އިމްރާން އަބްދުﷲ

"ޔާމީން ހުންނެވީ ޖަލެއްގައި ހުންނާނެ އެންމެ ރަނގަޅު މާހައުލުގައި"

ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން ހުންނެވީ ޖަލެއްގައި ގާއިމް ކުރެވޭނެ އެންމެ ރަނގަޅު މާހައުލުގައި ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅު ވެއްޖެ އެވެ.

ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން ޕްރޮގްރާމެއްގައި ރައީސް ޔާމީން ގެއަށް ބަދަލު ކުރުމާއި ގުޅޭ ގޮތުން އާންމު ފަރާތަކުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އިމްރާން ވިދާޅުވީ ރައީސް ޔާމީންގެ ސިއްހީ ހާލަތާއި ގުޅޭ ގޮތުން ޑޮކްޓަރުން ދީފައިވާ ލިޔުމެއްވާ ކަމަށާއި އެ ލިޔުމުގައި ދެ ކަމަކަށް ލަފާ ދީފައިވާ ކަމަށެވެ. އެއީ ޓެސްޓެއް ހެއްދެވުމާއި އެ މަނިކުފާނު ސްޓްރެސްފްރީ މާހައުލެއްގައި ބެހެއްޓުން ކަމަށެވެ. އެ ދެ ޓެސްޓަކީ ރާއްޖެއިން ހެދޭނެ ޓެސްޓެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ އެ ޓެސްޓް ހެދުމާއި ގުޅޭގޮތުން ރައީސް ޔާމީނާ ބައްދަލުކޮށް ވާހަކަ ދެއްކެވި ކަމަށެވެ. އަދި ޓެސްޓް ހެއްދެވުމަށް މި ރީޖަންގެ ގައުމުތަކުން ދާން ބޭނުންވާ ކޮންމެ ގައުމަކަށް ދިއުމުގެ ފުރުސަތު އޮތް ވާހަކަ ވެސް އެމަނިކުފާނަށް ދެންނެވި ކަމަށެވެ. ނަމަވެސް ޓެސްޓް ހައްދަވަން ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން ބޭނުންފުޅު ނުވާ ކަމަށް ރައީސް ޔާމީން ވިދާޅުވި ކަމަަށެވެ. އެމަނިކުފާނު އެދިވަޑައިގެންނެވީ ގޭ ބަންދަށް ބަދަލުވެވަޑައިގަތުމަށެވެ.

"އަޅުގަނޑު ދެންނެވިން ފުރަތަމަ ބައި ފުރިހަމަ ކުރައްވާފައި ނޫންތޯއޭ ދެވަނަ ބަޔަށް އަމަލު ކުރެވޭނީ،"

އިމްރާން ވިދާޅުވީ ފުރަތަމަ އޮތް ކަމަކީ ރާއްޖެއިން ބޭރަށް ވަޑައިގެން ޓެސްޓް ހެއްދެވުން ކަމަށެވެ. އަދި ސްޓްރެސް ފްރީ މާހައުލަކީ ކޮބައިކަަން ނިންމަން ޖެހެނީ އޭގެ ފަހުން ކަމަށެވެ. ދެން އިމްރާން ވިދާޅުވީ ރައީސް ޔާމީން ހުންނެވީ ޖަލެއްގައި ގާއިމް ކުރެވޭނެ އެންމެ ރަނގަޅު މާހައުލުގައި ކަމަށެވެ.

ރައީސް ޔާމީންގެ ސަރުކާރުުގައި އިމްރާނަށް 12 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވުމުން އެ ހުކުމް ތަންފީޒު ކުރައްވަން ޖަލުގައި ހޭދަ ކުރެއްވި ދުވަސްތަކުގެ ހަނދާން އާ ކުރައްވާ އިމްރާން ވިދާޅުވީ އެ ދުވަސްތަކުގައި ޖަލުގައި ހޭދަ ކުރެއްވީ ވަރަށް ދަތި ހާލުގައި ކަމަށެވެ. އެކަން ރައީސް ޔާމީންގެ ދުވަސްވަރު ޖަލަށް ލެވުނު ހުރިހާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ،

ރައީސް ޔާމީން އެ ހުންނެވީ ރަނގަޅު ފެންވަރެއްގެ ކުޑަވަރެއްގެ އެޕާޓްމަންޓެއްގައޭ ދެންނެވުމަކީ ދޮގަކަށް ނުވާނެ އިނގޭތޯ
އިމްރާން އަބްދުﷲ | ހޯމް މިނިސްޓަރު

ރައީސް ޔާމީން މިހާރު ހުންނެވީ ފެންވަރު ރަނގަޅު މާހައުލެއްގައި ކަމަށައި އެ މަނިކުފާނަށް ހޫނު ފެނުން ފެން ވެސް ވެރުއްވޭނެ ކަމަށް އިމްރާން ވިދާޅުވި އެވެ.

"އެ ހުންނެވީ ރަނގަޅު ފެންވަރުގެ ކުޑަވަރެއްގެ އެޕާޓްމަންޓެއްގައޭ ދެންނެވުމަކީ ދޮގަކަށް ނުވާނެ އިނގޭތޯ،" ވަރަށް ގިނަ ދޮގުތައް ހައްދަވާ ކަމުގެ ތުހުމަތުތަކެއް އޮންނަ އިމްރާން ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ސިއްހީ ހާލަތާއި ގުޅޭގޮތުން ޕީޕީއެމްގެ އިސް ބޭފުޅުންނާއި ވެސް ބައްދަލުކޮށް ވާހަކަ ދައްކާފައިވާ ކަމަށްވެސް އިމްރާން ވިދާޅުވި އެވެ. އަދި ވިދާޅުވީ ޑޮކްޓަރުންގެ އިރުޝާދާ އެއްގޮތަށް ސަރުކާރުން އަމަލު ކުރާނެ ކަމަށާއި ރައީސް ޔާމީނާމެދު އެއްވެސް ތަފާތު ކުރުމެއް ނުގެންގުޅޭ ކަމަށެވެ.

"ރައީސް ޔާމީން ބޭރަށް ވަޑައިގެންފައި ޓެސްޓް ހައްދަވާފައި ދެން އެ ޓެސްޓްގެ މައްޗަށް ބިނާކޮށް ޑޮކްޓަރުން، ރައީސް ޔާމީން ހުންނަވަން އަޅުގަނޑުމެން އެ ބަހައްޓާފައި ހުރި މާހައުލަކީ އެއީ ރަނގަޅު މާހައުލެއް ނޫން ކަމަށް ދަންނަވައިފިނަމަ އެ ގޮތަކަށް އަޅުގަނޑުމެން އަމަލު ކުރާނަން،"

އިމްރާން ވިދާޅުވީ ގެއަށް ވަޑައިގަތުމަށް މަގު ފަހިކޮށް ދެއްވަން ޖެހިވަޑައިގަންނަވަނީ ރައީސް ޔާމީން ކަމަށެވެ.