ދުނިޔެ

ގްރީސް އަށް ދިން ހަރުކަށި އެހީގެ ޕްރޮގްރާމަށް އައިއެމްއެފުން ވެސް ފާޑުކިޔައިފި

Jul 15, 2015

ދަރަނިވެރިވެފައިވާ ގްރީސް އަށް ޔޫރަޕުން ދޭން އެއްބަސްވި ހަރުކަށި ބެއިލްއައުޓް ޕްރޮގްރާމަށް، އެ ޕްރޮގްރާމްގެ މުހިއްމު ބައިވެރިވިއެއް ކަމަށްވާ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ވެސް މިއަދު ފާޑުކިޔައިފި އެވެ.

އައިއެމްއެފް އިން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި ގްރީސްގެ ދަރަނި ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި 200 އިންސައްތައް އިތުރުވެ، "މެނޭޖުކުރެވޭ ވަރަށް ވުރެ މާ މައްޗަށް" އަރާނެ އެވެ. އެހެންވެ، ޔޫރަޕުން ދެކޮޅު ހަދަމުން ދިޔައަސް، ގްރީސްގެ ދަރަންޏަށް ލުއި ގޮތްތަކެއް ހަދައިދޭންޖެހޭ ކަމަަށް އެ އިދާރާ އިން ބުންޏެވެ. އޭގެ ތެރޭގައި، ޔޫރަޕުން އެންމެ ބޮޑަށް ދެކޮޅު ހަދަމުންދާ ފިޔަވަޅު ކަމަށްވާ ދަރަނިން ބައެއް އެއްކޮށް މާފުކޮށްދިނުމަށް ވެސް އައިއެމްއެފް އިން ހުށަހެޅި އެވެ.

މީގެ އިތުުރުން، އާ ބެއިލްއައުޓް ޕްރޮގްރާމްގެ ދަށުން ގްރީސްގެ އިގްތިސާދު ކުރިއަރާނެ ކަމަށް ޔޫރަޕުން ލަފާކޮށްފައިވަނީ ވެސް ހަގީގީ މިންވަރެއްގައި ނޫން ކަމަށް އައިއެމްއެފުން ބުންޏެވެ.

ގްރީސްގެ ސަރުކާރުން ފުރަތަމަ ދެކޮޅު ހަދަމުން ދިޔަ ހަރުކަށި ޝަރުތުތަކަށް ގަދަކަމުން ކަހަލަ ގޮތަކަށް އެއްބަސް ކުރުވައިގެން ޔޫރަޕުން ދޭން އެއްބަސްވި ތިންވަނަ ބެއިލް ޕްރޮގްރާމުގައި އައިއެމްއެފް ބައިވެރިވުމާ މެދު ގްރީސްގެ ސަރުކާރުން އެންމެ ފުރަތަމަ ދެކޮޅު ހެދި އެވެ. އެކަމަކު، ޔޫރަޕްގެ ގައުމުތަކުން ބޭނުންވީ އެ ޕްރޮގްރާމްގައި އައިއެމްއެފް ބައިވެރިކުރާށެވެ. އެހެންވެ، އައިއެމްއެފް އިން އެ ޕްރޮގްރާމަށް ފާޑުކިއުމަކީ ޔޫރަޕްގެ އިގްތިސާދީ ބާރުތައް ކަމަށްވާ ޖަރުމަނާއި ފްރާންސް ފަދަ ގައުމުތަކަށް ލިބޭނެ ބޮޑު ލަދުވެތިކަމެކެވެ.

