އެންޓި ޑިފެކްޝަން ގާނޫނާއި އަބުރު ރައްކާތެރިކުރުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު އުވާލަން މާދަމާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް އިދިކޮޅު ޕާލަމެންޓް ގުރޫޕުން މިއަދު ނިންމައިފި އެވެ.
އެ ޕީޖީ ގުރޫޕްގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ޕީޖީ ލީޑަރު އަބްދުﷲ ރިޔާޒު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ފާސްކޮށްފައިވާ އެންޓި ޑިފެކްޝަން ގާނޫނު އުވާލަން މާދަމާ މައްސަލައެއް މަޖިލީހަށް ވައްދާނެ ކަމަށެވެ.
އޭގެއިތުރުން މީޑިއާއަށް އެތައް އުނދަގޫތަކެއް އެ ގާނޫނެއްގެ ސަބަބުން ކުރިމަތިލާން ޖެހިފައިވާ އަބުރުގެ ގާނޫނު ވެސް އުވާލަން މާދަމާ ހުށަހަޅުއްވާނެ ކަމަށެވެ. ރިޔާޒު ވިދާޅުވި ގޮތުގައި ގަބޫލު ކުރައްވާ ގޮތުގައި މާދަމާ ވެސް މަޖިލީހުގެ ޖަލްސާތައް ފެށިގެންދާނެ އެވެ.
ސަރުކާރުން ހުށަހަޅާފައިގެން ފާސްކުރި އަބުރުގެ ގާނޫނަކީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައިވާ ގާނޫނެކެވެ. އެ ގާނޫނު އުވާލުމަކީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫގެ ވައުދެކެވެ.
އިންތިހާބުވާ ޕާޓީއިން ވަކިވެއްޖެނަމަ ނުވަތަ ވަކިކޮށްފިނަމަ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ފާސްކޮށްފައިވާ އެންޓި ޑިފެކްޝަން ގާނޫނަކީ އިދިކޮޅު މެންބަރުން ވަރަށް ބޮޑަށް ދެކޮޅު ހެއްދެވި ގާނޫނެކެވެ. އެ ގާނޫނަށް ޕީޕީއެމްގެ ބައެއް މެންބަރުން ވެސް ދެކޮޅު ހެއްދެވި އެވެ. އެގޮތުން އެ ގާނޫނު އުވާލަން ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ވެސް ތާއިދު ކުރައްވަ އެވެ.
އިދިކޮޅު މެންބަރުން ވަޑައިނުގަންނަވާ ޖަލްސާއެއްގައި ފާސްކުރި އެ ގާނޫނު އުވާލަން މީގެކުރިން އިބޫ އިސްކޮށް ހުންނަވާ ސުޕްރީމް ކޯޓަށް މައްސަލައެއް ވެސް ވެއްދި އެވެ. ނަމަވެސް އެ ގާނޫނަކީ ހާލަތުލް ޟަރޫރާގެ ދަށުން ފާސްކުރަންޖެހޭ ގާނޫނެއް ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅި އެވެ. އެ ގާނޫނުގައި މަޖިލީހުން ފާސްކުރީ ގާނޫނެއް ފާސްކުރަން ޖެހޭ އަދަދަށް މަޖިލީހަށް މެންބަރުން ހާޒިރުނުވެ އެވެ.
އިދިކޮޅު ޕީޖީ ގުރޫޕުން އެ ދެ މައްސަލަ މަޖިލީހަށް މާދަމާ ވައްދަން ނިންމާފައިމިވަނީ ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް އިލެކްޝަން ކޮމިޝަނުން މިއަދު ނިންމައި، އެކަން މަޖިލީހަށް އަންގާފައިވަނިކޮށެވެ. އެ މެންބަރުން ވެސް މާދަމާ މަޖިލީހަށް ވަޑައިގަންނަން ވަނީ ނިންމަވާފަ އެވެ.