ހަބަރު

ވެރި ރަށެއްގެ ސިފަ ވޭމަންޑޫއަށް ލިބުމަކީ އެދުމެއް: ކައުންސިލް

ތ. ވޭމަންޑުއަކީ އަތޮޅުވެރިކަން ކުރާ ރަށް ކަމަށްވުމާއެކު ވެރިކަންކުރާ ރަށެއްގެ ސިފަ އެރަށަށް ލިބުމަކީ ރައްޔިތުންގެ ވަރަށް ބޮޑު އެދުމެއް ކަމަށް ވޭމަންޑޫ ކައުންސިލުން ބުނެފި އެވެ.

ވޭމަންޑޫ ކައުންސިލުން އެހެން ބުނެފައިވަނީ މިއަދު ރައީސް އޮފީހުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާއެކު ބޭއްވި ބައްދަލުވުމުގަ އެވެ. މިއަދު މެންދުރުފަހު ބޭއްވި އެ ބައްދަލުކުރެއްވުމުގައި، ވޭމަންޑޫ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަމާއި، ރައްޔިތުންގެ ކަންބޮޑުވުންތައް ކައުންސިލްގެ ފަރާތުން ވަނީ ރައީސް ސޯލިހުއާއި ހިއްސާކޮށްފަ އެވެ.

އެގޮތުން ވޭމަންޑުއަކީ އަތޮޅުވެރިކަން ކުރާ ރަށް ކަމަށްވުމާއެކު ވެރިކަންކުރާ ރަށެއްގެ ސިފަ އެރަށަށް ލިބުމަކީ ރައްޔިތުންގެ ވަރަށް ބޮޑު އެދުމެއް ކަމަށާއި، ރައްޔިތުންނަށް ރަށުން ލިބެންޖެހޭ ބައެއް އަސާސީ ހިދުމަތްތައްވެސް ރަށުގައި ފުރިހަމަ ނުވާކަމަށާއި، އެރަށަކީ ކޮންމެ ދުވަހަކު ގިނަ ބަޔަކު ޒިޔާރަތްކުރާ ރަށެއް ކަމުގައި ވީނަމަވެސް އެކަށީގެންވާ ބަނދަރެއް ވޭމަންޑޫގައި ނެތްކަން ކައުންސިލުން ވަނީ ފާހަގަކޮށްފަ އެވެ.

އަދި، ރަށުގެ މަގުތައް އެކަށީގެންވާ ފެންވަރަކަށް ހެދިފައި ނެތުމުގެ ސަބަބުން ރައްޔިތުންނަށް އެތައް ތަކުލީފެއް އުފުލަންޖެހިފައިވާ ކަމަށްވެސް ވޭމަންޑޫ ކައުންސިލުން ވަނީ އެ ބައްދަލުވުމުގައި ބުނެފަ އެވެ.

އެ ބައްދަލުވުމުގައި ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅުގައި، ރައްޔިތުންނަށް ދިމާވާ އެކިއެކި ދަތިތައް ހައްލު ކޮށްދެއްވުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެ، ހުރިހާ ގޮތަކުން ކައުންސިލްތައް ބާރުވެރި ކުރުވައި، ލާމަރުކަޒީ ނިޒާމުގެ ދަށުން ވެރިކަން ހިންގެވުމަށްޓަކައި އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ މައްޗަށް އަލިއަޅުއްވާ ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ.