ސުލްހަވެރި ސިޔާސީ ހަރަކާތްތައް ހިންގަން އަބަދުވެސް މި ސަރުކާރުން ފުރުސަތު ދޭނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވެފައި ވަނީ އިއްޔެ އޭނާ ކުރެއްވި ޓްވީޓަކާއި ގުޅިގެން އިދިކޮޅު ކޯލިޝަނުގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ. އިމްރާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސުލްހަވެރި މުޒާހަރާތަކަށް އެންމެ ފަހިވާނެހެން ރައްޔިތުންނަށް މި ސަރުކާރުން ފުރުސަތު ދޭނެ ކަމަށެވެ.
އިމްރާން މިއަދު މިހެން ވިދާޅުވި އިރު، މުޒާހަރާތައް ކުރިއަށް ގެންދިޔުމުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އެކްޓިން ލީޑަރު އަދި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގެންގުޅުއްވާނެ ސްޓްރެޓަޖީ ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށް ވެސް އިމްރާން އިއްޔެ ވަނީ ވިދާޅުވެފަ އެވެ.
އިމްރާން މި ޓްވީޓް ކުރެއްވީ ސީދާ އަބްދުއްރަހީމްގެ ކޮން ކަމަކަށް އިޝާރާތްކޮށް ކަމެއް ޓްވީޓުން ސާފެއް ނުވެއެވެ. އިމްރާނަކީ ރައީސް ނަޝީދުގެ ދުވަސްވަރު އެމަނިކުފާނުގެ ސަރުކާރާ ދެކޮޅަށް އޭރުގެ އިދިކޮޅުން ބޭއްވި މުޒާހަރާތަކުގައި އަބްދުއްރަހީމާއެކު ވަރަށް އިސްކޮށް އުޅުއްވި ބޭފުޅެކެވެ.
އެކަމަށް ރައްދު ދިނުމުގެ ގޮތުން އިދިކޮޅު ކޯލިޝަނުން ބުނެފައި ވަނީ އިމްރާން އެ މަގާމަށް ކުފޫ ހަމަނުވާކަން ރޭ ކުރެއްވި ޓްވީޓުންވެސް ހާމަވާ ކަމަށާއި އޭނާ މަގާމުން އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާ ކަމަށެވެ.