެ އަދަދު 100 އިން މަތީގައި ހުރެގެނެވެ. އަދި މި މަހަކީ މިހާތަނަށް އެންމެ ގިނަ މީހުން ކޮވިޑް ބަލީގައި މަރުވި އެއް މަހެވެ. މި މަހު އެކަނިވެސް އަށް މީހަކު ކޮވިޑްގައި މަރުވެފައި ވެއެވެ. މިދިޔަ ޖަނަވަރީގައި ހަތަރު މީހަކު މަރުވިއިރު އެ މަހު 3،000 ވުރެ ގިނަ މީހުންނަށް ބަލި ޖެހުނެވެ.
ކޮވިޑްގެ ހާލަތު ގޯސްވަމުންދާތީ މި މަހުގެ ދެވަނަ ދުވަހުން ފެށިގެން ފިޔަވަޅުތައް ވަނީ ހަރުކަށި ކޮށްފަ އެވެ. ނަމަވެސް ފިޔަވަޅުތަކަށް 23 ދުވަސްވީއިރު ޕޮޒިޓިވް ނަންބަރު ދަށަކަށް ނުދެއެވެ.
އެޗްއީއޯސީގެ ރޭގެ ނޫސްވެރިންގެ ބައްދަލްވުމުގައި ޓެގް ޓީމުގެ މެންބަރު ޑރ. އަހުމަދު ޝަހީދު ވިދާޅުވީ މިހާރު އަޅާފައިވާ ފިޔަވަަޅުން އެކަށީގެންވާ ބަދަލެއް އަންނަ މަންޒަރު ނުފެންނަ ކަމަށެވެ. މިހާރުގެ ހާލަތު ބަދަލުކޮށް އާންމު ހާލަތަށް ދެވޭނެ ގޮތްތަކާމެދު ޓެގް ޓީމުން މަޝްވަރާ ކޮށްފައިވާ ކަމަށާއި އެ ޓީމުގެ ވިސްނުމަކީ ނަންބަރު ދަށް ކުރަން އިތުރު ފިޔަވަޅުތައް އެޅުން ކަމަށް ޝަހީދު ވިދާޅުވި އެވެ.
ޝަހީދު ވިދާޅުވީ ދިގު މުއްދަތަކަށް ނަންބަރުތައް މި ގޮތަށް މަތީގައި ހުރުމަކީ ވަރަށް ނުރައްކާތެރި ހާލަތަކަށް ހިނގައިދާނެ ކަމެއް ކަމަށެވެ.
"އަޅުގަނޑުމެންނަށް މި ފާހަގަ ކުރެވެނީ މިހާރަށް އަޅާފައިވަ ފިޔަވަޅުތަކުން އެދެވޭ ބަދަލުތަކެއް އަންނަ ކަމަކަށް ނުފެނެއޭ. މިހާރު އަޅާފައިވާ ފިޔަވަޅުތައް މި މިންގަނޑުގައި ހުރެއްޖެނަމަ އޭގެ މާނައަކީ އިތުރު ފިޔަވަޅުތައް ނާޅައިފިނަމަ އަދަދުތައް އެގޮތަށް ވަރަށް ގިނަ ދުވަހު ހުންނާނެ ކަމަށް ބެލެވޭ. އަދަދުތައް މަތީގައި ހުރެއްޖެނަމަ އެކަމުގެ ނުރައްކާވެސް ވަރަށް ބޮޑު،" ޝަހީދު ވިދާޅުވި އެވެ.
ފިޔަވަޅުތައް އަޅަން ހަރުކަށި ކުރުން މުހިންމު ވަނީ އަލުން ފުލް ލޮކްޑައުންއަކަށް ނުދާން ކަމަށް ވެސް ޝަހީދު ވިދާޅުވި އެވެ. މިހާރު ހުރި ފިޔަވަޅުތަކުގައި ތިބެގެން ނަތީޖާ ނުނެރެވި އިތުރަށް ހާލަތު ގޯސްވެއްޖެނަމަ ދެން މަޖުބޫރު ވާނީ ލޮކްޑައުން ކުރަން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަޅުގަނޑުމެންނަށް މި ފާހަގަ ކުރެވެނީ މިހާރަށް އަޅާފައިވަ ފިޔަވަޅުތަކުން އެދެވޭ ބަދަލުތަކެއް ނާންނަ ކަމަކަށް. އިތުރު ފިޔަވަޅުތައް ނާޅައިފިނަމަ އަދަދުތައް މަތީގައި ވަރަށް ގިނަ ދުވަހު ހުންނާނެ ކަމަށް ބެލެވޭ. އަދަދުތައް މަތީގައި ހުރެއްޖެނަމަ އެކަމުގެ ނުރައްކާވެސް ވަރަށް ބޮޑުޑރ. އަހުމަދު ޝަހީދު | ޓެގް ޓީމުގެ މެންބަރު
އޭނާ ވިދާޅުވީ ކޮވިޑްގެ ހާލަތު ކުރީން ގޯސްވި ދުވަސްތަކުގައި ފިޔަވަޅުތައް ހަރުކަށި ކުރުމުން ނަތީޖާ ނުކުތް ނަމަވެސް މިފަހަރު އެޅި ފިޔަވަޅުތަކުން އެކަށީގެންވާ ނަތީޖާއެއް ނުނުކުތް ކަމަށެވެ.
