ދުނިޔެ

ކަންފަތް ފޮރުވުން މަނާވާތީ ލަންކާގައި ބުރުގާވެސް ނޭޅޭނެ

Apr 30, 2019
4

މިދިއަ ހަފްތާގެ އާދީއްތަ ދުވަހު ސްރީލަންކާގައި އިސްލާމީ ހަރުކަށި ޖަމާއަތަކުން ދިން ބޮމުގެ ހަމާލަތަކަށްފަހު އެ ގައުމުގައި މޫނު ނިވާކޮށްގެން އުޅުން އިއްޔެ އިން ފެށިގެން މަނާކޮށްފައިވާއިރު، ކަންފަތް ފޮރުވޭގޮތަށް ބޮލުގައި އެއްޗެއް އަޅައިގެން އުޅުންވެސް މަނާކޮށްފައިވާތީ، ބުރުގާ އަޅައިގެން އުޅުން ވެސް މިހާރު ވަނީ މަނާވެފަ އެވެ.

ކްރިސްޓިއަނުންގެ ފައްޅިތަކެއްގެ އިތުރުން މަތީފަންތީގެ ހޮޓާތަކަކަށް ދިން އެ ހަމަލާތަކުގައި މިހާތަނަށް 250 އަށް ވުރެ ގިނަ މީހުން މަރުވެ 500 އެއްހާ މީހުން ވަނީ ޒަހަމްވެފަ އެވެ.

ގައުމީ ސަލާމާތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ، އެ ހަމަލާތަކުގެ ތުހުމަތުކުރެވޭ މީހުން ހޯދުމަށް ސަލަމާތީ ބާރުތަކުން ކުރަމުންދާ މަސައްކަތަށް އެހީތެރިވުމަށްކަމަށް ބުނެ ރައީސް މައިތިރިޕާލާ ސިރިސޭނާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން އެޅި މި ފިޔަވަޅާއެކު އެގައުމުގެ މަގުތަކާއި އާންމުން އެއްވެ އުޅޭ ތަންތަން އަދި ދުއްވާ އެއްޗެއްސަށް އަރާއިރު ކާކުކަން ނޭނގޭ ގޮތަށް ހަރަކާތްތެރިވުން ވަނީ މަނާކޮށްފަ އެވެ.

ލަންކާގައި އަދިވެސް އިއުލާނުކޮށްފައިވާ ކުއްލި ހާލަތުގެ ދަށުން، މިހާރު ގެޒެޓުކޮށްފައިވާ ރައީސްގެ އެ ނިންމުމުގައި ބުނެފައިވަނީ މޫނު ނިވާކުރުމުގެ އިތުރުން، ހާއްސަ ހާލަތުގެ ދަށުން ކަންފަތް ފޮރުވޭ ގޮތަށް ބުރުގާ އަޅައިގެން އާންމު ތަންތަނުގައި ހަރަކާތްތެރިވުމަކީވެސް މަނާކަމެއް ކަމަށެވެ.

ބުރުގާގެ އިތުރުން މުޅި މޫނު ނިވާވާގޮތަށް ހެލްމެޓު އެޅުންވެސް މިހާރު މަނާވާނެ އެވެ. ލަންކާގެ އިސްލާމީ ކަންތައްތަކާ ބެހޭ މައި ޖަމިއްޔާ "އޯލް ސިިލޯން ޖަމިއްޔަތުލް އުލަމާ" (އޭސީޖޭޔޫ) އިން ވެސް ވަނީ ހަމަލާތަކަށްފަހު، މޫނު ބުރުގާ އެޅުން މަނާކުރުމަށް ސަރުކާރަށް ލަފާދީފަ އެވެ.

ނަމަވެސް، ދައިމީކޮށް މޫނު ބުރުގާ މަނާކުރުމަށް ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން ލަންކާގައި ދިރިއުޅޭ މުސްލިމުން ވަނީ ކަންބޮޑުވުން ފާޅުކުރަން ފަށައިފަ އެވެ.

އެ ހަމަލާގެ ތުހުމަތު ކުރެވޭ މީހުން ހޯދުމުގެ އޮޕަރޭޝަންތަކުގައި ސަލަމާތީ ބާރުތަކުގެ 10،000 އަށް ވުރެ ގިނަ އޮފިސަރުން ހަރަކާތްތެރިވަމުންދާއިރު، މިހާތަނަށް 80 އަށް ވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފަ އެވެ.

އައިއެސްއަށް ތާއީދުކުރާ 130 ވުރެ ގިނަ މީހުން ލަންކާގައި ހަރަކާތްތެރިވަމުންދާ ކަމަށާއި، އޭގެ ތެރެއިން 70 މީހުން އަދިވެސް ފިލައިގެން އުޅޭކަމަށް ރައީސް މައިތިރިޕާލަ ސިރިސޭނަ ކުރިން ވަނީ ވިދާޅުވެފަ އެވެ.

ހަމަލާތައް ދިން އިސްލާމީ ހަރުކަށި ފިކުރުގެ "ނެޝަނަލް ތައުހީދު ޖަމާއަތު" ނަމަކަށް ކިޔާ ގުރޫޕަކަށް "ބޭރުގެ ނެޓުވާކަކުން" އެހީތެރިވެދީފައިވާ ކަމަށް ލަންކާ ސަރުކާރުން ވަނީ ބުނެފަ އެވެ. އެގޮތުން، ސީރިއާ އަދި އިރާގުގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓް (އައިއެސް) ގެ އަތެއްވާކަމަށް ސަރުކާރުން އިތުރަށް ބުނެފައިވެ އެވެ.