ހަބަރު

ނޫސްވެރިންނަށް އަދަބު ނުދޭނަން، ކުރި އަރުވާނަން: ފައިސަލް

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެކުލަވާލާ ސަރުކާރެއް ވެގެން ދާނީ ނޫސްވެރިންނާ ރައްޓެހި ސަރުކާރަކަށް ކަމަށް އެ ޕާޓީތަކުގެ ރަނިންމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނަށް އަދަބު ދެވޭ ގޮތަށް ފާސްކުރި އަބުރު ރައްކާތެރިކުރުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު ފާސްކުރުމާ ދެކޮޅަށް އެންމެ ބޮޑަށް ވާކާލާތު ކުރެއްވި އެއް ބޭފުޅެއް ކަމަށްވާ ފައިސަލް އަވަސްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ނޫސްވެރިންނަކީ ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދޭ ފަރާތަށްވާއިރު ސަރުކާރު ޖަވާބުދާރީކޮށް ހަރުދަނާކުރުމުގައި ވެސް އެންމެ އިސް ރޯލެއް އަދާކުރާ ބަޔަކީ ނޫސްވެރިން ކަމަށެވެ.

އިދިކޮޅުގެ ސަރުކާރެއްގައި ނޫސްވެރިންނަށް އަދަބު ދިނުމެއް ނޯންނާނެ ކަމަށާއި ނަމަވެސް ނޫސްވެރިންނަށް ފަސޭހަ ގޮތްތައް ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ފައިސަލް ވިދާޅުވި އެވެ. ފައިސަލް ވިދާޅުވީ، ނޫސްވެރިންނާ ދެކޮޅަށް ގާނޫނުތަކަށް ގެނެސްފައިވާ އިސްލާހުތައް ބަދަލު ކުރައްވާނެ ކަމަށެވެ.

"ރައްޔިތުންނާ ހަމައަށް މައުލޫމާތު މި ފޯރުކޮށްދެނީ ނޫސްވެރިން، ތަރައްގީގެ މަޝްރޫއުތަކުގެ މައުލޫމާތުތައް ވެސް ދެނީ ނޫސްވެރިން، އޭރަށް ރައްޔިތުންނަށް އެ މަޝްރޫއުތަކާ ގުޅިގެން ބަސް ބުނެ ފާޑު ވެސް ކިޔޭނީ، ފާޑު ކިޔުމުން ސަރުކާރު ޖަވާބުދާރީވެ ކަންކަން ހަރުދަނާ ކުރާނީ،" ފައިސަލް ވިދާޅުވި އެވެ.

ނޫސްވެރިންނަކީ ސަރުކާރާ ދެކޮޅުވެގެން އުޅޭ ބައެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި ނޫސްވެރިން ދައްކާނީ ސަރުކާރަކުން އަމަލުތައް ބަހައްޓާ ގޮތުގެ ވާހަކަކަން ފައިސަލް ފާހަގަކުރެއްވި އެވެ. މި ސަރުކާރާ ދެކޮޅަށް ނޫސްވެރިން ލިޔަނީ އަމަލުކުރާ ގޮތް ގޯސްވެގެން ކަމަށާއި އިދިކޮޅުގެ ސަރުކާރަކީ ރައްޔިތުންނަށް ހިދުމަތްކޮށްދޭނެ ސަރުކާރަކަށް ވާނެ ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ، ރާއްޖޭގެ ނޫސްވެރިންނަކީ ވެސް ބޭރުގެ ނޫސްވެރިން ލިޔާ ފަދަ ފެންވަރުގެ ލިޔުންތައް ލިވޭނެ ފަދަ ނޫސްވެރިން ކަމަށާއި ދިވެހި ނޫސްވެރިންނަށް ނެތީ ތަމްރީނުގެ ފުރުސަތުތައް ކަމަށެވެ. އިދިކޮޅުގެ ސަރުކާރެއްގައި ނޫސްވެރިންނަށް އެފަދަ ފުރުސަތުތައް ހޯދައި ދެއްވައި ނޫސްވެރިން ކުރިއަރުއްވަން މަސައްކަތް ކުރައްވާނެ ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.