ނަވާރަ ވަނަ ރައްޔިތުން މަޖިލީހުގެ ފުރަތަމަަ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފި އެވެ.
ގާނޫނު އަސާސީގެ 82 ވަނަ މާއްދާގައިވާ ގޮތުން އަލަށް އިންތިހާބުވާ މަޖިލީހުގެ ފުރަތަމަ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީި މަޖިލީހުގެ މެންބަރުންގެ ތެރެއިން މެދުނުކެނޑި އެންމެ ގިނަ ދުވަސްވީ މެންބަރެކެވެ. އަދި އެއް މެންބަރަށްވުރެ ގިނަ މެންބަރުން ތިއްބެވިނަމަ ރިޔާސަތު ބަލަހައްޓަވާނީ އޭގެ ތެރެއިން އެންމެ ދޮށީ މެންބަރެެވެ.
މަޖިލީހުގެ އިދާރާއިން ބުނީ، އަންނަ ދައުރުގެ ފުރަތަމަ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ ސިޔާމް ކަމަށެވެ. އޭނާ އަކީ މިވަގުތު ތިއްބެވި މެންބަރުންގެ ތެރެއިން މަޖިލީހުގައި އެންމެ ގިނަ ދައުރު އަދާކޮށްފައިވާ އެންމެ ދޮށީ މެންބަރު ކަމަށެވެ.
އަންނަ ރައްޔިތުން މަޖިލީހަށް އިންތިހާބުވި މެމްބަރުންގެ ތެރެއިން މެދުނުކެނޑި އެންމެ ގިނަ ދުވަސް ވަންދެން މެންބަރުކަން ކުރައްވާފައިވަނީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމާއި ސިޔާމެވެ. މި ދެ ބޭފުޅުން މަޖިލީހަށް ހޮވި ވަޑައިގެންނެވީ 2005 ވަނަ އަހަރު އެވެ. އެ ދެ ބޭފުޅުން ވަނީ މަޖިލީހުގެ ތިން ދައުރު އަދާކޮށްފަ އެވެ. މިއީ އެ ބޭފުޅުންގެ ހަތަރު ވަނަ ދައުރެވެ.
ނަވާރަ ވަނަ ރައްޔިތުން މަޖިލީހަށް ހޮވުނު މެންބަރުން ހުވާ ކުރުން އޮންނާނީ އަންނަ މަހުގެ 28 ވަނަ ދުވަހު އެވެ. އަންނަ ދައުރުގައި މަޖިލީހުގައި 87 މެންބަރުން ތިއްބަވާނެ އެވެ. އެމަޖިލީހުގައި ދެ ދާއިރާއެއް މިފަހަރު އިތުރުވާނެ އެވެ. އެއީ މައްޗަންގޮޅި މެދު ދާއިރާ އާއި ހުޅުމާލެ ދާއިރާ އެވެ.
މިފަހަރުގެ މަޖިލިސް އިންތިހާބު އެމްޑީޕީ އިން ވަނީ ބޮޑު އަގުލަބިއްޔަތަކުން ކާމިޔާބުކޮށްފަ އެވެ. އެގޮތުން އެމްޑީޕީއިން 65 ގޮނޑި ކާމިޔާބުކޮށްފައިވާއިރު، ޕީޕީއެމާއި ޖުމްހޫރީ ޕާޓީ އަށް ލިބިފައިވަނީ ފަސް ގޮނޑި އެވެ.