ޔޫރަޕްގެ ބާރުތަކާއި ގްރީސްއާ ދެމެދު މަައްސަލަ ޖެހި، ގްރީސް ދަރަނިވެރިވީ ގްރީސް އަށް އިތުރު އެހީ ފޯރުކޮށްދިނުމަށް ޔޫރަޕުން ހަރުކަށި ގިނަ ޝަރުތުތަކެއް ހުށަހެޅުމުންނެވެ. އޭގެ ތެރޭގައި ޓެކްސްގެ މިންވަރު އިތުރުކުރުމާއި ޕެންޝަން އުނިކުރުން ފަދަ އާއްމުންނާ ގުޅުންހުރި ގިނަ ކަންކަން ހިމެނެ އެވެ. އެ ކަންތައްތައް ހިމެނޭ އެހީގެ ޕްރޮގްރާމަކަށް ގްރީސްގެ ރައްޔިތުން ވެސް ވަނީ މިިދޔަ ހަފުތާގައި ނެގި ހިޔާލު ހޯދުމުގެ ވޯޓުގައި ދެކޮޅު ހަދާފަ އެވެ.

އެކަމަކު، މި ވޯޓާ ގުޅިގެން، ގްރީސްގެ ކުރިމަގާ މެދު ބޮޑެތި ސުވާލުތަކެއް ވަނީ އުފެދިފަ އެވެ. އަދި އެ ގައުމުގެ ބޭންކުތައް ބަންދުކުރަން ޖެހި، ގައުމު ބަނގުރޫޓުވުމުގެ ބިރު އުފެދުމުގެ އިތުރަށް، ޔޫރޯޒޯނުން ވަކިވުމުގެ ފުރުސަތު ވެސް އޮތީ ވަރަަށް ބޮޑުވެފަ އެވެ.

އެ ކަންކަމުން އަަރައިގަތުމަަށްޓަކައި ބޭނުންވާ ފައިސާ ހޯދޭނެ އިތުރު ގޮތެއް ނުފެނުމުން، ގްރީސްގެ ސަރުކާރުން ވަނީ ޔޫރަޕުން ޑިމާންޑުކުރަމުން ދިޔަ ހަރުކަށި ކަންތައްތަކާއި އިސްލާހީ ފިޔަވަޅުތައް ހިމަނައިގެން، ބުރާސްފަތި ދުވަހުގެ ނިޔަލަަށް ޔޫރަޕުން ދިން ސުންގަޑީގެ ކުރިން އާ ހުށަހެޅުމެއް ހުށަހަޅާފަ އެވެ. އެ ހުށަހެޅުމުގައި ގްރީސްގެ ސަރުކާރުން ވަނީ ޖީއެސްޓީ ބޮޑުކޮށް، ޕެންޝަނުން ބައެއް ކަނޑާލަން އެއްބަސްވެފަ އެވެ. އަދި ޝިޕިން ކުންފުނިތަކުން ނަގާ ޓެކްސް ބޮޑުކޮށް، އަސްކަރީ ހަރުދަތަކުން 300 މިލިއަން ޔޫރޯ އުނިކޮށް، ވިޔަފާރިތަކަށް ދެމުން ގެންދިޔަ ބައެއް ޓެކްސްގެ ލުއިތައް ކަނޑާލައި ދައުލަތުގެ ގިނަ ކުންފުނިތަކެއް ޕްރައިވެޓައިޒްކުރަން އެއްބަސްވެފައިވެ އެވެ.

މީގެ އިތުރުން، ގްރީސްގެ ދަރަނި ފޫބެއްދުމަށް، 2018ގެ ނިޔަލަށް 53.5 ބިލިއަން ޔޫރޯގެ ތިންވަނަ އެހީގެ ޕެކޭޖެއް ހަމަޖައްސައިދިނުމަށް ވެސް އެދިފައިވެ އެެވެ.

