ރާއްޖޭގެ ފުރަތަމަ ފަހަރަށް ގާޒީކަން ލިބިވަޑައިގެންނެވި ދެ އަންހެން ބޭފުޅުންގެ ތެރޭގައި ހިމެނި ވަޑައިގެންނެވި ސިވިލް ކޯޓްގެ ގާޒީ އައިޝާ ޝުޖޫން މުހައްމަދު ގާޒީ ކަމުން އިސްތިއުފާ ދެއްވުމަށް ހުށަހަޅުއްވައިފި އެވެ.
އެކަމަނާ އިސްތިއުފާ ހުށަހެޅުއްވީ ވަކި ސަބަބެއް ބަޔާން ކުރައްވާފައި ނޫން ކަމަށް އެނގިފައިވެ އެވެ. އަދި ޖުޑީޝަލް ސާވިސް ކޮމިޝަނުން ވެސް އެކަމާބެހޭ ގޮތުން އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް ގާޒީ ޝުޖޫން އިސްތިއުފާ ދެއްވިކަން އަވަސްއަށް ވަނީ ކަށަވަރުވެފަ އެވެ. އެނގިފައިވާ ގޮތުގައި އޭނާ އިސްތިއުފާ ދެއްވުމަށް ހުށަހަޅުއްވާފައި ވަނީ މި މާދަމާ އިން ފެށިގެންނެވެ.
އެކަމަނާ އިސްތިއުފާ ދެއްވި އިރު ސުޕްރީމް ކޯޓްގެ ބެންޗުން ދެ ފަނޑިޔާރުން ވަކި ކުރަން ނިންމި މައްސަލައާ ގުޅިގެން އެކަމަނާ ހިމެނި ވަޑައިގަންނަވާ ސިވިލް ކޯޓުން އެކަމާ ދެކޮޅު ހަދައި އެގޮތަށް އެކަން ނުކުރެވޭނެ ކަމަށް ބުނެ ގަރާރެއް ފާސްކޮށްފައިވެ އެވެ. އެ ގަރާރުގައި ޝުޖޫން ސޮއިކުރައްވާފައިވެ އެވެ. މީގެ އިތުރުން ވަނީ މި އަހަރުގެ ކުރީކޮޅު ޓީވީއެމްގެ ޕްރޮގްރާމެއްގައި ފަނޑިޔާރުންގެ ސުލޫކާ ހިލާފު ވާހަކަފުޅެއް ދެއްކެވި ކަމަށް ތުހުމަތުކޮށް ޝުޖޫންގެ މައްސަލައެއް ޖޭއެސްސީން ވަނީ ބަލާފައެވެ.
އެ ޕްރޮގްރާމުގައި ޝުޖޫން ދެއްކެވި ވާހަކަފުޅުތަކުގައި މީހަކު އޭނާއަށް ރިޝްވަތުގެ ގޮތުގައި ފަސް މިލިއަން ޑޮލަރު ހުށަހެޅި ކަމަށް ވިދާޅުވި އެވެ. އަދި ފަނޑިޔާރުން ރިޝްވަތު ނުހިފާ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.
ޝުޖޫންއަކީ ޝަރުއީ ދާއިރާއަށް ވަދެ ވަޑައިގަތީއްސުރެ ވަރަށް ގިނަ ބައެއްގެ ތާއީދާއި ފާޑުކިޔުން ވެސް އޮންނަ ބޭފުޅެކެވެ. ސްކޫލް ދުވަސްވަރު ރީއްޗަށް ލަވަ ވިދާޅުވި ޝުޖޫންއަށް ގާޒީކަން ލިބި ވަޑައިގެންނެވީ ރައީސް މައުމޫންގެ ވެރި ކަމުގައި ޖުލައި 11، 2007 ގައެވެ.
އޭރު ފުރަތަމަ އަންހެން ގާޒީންގެ ގޮތުގައި ޝުޖޫން އާއި ފެމިލީ ކޯޓްގެ ގާޒީ ހުޒައިފާ މުހައްމަދަށް ގާޒީކަން ދޭން ނިންމެވުމާ ގުޅިގެން ފާޑުކިޔުން އަމާޒުކޮށް ދެއްކެވުނު ވާހަކަތައް ދިފާއު ކުރައްވާ ވަކިން ހާއްސަކޮށް ޝުޖޫންއާ ގުޅިގެން ދެކެވުނު ވާހަކަތަކާ ދެކޮޅަށް އޭރު ވާހަކަފުޅު ދައްކަވައި ރައްދު ދެއްވާފައި ވަނީ އޭރު ޖަސްޓިސް މިނިސްޓަރު އަދި މިހާރުގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދެވެ.
ޝުޖޫނަށް މަދަނީ ކޯޓްގެ ގާޒީކަން ދެއްވީ ޖަސްޓިސް މިނިސްޓްރީގެ ޑެޕިއުޓީ ޑައިރެކްޓަރު، ލީގަލް އެފެއާޒް ކަމުގެ މަގާމުގައި ހުންނަވަނިކޮށެވެ. ޝުޖޫނަށް ހުވާލައި ދެއްވީ ފަނޑިޔާރު އަލީ ހަމީދެވެ.
ވަރަށް ބޮޑަށް މީހުންގެ މަގުބޫލްކަން ހޯއްދަވާފައިވާ ގާޒީ ޝުޖޫންއަކީ މޯލްޑިވްސް ޑީޓެއިނީ ނެޓްވޯކްގެ ފައުންޑާ މެންބަރެކެވެ. އެކަމަނާއަކީ އަބަދުވެސް އަނިޔާވެރި އަމަލުތަކާ ދެކޮޅަށް ވަކާލާތަކު ކުރައްވަމުން ވަޑައިގެންނެވި ބޭފުޅެކެވެ.
އެގޮތުން މި އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި އޭނާ ވަނީ އަނިޔާވެރި އަމަލުތަކާ ދެކޮޅަށް މަސައްކަތްކުރާ އދ.ގެ ސަބް-ކޮމެޓީ (އެސްޕީޓީ) އަށް ދެ ވަނަ ފަހަރަށް އިންތިހާބު ވެ ވަޑައިގެންފަ އެވެ.
ޖެނީވާގައި ބޭއްވި އިންތިހާބުގައި ޝުޖޫން އެ މަގާމަށް ހޮވިވަޑައިގަތީ 70 ގައުމުގެ ތެރެއިން 63 ގައުމެއްގެ ވޯޓު ލިބިވަޑައިގެންނެވެ. މީގެ ކުރިން އޭނާ އެ މަގާމަށް އިންތިހާބުވެ ވަޑައިގަތީ 2010 ވަނަ އަހަރު އެވެ.
ރާއްޖޭގެ ފުރަތަމަ އަންހެން ދެ ގާޒީންގެ ތެރޭގައި ހިމެނި ވަޑައިގަތުމުގެ އިތުރުން އަދި އޭނާއަކީ އޭޝިޔާގެ ގައުމުތަކުން އެސްޕީޓީއަށް ހޮވިވަޑައިގަތް ފުރަތަމަ ދެ ބޭފުޅުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ.