ލަންކާގައި ދިރިއުޅޭ ގިނަ ދިވެހިންނެކޭ އެއްގޮތަށް އަމިއްލަ ގެދޮރު ކުއްޔަށްދީފައި ކުދިންނާއެކު ލަންކާއަށް ބަދަލުވި ދެމަފިރިއަކު ކުއްލިއަކަށް އެނބުރި މާލެ އަންނަން ނިންމީ އެވެ. އެ މީހުންގެ ހިޔާލު ބަދަލުވީ ބުރުގައި އަޅައިގެން މަގުމައްޗަށް ނުނުކުމެވޭ ގައުމެއްގައި ތިބެން ބޭނުންވާތީ އެވެ.
"އެމްބަސީގައި އަރެމެން ބުނެފިން، އަހަރެމެންގެ ކުޑަ އާއިލާ ގައުމަށް ފޮނުވައިދޭން. ފޮނުވައިދޭށޭ މި ބުނީ އެހީވެދޭން،" އަންހެން މީހާ މިއަދު ފޯނުން ބުންޏެވެ.
ލަންކާގެ ހަމާލާތަކުގެ ހާދިސާއަށް ފަހު ދިވެހި ވަރަށް ގިނަ އާއިލާއެއްގެ ވިސްނުން ވަނީ މިހާރު ބަދަލުވެފައެވެ. ވަރަށް ގިނަ މީހުން ބޭނުމީ މާލެއަށް ބަދަލުވާށެވެ.
މަރިޔަމް ޝަމްލާއަކީ ކޮލަމްބޯއިން ބޭރުގައި އުޅޭ އަންހެނެކެވެ. އޭނާ މިއަދު ބުނި ގޮތުގައި ސްރީލަންކާގައި ދީނީ ހަރުކަށި ފިކުރުގެ ރަހުމްކުޑަ ބަޔަކު ދިން ލާއިންސާނީ ހަމަލާތަކުގެ އަގު ދައްކަންޖެހިފައި ވަނީ އެ ގައުމުގައި މިހާތަނަށް ސުލްހަވެރިކަމާއެކު ދިރިއުޅެމުން އައި މުސްލިމުންނެވެ.
"ހާއްސަކޮށް ދިވެހިން، އެކަމަކު އަހަރެމެން ކުށެއް ނުކުރަަން. އަހަރެމެން މީ މުސްލިމުންނާވުމުން އޭގެ އަގު އަދާ ކުރާ ބަޔަކަށް މިވީ އަހަރެމެން. ފުރައިގެންދާން މިޖެހެނީވެސް އަހަރެމެން،" އޭނާ ބުންޏެވެ.
އިސްލާމު ދީނުގެ ނަން ހިފައިގެން ނުކުމެ އުޅުނު "މީސްކޮޅެއް" ގެ އަމަލަކުން ލަންކާގައި އުޅޭ ހުރިހާ މުސްލިމުންގެ ނިއްކުރީގައި "ޓެރަރިސްޓު" ންގެ ލޭބަލަކާއި ސިއްކައެއް ވަނީ ޖެހިފަ އެވެ. މިއީ ހަމައެކަނި ލަންކާއަށް އޮތް މައްސަލައެއް ނޫނެވެ. މީގެ އަސަރު ރާއްޖެއަށް ބޮޑެވެ. ލަންކާ އާދީއްތައިގެ ބިޔަ ބޮޑު ރާޅު އައިސް ބީއްސާލަނީ ރާއްޖޭގެ ގޮނޑުދޮށަށެވެ.
ލަންކާގެ "ނުރައްކާތެރި އާދީއްތަ" އިގެ ހަމަލާތަކަށް އަށް ދުވަސްވެފައިވާއިރު، ދިވެހިންގެ އަވަށްޓެރި އެ ގައުމުގައި ދިރިއުޅޭ 15،000 އަށްވުރެ ދިވެހިން ފުރަތަމަ ދުވަހުން ފެށިގެން ބިރުވެރި ކަމާއި ނާމާން ކަމުގެ ހާލަތު ދަނީ ތަހައްމަލު ކުރަމުންނެވެ.