އެ ހުށަހެޅުންތައް ދިރާސާ ކުރެއްވުމަށް ފަހު، ޔޫރޯޒޯންގެ މާލީ ވަޒީރުން ވަނީ މައިގަނޑު ފަސް ކަމެއް ހިމެނޭ، ހަތަރު ސޮފްހާގެ ކަރުދާހެއް ހުށަހަޅުއްވާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ގްރީސް އިން ހުށަހެޅި އިސްލާހީ ފިޔަވަޅުތަައް ތަންފީޒުކުރުމަށް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ރުހުން އަންނަ ބުދަ ދުވަހުގެ ކުރިން ހޯދުން، ޕެންޝަނާއި ސަރުކާރު މުވައްޒަފުންގެ ކަންކަމުގައި "އެދެވޭ" އިސްހާލީ ފިޔަަވަޅުތަކެއް އެޅުން، އިސްލާހީ ފިޔަވަޅުތައް ތަންފީޒުކުރަމުންދާ މިންވަރު ބެލުމަށް އެހީ ދޭ ގައުމުތަކުގެ މަންދޫބުން ގްރީސްގައި ހަރަކާތްތެރިވުމާއި ގްރީސްގެ ދައުލަތުގެ މުދަލުގެ ގޮތުގައި ހުރި "އަގު ބޮޑު" މުދަލުގެ ތެރެއިން 50 ބިލިއަން ޔޫރޯގެ އަގުހުރި މުދާ ޕްރައިވެޓައިޒްކުރުމަށް ފަންޑަކަަށް ބަދަލުކުރުން އަދި ގްރީސް އިން އެދުނު އެހީ ފޯރުވައިދޭން ޔޫރަޕަށް އެއްބަސްނުވެވިއްޖެ ނަމަ ގްރީސްގެ ދަރަންޏާ މެދު ގޮތެއް ހެދުމުގެ ފުރުސަތު ލިބޭ ގޮތަށް، ވަގުތީ ގޮތުން ގްރީސް ޔޫރޯޒޯނުން ވަކިކުރުމަށް އަވަސް މަޝްވަރާތައް ފެށުމެވެ.

އެ ކަރުދާހާ މެދު މަޝްވަރާކުރެއްވުމަށް ބޭއްވި ޔޫރޯޒޯންގެ ގައުމުތަކުގެ ވެރިންގެ ބައްދަލުވުމުގައި ނިންމާފައިވަނީ ގްރީސް އިން ޝަރުތުތަކެއް ތަންފީޒުކޮށްފި ނަމަ 82-86 ބިލިއަން ޔޫރޯގެ ލޯން ބެއިލްއައުޓްގެ ގޮތުގައި ތިން އަހަރު ތެރޭ ފޯރުކޮށްދިނުމަށެވެ. އަދި މާލީ ވަޒީރުން ހުށަހެޅުއްވި ގޮތަށް 50 ބިލިއަން ޔޫރޯގެ އަގުހުރި މުދާ ޕްރައިވެޓައިޒްކުރުމަށް ފަންޑަކަަށް ބަދަލުކުރަން ވެސް ޝަރުތުކޮށްފައިވެ އެވެ. އެ ކަންކަން ތަންފީޒުކޮށްފި ނަމަ އެ ގައުމަށް ދޭ ބެއިލްއައުޓް ފައިސާގެ އިތުރަށް، އިމަޖެންސީ އެހީ ދިނުމާ މެދު މަޝްވަރާކުރަން ވެސް އެއްބަސްވި އެވެ. އަދި ޔޫރަޕްގެ ގައުމުތަކަށް ފެނިއްޖެ ނަމަ، ގްރީސް އިން ދަރަނި އަދާކުރަންޖެހޭ މުއްދަތުތައް އިތުރުކުރުމާ މެދު ވިސްނުމަށް ވެސް ހުށަހެޅި އެވެ.

އެކަމަކު ގްރީސް އަށް އެ އެހީ ލިބޭނީ އެ ގައުމުން އެއްބަސްވެފައިވާ އިސްލާހީ ފިޔަވަޅުތަކަށް މާދަމާގެ ނިޔަލަށް އެ ގައުމުގެ ކެބިނެޓާއި ގާނޫނު ހަދާ މަޖިލީހުގެ ރުހުން ހޯދިއްޖެ ނަމަ އެވެ. މީގެ އިތުރުން، އެ އެހީ ފޯރުކޮށްދޭ ޖަރުމަނާއި ފްރާންސް ފަދަ ޔޫރޯޒޯންގެ ގައުމުތަކުގެ ގާނޫނު ހަދާ މަޖިލީހުން ވެސް އެކަމަށް ރުހުން ދޭން ޖެހޭނެ އެވެ.

