މިއަހަރުގެ ރޯދަ މަހު ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން ހިދުމަތްތައް ފޯރުކޮށްދޭ ގަޑިތަކަށް ބަދަލުގެނެސް އާންމުކޮށްފި އެވެ.
އަންނަ ހަފްތާގައި ރޯދަ މަސް ފަށާއިރު، އާންމު ގޭބީސީތަކުން ކުނި ނެގުމުގެ މަސައްކަތް ކުރިއަށްދާނީ ހުކުރު ދުވަސް ފިޔަވައި އެހެން ހުރިހާ ދުވަހަކު މެންދުރު 2.00 އިން ހަވީރު 5.00 އާ ހަމައަށް ކަމަށެވެ. ރޯދަ ވީއްލައި ގަޑި ނިންމައި، އެ މަސައްކަތް އަލުން ފަށާނީ ރޭގަނޑު 7.00 އިން ފެށިގެން ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
ހުކުރު ދުވަހު ކުނި ނެގުމުގެ މަސައްކަތް ވެމްކޯ އިން ތިން ގަޑިއަކަށް ބަހާލައިފަ އެވެ. އެގޮތުން ހެނދުނު 10.00 އިން 11.30 އަށް، މެންދުރު 1.30 އިން ހަވީރު 4.00 އަށް އަދި ރޭގަނޑު 7.00 އިން ރޭގަނޑު 12.30 އާ ހަމައަށް ކަމަށް ވެމްކޯ އިން ކުރި އިއުލާނުގައި ބުނެފައިވެ އެވެ.
ފިހަރާތަކާއި، ކެފޭ ފަދަ ތަންތަނަށްދޭ ކޮމާޝަލް ވޭސްޓް ކަލެކްޝަން ހިދުމަތް ރޭވިފައިވަނީ ހުކުރު ދުވަސް ފިޔަވައި އެހެން ހުރިހާ ދުވަހަކު ހެނދުނު 10.00 އިން ހަވީރު 4.00 އަށެވެ. އަދި ރޭގަނޑު 10.00 އަނެއް ދުވަހުގެ ފަތިހު 4.00 އާ ހަމައަށް ކުނި ނެގުމުގެ މަސައްކަތް ކުރިއަށްދާނެކަމަށް ވެމްކޯ އިން ވަނީ ބުނެފަ އެވެ. ހުކުރު ދުވަހު ކޮމާޝަލް ވޭސްޓް ކަލެކްޝަން ހިދުމަތް ދޭނީ މެންދުރު 1.30 އިން ފެށިގެން ހަވީރު 5.00 އާ ހަމައަށް އަދި ރޭގަނޑު 10.00 އަނެއް ދުވަހުގެ ފަތިހު 4.00 އަށެވެ.
އޭގެ އިތުރުން، މާލެ، ވިލިމާލެ، ތިލަފުށި، ހުޅުމާލެ، ފުވައްމުލައް އަދި އައްޑޫގައި ހުންނަ ވެމްކޯގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަންތަކުން ހިދުމަތްދޭ ގަޑިތަކަށް ވެސް ރޯދަމަހަށް ވަނީ ބަދަލުގެނެސްފަ އެވެ.