"ދެވަނަ ސާޖާ އަޅާބަލާއިރު، ކުރީ ފަހަރުތަކާއި އަޅާބަލާއިރު މި ފަހަރު ވެހިކަލް ދުއްވުން މަނާކުރި ނަމަވެސް މީހުންގެ މޫވްމަންޓްތަކަށް މާބޮޑު ބަދަލެއް އަންނަ ކަމެއް ފާހަގައެއް ނުކުރޭ. އަޅުގަނޑު ކުރީންވެސް ފާހަގަކުރި ގޮތަށް ބައްޔާމެދު މީހުންގެ ސަމާލުކަން ވަނީ ވަރަށް ބޮޑަށް ކުޑަވެފައި،" ޝަހީދު ވިދާޅުވިއެވެ.
މާލޭގައި ކޮވިޑް-19 އިގެ ހާލަތު ވަރަށް ގޯސްވެ ކޮންޓްރޯލުން ނެއްޓިފައިވާ ކަމަށާއި އެކަމާ ގުޅިގެން ފިޔަވަޅުތައް ހަރުކަށި ކުރާނެ ކަމަށް ހެލްތް މިނިސްޓަރު ކެރަފާ އަހުމަދު ނަސީމް އިއްޔެ ވަނީ އިންޒާރު ކުރައްވާފަ އެވެ.
ކޮވިޑްޖެހޭ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވެ ރާއްޖޭގެ ހާލަތު ވަރަށް ބޮޑަށް ގޯސްވުމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކޮށްފައި ވަނީ މި މަހުގެ ދެވަނަަ ދުވަހުން ފެށިގެންނެވެ. އެ ގޮތުން ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 4:30 އަށް ކުރިއަށް ކާފިއު ދަނީ ހިންގަމުންނެވެ. ކަސްރަތު ކުރާ މީހުންނާއި އުމުރުން ދުވަސް މީހުންނަށް ފިޔަވައި، ޕާކުތައްވެސް ވަގުތީ ގޮތުން ބަންދު ކޮށްފައިވާއިރު ގިނަ ބަޔަކު އެއްވެގެން ކުރިއަށް ގެންދާ ކުޅިވަރު ހަރަކާތްތަކާއި ޓީމު ކުޅިވަރުތައް ވެސް ވަނީ މަނާ ކޮށްފަ އެވެ. އަދި ނާސަރީ އާއި ޕްރީ-ސްކޫލް ހިދުމަތް ދޭ ތަންތަން ބަންދު ކުރުމުގެ އިތުރުން ޔުނިވާސިޓީތަކާއި ކޮލެޖުތައް އޮންލައިންކޮށް ކިޔަވައި ދިނުމަށް ވަނީ އަންގައިފަ އެވެ.
ޕާޓީތަކާއި ހަފްލާތައް އަދި ރަސްމިއްޔާތުތައް ބޭއްވުން ވެސް ވަނީ މަނާ ކޮށްފަ އެވެ. ރެއިން ފެށިގެން މާލެ އާއި ހުޅުމާލެ އާއި ވިލިމާލެ އަދި ތިލަފުށްޓާއި ގުޅީފަޅުގައި ހިންގާ ކެފޭ އާއި ހޮޓާ / ރެސްޓޯރަންޓް ފަދަ އާންމުންނަށް ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަނުން ޓޭކް އަވޭ އާއި ޑެލިވަރީގެ ހިދުމަތް ފިޔަވައި އެހެން ހިދުމަތް ރޭގަނޑު 8:00 އިން ފެށިގެން ހުއްޓާލަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އަންގާފަ އެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ބަދަލު ގެނެސް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ ރޭ ނެރުނު އެންގުމުގައި ބުނެފައި ވަނީ މާލެ އާއި ހުޅުމާލެ އާއި ވިލިމާލެ އަދި ތިލަފުށްޓާއި ގުޅީފަޅުގައި ހިންގާ ކެފޭ އާއި ހޮޓާ / ރެސްޓޯރަންޓް ފަދަ އާންމުންނަށް ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަނުން ޓޭކް އަވޭ އާއި ޑެލިވަރީގެ ހިދުމަތް ފިޔަވައި އެހެން ހިދުމަތް ރޭގަނޑު 8:00 އިން ފެށިގެން ހުއްޓާލަން އަންގާ ކަމަށެވެ. އަދި މިހާރުން ފެށިގެން ޑެލިވަރީގެ ހިދުމަތް ދެވޭނީ ރޭގަނޑު 10:30 ވަންދެން ކަމަށެވެ. އެ އެންގުމަށް ކުރިއަށް އޮތް ހަތް ދުވަހަށް އަމަލު ކުރަން ވަނީ އަންގާފައެވެ.