"މުސްލިމުންނަށްވީތީ އަދި ދިވެހިންނަށްވީތީ އެއްވެސް އިސްތިސްނާއެއް ނެތް! ސްރީލަންކާގެ މާހައުލަކީ ކޮންމެ މީހަކުވެސް ޝައްކާއި ވަހުމްގެ ކަޅިން އަނެކާއާ ދިމާއަށް ބެލުމުގެ މާހައުލަކަށް ބަދަލުވެއްޖެ ފުރަތަމަ ދުވަހުވެސް. އެހެންވެ ރާއްޖެ ބަދަލުވުމުގެ ހިޔާލު އުފެއްދިއްޖެ،" މާލެ ބަދަލުވުމުގެ ހިޔާލު ބޮޑުވެފައިވާ އަންހެނަކު ބުންޏެވެ.
މާލެ އާއި އައްޑު އަތޮޅު ހިތަދޫ ފިޔަވައި ދިވެހިންގެ އެންމެ ބޮޑު އާބާދީއެއް އޮތީ ލަންކާގަ އެވެ. އޭގެ ތެރޭގައި ގިނައީ ދަރިންނަށް ކިޔަވައިދޭން ފިރިންނާއި ދުރުގައި ގޮސްތިބި އަންހެނުންނެވެ. -- ގިނައީ ބުރުގާ އެޅި އަންހެނުންނެވެ.
ނުރައްކާތެރި ހަމަލާތަކުން އަދިވެސް އަރައި ނުގަނެވިގެން އުޅޭ ގައުމުގައި ގެއަށް ބާޒާރު ކުރުން ފަދަ ޒަރޫރީ ބޭނުންތައް ފުއްދުމަށް ވެސް ވަނީ ބޮޑެތި ހުރަސްތައް ކުރިމަތިވެފަ ވަނިކޮށް އެހެން ހާސް ކަމެއް ވަނީ ކުރިމަތިވެފައެވެ. މީގެ އަސަރު އެންމެ ބޮޑަށް އޮތް އެއް ބަޔަކީ ލަންކާގައި ތިބި ދިވެހިންނެވެ.
ދެވަނަ ވަޒަނުގެ ގޮތުގައި ދިވެހިން ދެކޭ ލަންކާގައި މިވަގުތު ފެތުރިފައިއޮތް ބިރުވެރިކަމަށް ބުރުގާގެ ގޮތުގައި އާ ބޮޅެއް ވަނީ އިތުރުވެފަ އެވެ. ގައުމީ ސަލާމާތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ބުނެ މޫނު ނިވާކޮށްގެން އުޅުން މިއަދުން ފެށިގެން ވަނީ އެގައުމުގައި މަނާކޮށްފައިވާތީ އެވެ.
ރައީސް މައިތްރިޕާލާ ސިރިސޭނާގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ރައީސް ސިރިސޭނަ އެގޮތަށް ނިންމާފައިވަނީ، އެ ހަމަލާތަކުގެ ތުހުމަތުކުރެވޭ މީހުން ހޯދަން ސަލަމާތީ ބާރުތަކުން ކުރަމުންދާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުންނެވެ
އިއްޔެގެ އެ ނިންމުމާއެކު ލަންކާގައި މޫނު ބުރުގާ އަޅައިގެން އުޅޭ ދިވެހި އަންހެނުންނަށް މިހާރު ގޮތް ހުސްވީ އެވެ. ދެ ކުދިންނަށް ކިޔަވައިދޭން ލަންކާގައި ދިރިއުޅޭ ދިވެހި އަންހެނެއް ބުނި ގޮތުގައި ކިތަންމެ ބިރުވެރި ނަމަވެސް، ހިތްވަރުކޮށްލައިގެން ރާއްޖޭ ނުދާން ތިބީ ދަރިފުޅުގެ ހައްގު އެވެ. އެކަމަކު ދެން ޖެހޭނީ އެނބުރި އަމިއްލަ ވަޒަނަށް ދަތުރު ފަށާށެވެ.