އެހެންވެ، ގްރީސްގެ ބޮޑުވަޒީރު ސާޕާސް ވަނީ ވެރިރަށް އެތެންސަށް ވަގުތުން ވަޑައިގެން ސަރުކާރާއި އޭނާގެ ޕާޓީގެ މެމްބަރުންނާ އެކު މަޝްވަރާކުރައްވަން ފައްޓަވާފަ އެވެ. އެކަމަކު، ސާޕާސް އެއްބަސްވި ކަންކަމަކީ އޭނާގެ ވައުދުތަކާ ހިލާފު، ގަބޫލުކުރެވޭނެ ކަންކަން ނޫން ކަމަށް ބުނެ ކެބިނެޓްގެ ބައެއް ވަޒީރުންނާއި އޭނާގެ ޕާޓީގެ ބައެއް އިސް މެމްބަރުން ގެންދަވަނީ އެ އެއްބަސްވުމާ މެދު ދެކޮޅު ހައްދަވަމުންނެވެ. އެހެންވެ، ސުންގަޑީގެ ކުރިން އެއްބަސްވުމަށް ގްރީސްގެ ގާނޫނު ހަދާ މަޖިލީހުގެ ރުހުން ނުލިބި ދާނެ ކަމުގެ ބިރު ވަނީ ހީވެފަ އެވެ. އަދި ސަރުކާރު ރޫޅާލައި އަވަސް އިންތިހާބަކަށް ދާން ސާޕާސް އަށް މަޖުބޫރު ވާނެ ކަމަށް ވެސް ވަނީ ބެލެވެން ފަށާފަ އެވެ.

ގްރީސް އަށް ކުރިން ދެމުން ގެންދިޔަ އެހީގެ ޕްރޮގްރާމާ މެދު މިދިޔަ ހަފުތާގައި ހިޔާލު ހޯދުމުގެ ވޯޓެއް ނަގާފައި ވަނީ ގްރީސް ބަނގުރޫޓުވުމުގެ ތުންފަތްމަތީގައި ވަނިކޮށެވެ. އަދި އެ ކަމުގެ އަސަރު އާއްމު ރައްޔިތުންގެ ދިރިއުޅުމަށް އިންތިހާ އަށް ކުރަން ފަށާފައި ވެސް ވަނިކޮށެވެ. ގްރީސް އަށް އިތުރު ފިއްތުންތަކާ ކުރިމަތިލާން ޖެހިފައިވުމުގެ ސަބަބުން މި މައްސަލަ މިވަނީ އަނެއްކާ ވެސް އިތުރަށް ބޮޑުވެފަ އެވެ.

އައިއެމްއެފަށް ދައްކަންޖެހޭ 1.6 ބިލިއަން ޔޫރޯގެ ލޯނު ދައްކަން ކަނޑައަޅާފައި އޮތް ސުންގަޑި ހަމަވިއިރު އެ ލޯން ނުދެއްކި، ގްރީސް ވަނީ ދަރަނިވެރިވެފަ އެވެ. އެއާ އެކު، ޔޫރަޕުން ވަނީ އެހީގެ ޕްރޮގްރާމްގެ މުއްދަތު އިތުރުކުރަން ދެކޮޅު ހަދާފަ އެވެ

ގްރީސް ވެފައި ވަނީ އައިއެމްއެފަށް ދައްކަންޖެހޭ ދަރަންޏެއް މުއްދަތުގެ ކުރިން އަދާ ނުކުރެވި ދަރަނިވެރިވި ކުރިއަރާފައިވާ ހަމައެކަނި ގައުމަށެވެ.

