ދުނިޔެ

ލަންކާގައި ސޯޝަލް މީޑިއާ ބޭނުންކުރުމުގެ ހުއްދަ އަލުން ދީފި

Apr 30, 2019

ކޮލޮމްބޯ (އޭޕްރީލް 30) - މިދިއަ ހަފްތާގެ އާދީއްތަ ދުވަހު ސްރީލަންކާގައި ދިން ބޮމުގެ ހަމަލާތަކަށްފަހު ސޯޝަލް މީޑިއާ ބޭނުންކުރުމުގެ ހުއްދަ އަލުން ދީފި އެވެ.

އެ ހަމަލާތަކަށްފަހު ނުބައި މައުލޫމާތު ފެތުރުން ހުއްޓުވުމަށްކަމަށް ބުނެ މަނާކޮށްފައިވާ ފޭސްބުކް، ވަޓްސްއެޕް އަދި ވައިބާ ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމުތައް އަލުން ހުޅުވާލާފައިވާކަމަށް ލަންކާގެ ޑިރެކްޓާ ޖެނެރަލް އޮފް އިންފޮމޭޝަން މިއަދު ވަނީ ވިދާޅުވެފަ އެވެ.

ކްރިސްޓިއަނުންގެ ފައްޅިތަކެއްގެ އިތުރުން މަތީފަންތީގެ ހޮޓާތަކަކަށް ދިން އެ ހަމަލާތަކުގައި މިހާތަނަށް 250 އަށް ވުރެ ގިނަ މީހުން މަރުވެ 500 އެއްހާ މީހުން ވަނީ ޒަހަމްވެފަ އެވެ.

އެ ހަމަލާގެ ފަހަތުގައި ތިބި އިތުރު މީހުން ހޯދުމުގެ އޮޕަރޭޝަންތައް ކުރިއަށްދާއިރު، ގައުމީ ސަލާމާތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ބުނެ މޫނު ބުރުގާ އަޅައިގެން އުޅުންވެސް އިއްޔެ އިން ފެށިގެން ވަނީ މަނާކޮށްފަ އެވެ.

އެ ހަމަލާގެ ތުހުމަތު ކުރެވޭ މީހުން ހޯދުމުގެ އޮޕަރޭޝަންތަކުގައި ސަލަމާތީ ބާރުތަކުގެ 10،000 އަށް ވުރެ ގިނަ އޮފިސަރުން ހަރަކާތްތެރިވަމުންދާއިރު، މިހާތަނަށް 80 އަށް ވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފަ އެވެ.

އައިއެސްއަށް ތާއީދުކުރާ 130 ވުރެ ގިނަ މީހުން ލަންކާގައި ހަރަކާތްތެރިވަމުންދާ ކަމަށާއި، އޭގެ ތެރެއިން 70 މީހުން އަދިވެސް ފިލައިގެން އުޅޭކަމަށް ރައީސް މައިތިރިޕާލަ ސިރިސޭނަ އިއްޔެ ވަނީ ނޫސްވެރިންނަށް ވިދާޅުވެފަ އެވެ.

ހަމަލާތައް ދިން އިސްލާމީ ހަރުކަށި ފިކުރުގެ "ނެޝަނަލް ތައުހީދު ޖަމާއަތު" ނަމަކަށް ކިޔާ ގުރޫޕަކަށް "ބޭރުގެ ނެޓުވާކަކުން" އެހީތެރިވެދީފައިވާ ކަމަށް ލަންކާ ސަރުކާރުން ވަނީ ބުނެފަ އެވެ. އެގޮތުން، ސީރިއާ އަދި އިރާގުގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓް (އައިއެސް) ގެ އަތެއްވާކަމަށް ސަރުކާރުން އިތުރަށް ބުނެފައިވެ އެވެ.