ހަބަރު

މީޑިއާއަށް ބިރު ދައްކާތީ މުޒާހަރާ ކޮށްފި

މީޑިއާތަކަށް ބިރު ދެއްކުން ހުއްޓާލަން ގޮވާލާ އިދިކޮޅު ކޯލިޝަން ޕީޕީއެމް / ޕީއެންސީ އިން، ބްރޯޑްކާސްޓިން ކޮމިޝަންގެ އިދާރާ ހިންގާ އިމާރާތުގެ ކުރިމަތީގައި މުޒާހަރާ ކޮށްފި އެވެ. މޯލްޑިވްސް މީޑީއާ ކައުންސިލް ހުންނަނީ ވެސް އެ އިމާރާތުގަ އެވެ.

މުޒާހަރާގައި ބައިވެރިވާ ފަރާތްތަކުން ބުނަމުން ދިޔައީ މި ސަރުކާރުން މީޑިއާއަށް ބިރުދައްކާ ކަމަށާއި މީޑީއާ އިދާރާތަކުގެ މެދުގައި ތަފާތު ކުރުން ވެސް ގެންގުޅޭ ކަމަށެވެ. މި މުޒާހަރާގައި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާގެ އިތުރުން އެ ދެ ޕާޓީގެ އިސް ބައެއް ބޭފުޅުން ވަނީ ބައިވެރި ވަޑައިގަތެވެ.

މުޒާހަރާގެ ބައިވެރިން ބްރޯޑްކޮމްގެ މެމްބަރުން އިސްތިއުފާއަށް ގޮވާލާފައިވާއިރު ދައުލަތުގެ މީޑިއާއިން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އަބުރު ކަތިލާއިރު ބްރޯޑްކޮމް އޮތީ ނިދާފައި ތޯވެސް ވަނީ ސުވާލު ކުރަމުން ދިޔައެވެ. އަދި ރައީސް ޔާމީނަށް ކުރާ އަނިޔާ ހުއްޓާލާ ވަގުތުން މިނިވަން ކުރަން ވެސް އެ މުޒާހަރާގެ ބައިވެރިން ގޮވާލި އެވެ.

މަޖީދީ މަގުގެ ބިއްލޫރިޖެހިގޭގައި ހުންނަ ބްރޯޑްކޮމްގެ ކުރިމަތިން ފެށިގެން އާޓިފިޝަލް ބީޗް ސަރަހައްދަށް މުޒާހަރާގެ ބައިވެރިން ދަނިކޮށް ފުލުހުން ވަނީ މުޒާހަރާ ހުއްޓުވަން މަސައްކަތް ކޮށްފަ އެވެ. އަދި މިކަމުގެ ތެރޭގައި ކޮންމެވެސް ވަރެއްގެ ހަމަނުޖެހުމެއް ހިނގި ނަމަވެސް އޭގެ ފަހުން މުޒާހަރާ ވަނީ ސުލްހަވެރިކަމާއެކު ކުރިއަށް ގޮސް ނިންމާލީ އެވެ.

މި މުޒާހަރާގެ މިނިވަން ނޫސްވެރިކަމެއް ގާއިމުކޮށް ދިނުމަށާއި އަދުލު އިންސާފު ގާއިމު ކުރަން ގޮވާލާފައި ވެއެވެ. އަދި ރައްޔިތުންގެ މަޖިލިހުން މީޑިއާގެ ކަންކަމުގެ ތެރެއަށް ނުވަނުމަށާއި ބިރު ދެއްކުން ހުއްޓާލުމަށް ގޮވާލި އެވެ.