ބޭރުގެ ފަރާތްތަކުން ގްރީސް އަށް ދެމުން ދިޔަ އެހީގެ ޕްރޮގްރާމްގެ މުއްދަތު އިތުރު ނުކުރަން ނިންމީ އެ ޕްރޮގްރާމްގެ މުއްދަތު ފަސް މަސްދުވަހަށް އިތުރުކުރުމާ ގުޅޭ ގޮތުން އެ ގައުމުގެ އާ ސަރުކާރާ އެކު ހޫނު މަޝްވަރާތަކެއް ކުރަމުންދާތާ ފަސް މަސްދުވަސް ވެފައި ވަނިކޮށެވެ. އެކަމަކު، އެ މަޝްވަރާތައް ކޮޅެއްގައި ނުޖެހި ނިންމާލައި، އެހީގެ ޕްރޮގްރާމް އިތުރަށް ކުރިއަށް ނުގެންދަން ވަނީ ނިންމާފަ އެވެ. އެ ގޮތަށް ނިންމީ، މަޝްވަރާތައް ކުރިއަށް ދަނިކޮށް، އެހީގެ ޕްރޮގްރާމްގެ މުއްދަތު އިތުރުކުރުމާ މެދު ގްރީސްގެ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނެގުމަށް ބޮޑުވަޒީރު ސިޕްރާސް ކުއްލި ގޮތަކަށް ހުށަހެޅުއްވުމުންނެެވެ.

އެހީގެ ޕްރޮގްރާމްގެ މުއްދަތު އިތުރު ނުކުރަން ނިންމުމުން، ޔޫރަޕިއަން ސެންޓްރަލް ބޭންކް (އީސީބީން) ވެސް ވަނީ ގްރީސްގެ ބޭންކުތަކަށް ދެމުންދާ އިމަޖެންސީ ފައިސާގެ މިންވަރު އިތުރު ނުކުރަން ނިންމާފަ އެވެ. އަދި އެ ނިންމުން މުރާޖައާ ނުކުރަން، ހިޔާލު ހޯދުމުގެ ވޯޓަަށް ފަހު އެ ބޭންކުގެ ވެރިން ބޭއްވެވި ބައްދަލުކުރައްވައި ވަނީ ނިންމަވާފަ އެވެ.

އިމަޖެންސީ ފައިސާގެ ގޮތުގައި ގްރީސްގެ ބޭންކުތައް ދޫކުރަން އީސީބީން ކަނޑައަޅާފައި އޮތީ ޖުމްލަ 89 ބިލިއަން ޔޫރޯ އެވެ. އެކި ފަހަރު މަތިން އެ އަދަދު ދޫކުރަމުން ދާއިރު، މިހާރު ބާކީ އޮތް މިންވަރެއް އަދި ސާފެއް ނުވެ އެވެ. އެކަމަކު، ބާކީ އޮތް މިންވަރު ހަމަވުމުން ދެން ގްރީސްގެ ބޭންކުތަކަށް އީސީބީން ފައިސާއެއް ނުދޭނެ އެވެ.

ފައިސާ ނަގަން ގޮސް ތިބި އެތައް ހާސް ބައެއްގެ ދިގު ކިއޫތަކުން ތޮއްޖެހިފައިވާ ގްރީސްގެ ބޭންކުތަކުން އާއްމުންނަށް ފައިސާ ދޫކުރަމުން ގޮސްފައިވަނީ އީސީބީން ދެމުންދާ އިމަޖެންސީ އެހީގެ ތެރެއިންނެވެ. އެކަމަކު، އެ އެހީ ދެން ނުލިބޭނެތީ ފައިސާ ނަގަން ބޭނުންވާ މީހުންނަށް ފައިސާ ދޫކުރެވޭނެ އިތުރު ގޮތެއް ނޯންނާނެ އެވެ. އެހެންވެ، ބޭންކުތައް ބަނގުރޫޓުވެ، ބައެއް ބޭންކުތައް ދާއިމީކޮށް ބަންދުކުރަން ޖެހިދާނެ ކަމުގެ ބިރު ވަނީ ހީވެފަ އެެވެ.

