ހަބަރު

ނޫސްވެރިކަމުގެ މިނިވަންކަން ހެޔޮ ގޮތުގައި ހިފުމަށް ގޮވާލައްވައިފި

May 4, 2019
1

ނޫސްވެރިކަމުގެ މިނިވަންކަމުގެ ވާހަކަދައްކާއިރު އެ މިނިވަންކަމުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށާއި، ނޫސްވެރިކަމުގެ މަސައްކަތްތުގައި ވީހާވެސް ތެދުވެރިކަމާއެކު ސައްހަ މައުލޫމާތު ފެތުރުމުގައި ދެމިތިއްބެވުމަށް ރައީސްގެ ނައިބު ފައިސަލް ނަސީމް ރާއްޖޭގެ ނޫސްވެރިންނަށް ގޮވާލައްވައިފިއެވެ.

އެމަނިކުފާނު މިކަމަށް ގޮވާލެއްވީ، ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ ނެޝަނަލް އާޓް ގެލަރީގައި ބޭއްވެވި ހަފްލާ ޝަރަފުކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސްގެ ނައިބުގެ ވާހަކަފުޅުގައި ވޭތުވެދިޔަ އަހަރުތަކަކީ ނޫސްވެރިކަމުގެ މާހައުލަށް އައި ކަޅު އަނދިރި ދުވަސްތަކެއް ކަމަށާއި، އަދި ރާއްޖޭގެ ނޫސްވެރިން ނޫސްވެރިކަމުގެ ޒިންމާ އަދާކުރަމުން ދިޔައީ ވަރަށް ގިނަ ގޮންޖެހުންތަކަކާއިއެކު، ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރޭގައިކަން ފާހަގަކުރެއްވިއެވެ. ނަމަވެސް މި ބިރުވެރިކަމުގެ ތެރޭގައިވެސް ދިވެހި ނޫސްވެރިން ވަރަށް ސާބިތުކަމާއެކު އެބޭފުޅުންގެ މަސްއޫލިއްޔަތު ވަރަށް ފުރިހަމަޔަށް އަދާކުރައްވައިފިކަން ފާހަގަ ކުރައްވައި އެކަމަށްޓަކައި ދިވެހިރާއްޖޭގެ އެންމެހައި ނޫސްވެރިންނަށް ރައީސްގެ ނައިބު ޝުކުރު އަދާކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ރައީސްގެ ނައިބު އިތުރަށް ދެއްކެވި ވާހަކަފުޅުގައި މިނިވަން ނޫސްވެރިކަމަކީ ފުރިހަމަ ޑިމޮކްރަސީއެއްގެ މުހިންމު އެއް އަސާސްކަމަށާއި، ހަގީގަތަކީ މިނިވަން ނޫސްވެރިކަމަކާ ނުލާ ގައުމަކަށް ދިރުމެއް އަދި ހަމަޖެހުމެއްވެސް ނާންނާނެކަމުގައި ވިދާޅުވިއެވެ.

މި ހަފްލާގައި ރައީސްގެ ނައިބު ފައިސަލް ދެއްކެވި ވާހަކަފުޅުގައި މީޑިއާ ކައުންސިލްގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި މި ސަރުކާރުން ކޮށްދޭން ޖެހޭ ކަންތައްތައް ކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވައި އެމަނިކުފާނު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު އެންމެ ފުރަތަމަ ކުރެއްވި މަސައްކަތްޕުޅަކީ ނޫސްވެރިކަމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުން ކަމުގައިވާ އަބުރުގެ ގާނޫނު އުވައިލައްވައި ނޫސްވެރިންނަށް ދުލާއި ގަލަމުގެ މިނިވަންކަން އަލުން އިއާދަކޮށްދެއްވުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި، ދުނިޔޭގެ ގައުމުތަކުގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ މިންގަޑު ވަޒަންކޮށް ކަނޑައަޅާ ރިޕޯޓާސް ވިތައުޓް ބޯޑާސްގެ ޕްރެސް ފްރީޑަމް އިންޑެކްސްއިން ދިވެހިރާއްޖެ ހޯދި ކުރިއެރުމުން އެކަނިވެސް މި ސަރުކާރު އައި ފަހުން ނޫސްވެރިކަމަށް އައި ފަހި މާހައުލު ރަމްޒުކޮށްދޭ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސްގެ ނައިބު އިތުރަށް ވިދާޅުވިގޮތުގައި ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރާއިރު، ވީނުވީއެއް ނޭނގި ގެއްލުވައިލާފައިވާ، މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާނާއި ވަރަށް އިހާނެތިގޮތަކަށް މަރާލާފައިވާ އިންޓަނެޓް ބްލޮގާ ޔާމީން ރަޝީދުގެ ހަނދާން އާ ކުރަން ޖެހޭކަމަށާއި، އެ ދެ ނޫސްވެރިން ވަކިވެދިއުމަކީ، ދިވެހި ނޫސްވެރިންގެ އާއިލާއަށް ލިބުނު ވަރަށް ބޮޑު ހިތާމައެއްކަމުގައި ސިފަކުރެއްވިއެވެ. އަދި އުންމީދުކުރައްވަނީ، އިންސާނިއްޔަތުކަމެއްނެތި ހިންގާފައިވާ އެ ދެ ޖަރީމާގެ ހަގީގީ ކުށްވެރިން ހޯދައި، އެކަމުގެ ހަގީގަތް ވީހާވެސް އަވަހަކަށް ހާމަކުރެވޭނެ ދުވަހެއް އައުން ކަމުގައިވެސް ރައީސްގެ ނައިބު ވިދާޅުވިއެވެ.