"އެކަމަކު ދެން އިތުރު ގޮތެއް ނޯންނާނެ ދެއްތޯ. މިހާރު މާލެ ނުގޮސް ވާނެގޮތެއް ނެތް ހަމަ. ވަރަށް ދެރަ ކުދިންގެ ކިޔެވުން ހަލާކުވެދާނެތީ،" ގްރޭޑް 7 އަދި 6 ގައި ކިޔަވަމުންދާ ދެ ކުދިންނާއެކު ދެހިވަލާގައި އުޅޭ އެ އަންހެންމީހާ ނަން ހާމަނުކުރަން އެދި މިއަދު ބުންޏެވެ.
ލަންކާގައި މޫނު ބުރުގާ އަޅައިގެން އުޅޭ ދިވެހި އަންހެނުންނާއި އެމީހުންގެ އާއިލާތަކަށް މިހާރު ކުރިމަތިވެފައިވަނީ ވަރަށް ހިތާމަވެރި ދުވަސްތަކެކެވެ. ދިވެހި އަންހެނަކު ބުނި ގޮތުގައި މޫނު އަޅައިގެން މަގުމައްޗަށް ނުކުތުމަކީ މިހާރު ލަންކާގައި ކުށެކެވެ. އެހެންވެ ގާނޫނީ ގޮޅިއަކަށް ފެތެން ބޭނުންނުވާތީ އޭނާ އިންނަނީ ގޭގައި މަޑުކޮށްލައިގެނެވެ. އޭނާގެ ބޭނުންތައް މިވަގުތަށް ފުއްދައި ދެނީ ރައްޓެހިންނެެވެ. މި މައްސަލާގައި އޭނާ ބުނާ ގޮތުން ދިވެހިންނަށް އޮތީ ދެ މަގެކެވެ.
"އަޅުގަނޑު މިހާރު ނުނިކުންނަށް ގެއިން ވެސް. އަޅުގަނޑަށް ދެން އެހާ އުނދަގުލެއްނުވޭ ފިރިމީހާ މިކޮޅުގަ ހުންނާތީ އާއި ރައްޓެހިން ވެސް އުޅޭތީ. އެކަމަކު މި ބަދަލަށް ފަހު އަޅުގަނޑު ދަންނަ އެހެން ދެ މީހަކުވެސް މިހާރު ރާއްޖެ ބަދަލުވާން ނިންމައިފި. ގިނަ މީހުނާ ފޯނުން ދިމާވީމާ ބުނަނީ ބޭމީ ދެން ބަދަލުވާށޭ! މަގުމައްޗަށް ނުނިކުމެވޭ ގައުމެއްގައި ކިހިނެއްތޯ އުޅޭނީ ވެސް!" މާޔޫސްވެފައި ހުރި އެ މިހާ ފޯނުން ކިޔައި ދިނެވެ.
"ވީއެންމެ އަވަހަކަށް މާލެ ދާނަން. ދެން ފުރަން އެއާޕޯޓަށް ދާ ދުވަހު ޖެހޭނީ މޫނު ނަގަން. އެނޫން ގޮތަކަށް މަގުމައްޗަަކަށް ނުނިކުމެވޭނެ ދެއްތޯ،" އޭނާ ބުނެލި އެވެ.
ލަންކާގައި ބުރުގާ އަޅައިގެން ތިބޭ އަންހެނުން ސުޕަމާކެޓްތަކަށާއި، ފިހާރަތަކަށް މިހާރު ނުވައްދަ އެވެ. ހާއްސަކޮށް ދިވެހިން އަންހެނުންނަށް ވަރަށް ބޮޑަށް ފާރަވެރިވެ އެވެ. ދިވެހިން ތަނަކަށްދާން އަރާނެ ކުރޮޅިއެއް ނުލިބެ އެވެ. އަދިވެސް ކުއްލި ހާލަތު އިއުލާނު ކޮށްފައިވާ ބޭރު ފަސްގަނޑުގައި ހަތިޔާރު އެޅި ސަލާމަތީ ބާރުތަކުގެ ނަޒަރުން އެއްވެސް މީހަކު ކައްސައެއް ނުލަ އެވެ.