ވިޔަފާރި

ރޯދަ މަހު ބާޒާރުގެ އަގުތައް ހިފަހައްޓަން ސަރުކާރުން މަސައްކަތް ކުރަނީ

Apr 30, 2019
4

ރޯދަ މަހު ޑިމާންޑް ބޮޑުވާ ބާވަތްތަކުގެ އަގުތައް ހިފަހައްޓަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނި ގޮތުގައި ރޯދަ މަހަށް ހާއްސަ ބާވަތްތަކުގެ ސަޕްލައި އެސްޓީއޯއާ ގުޅިގެން އިތުރު ކުރަން މަސައްކަތް ފަށާފައިވާ ކަމަށެވެ.

ރޯދަ މަހު އެންމެ ބޮޑަށް އަގުތައް މަތިވެގެންދާ ބާވަތްތަކަކީ ފިޔާ، އަލުވި އަދި ބިހެވެ. މި އަހަރުގެ ރޯދަ މަހަށް ހާއްސަކޮށް އެސްޓީއޯ އިން ވަނީ މި ބާވަތްތައް ރާއްޖެ ގެނެސްފަ އެވެ.

އެސްޓީއޯ އިން ފިޔާ އަލުވި އަދި ބިސް ގެނެސް ރީޓޭލްކޮށް ފިޔާ ކިލޯއެއް ވިއްކަނީ 7 ރ. އަށެވެ. އަލުވި ކިލޯއެއް 8.50 ރ. ވިއްކާއިރު، ބިހެއް ވިއްކަނީ 1.50ރ. އަށެވެ. ސުޕަމާޓް ހޯލްސޭލް ސެންޓަރުން ފިޔާ ބަސްތާއެއް ވިއްކަނީ 140 ރުފިޔާ އަށެވެ. އަދި އަލުވި ބަސްތާއެއް 180 ރުފިޔާ އަށް ވިއްކާއިރު، ބިސް ކޭހެއް ވިއްކަނީ 270 ރުފިޔާ އަށެވެ. އަދި އެސްޓީއޯ ސުޕަމާޓް ހޯލްސޭލް ސެންޓަރުން ގަނޑުކޮށް 25 ކޭހަށް ވުރެ މަތިން މި ބާވަތްތައް ނަގާ ފަރާތްތަކަށް ފިޔާ ބަސްތާއެއް 130 ރުފިޔާ އަށް ވިއްކާނެ އެވެ. އަލުވި ބަސްތާއެއް 170 ރުފިޔާ އަށް ވިއްކާ އިރު ބިސް ކޭހެއް ވިއްކާނީ 260 ރުފިޔާ އަށެވެ.