މީގެ އިތުރުން، އިމަޖެންސީ އެހީ އިތުރު ނުކުރަން އީސީބީން ފުރަތަމަ ނިންމުމާ އެކު އެ ގައުމުގެ ބޭންކުތަކާއި ހިއްސާގެ ބާޒާރު ވަގުތީ ގޮތުން ބަންދުކޮށް، ގައުމުން ފައިސާ ބޭރުކުރުން ވެސް ވަނީ ހުއްޓާލާފަ އެވެ. އަދި އަމިއްލަ ބޭންކް އެކައުންޓުން ދުވާލަކު މީހަކަށް ނެގޭނީ ގިނަވަގެން 60 ޔޫރޯ ކަމަށާއި ކޮންމެހެން ބޭނުންވެގެން ނޫން ގޮތަކަށް، ހުއްދަ ލިބިގެން ނޫނީ ގައުމުން ބޭރަށް ފައިސާގެ އެއްވެސް މުއާމަލާތެއް ނުކުރެވޭނެ ގޮތަށް ވެސް ހަދާފަ އެެވެ.

ހިޔާލު ހޯދުމުގެ ވޯޓުގެ ނަތީޖާ އަށް ފަހު ބޭންކުތައް އަލުން ހުޅުވަން ނިންމާފައި އޮތަސް، އެކަން ކޮށްފައެއް ނުވެ އެވެ. އެއީ އީސީބީން އެހީ ދޭން އަލުން ފަށަން އެއްބަސް ނުވުމުންނެވެ.

އެހީގެ ޕްރޮގްރާމްގެ މުއްދަތު އިތުރުކުރަން ޔޫރަޕިއަން ކޮމިޝަނާއި އައިއެމްއެފް އަދި އީސީބީން ދެކޮޅު ހެދީ އެ ފަރާތްތަކުން ގްރީސް އަށް ކުރިމަތިކުރާ ބައެއް ޝަރުތުތަކަށް ދޫ ދޭން، ޖެނުއަރީ މަހު ބޭއްވި އިންތިހާބު ކާމިޔާބު ކުރުމަށް ފަހު ވެރިކަމަށް އައި ވާތު ފިޔައިގެ ސަރުކާރުން ބޭނުން ނުވުމުންނެވެ. އޭގެ ތެރޭގައި ބަޖެޓުން ފައިސާ އުނިކުރުމާއި ޕެންޝަން ކުޑަކޮށް، ޖީއެސްޓީ ބޮޑުކުރުމުގެ އިތުރަށް އާއްމުންނަށް ދެމުންދާ ބައެއް ކަހަލަ މާލީ އިނާޔަތްތައް ހުއްޓާލުން ހިމެނެ އެެވެ.

ގްރީސްގެ ދަރަނި ވަނީ 320 ބިލިއަން ޔޫރޯ އަށް އަރައިފަ އެެވެ. އީޔޫ މެދުވެރިވެގެން، އީސީބީ އާއި ޔޫރަޕިއަން ކޮމިޝަން އަދި އައިއެމްއެފުން އަންނަނީ 2010 ވަނަ އަހަރުން ފެށިގެން ގްރީސް އަށް މާލީ އެހީތެރިކަން ފޯރުކޮށް ދެމުންނެވެ.

ގްރީސް އަށް ފައިސާ ލިބެމުން ދިޔަ ހަމައެކަނި ގޮތް ބަންދުވުމުގެ އިތުރަށް، އައިއެމްއެފް އަށް ދަރާފައި ވާއިރު، ގްރީސް އިން ޔޫރޯ ބޭނުން ކުރުން ހުއްޓާލަން އަދިވެސް ޖެހިދާނެ އެވެ. އެހެން ވެއްޖެ ނަމަ، ގްރީސް އަށް ޖެހޭނީ އަމިއްލަ ފައިސާއެއް ޖަހާށެވެ. އެކަމަކު، އެ ހާލަތަށް ހިނގައްޖެ ނަމަ ގްރީސްގެ އިގްތިސާދު މެނޭޖްކުރެވިދާނެތޯ ސުވާލު އުފެދެ އެވެ. އަދި އެފަދަ ހާލަތެއްގައި މުޅި ޔޫރޯޒޯނަށް ކުރާނެ އަސަރުތަކާ މެދު ވެސް ވަނީ ސުވާލު އުފެދިފަ އެވެ.