ދުނިޔެ

ބޮއިންގް 737 ބޯޓެއް ފްލޮރިޑާ ކޯރަކަށް ވެއްޓިއްޖެ

ދަތުރެއް ނިންމަން ދިޔަ ބޮއިންގް 737 މަރުކާގެ މަތިންދާ ބޯޓެއް ފްލޮރިޑާގެ ކޯރަކަށް ވެއްޓިއްޖެ އެވެ. ބޯޓް ވެއްޓިފައި ވަނީ ޖެކްސަންވިލް ކައިރީ އޮންނަ ސެއިންޓް ޖޯންސް ކޯރުގެ ތެރެއަށެވެ.

ގުއަންޓަނާމޯ ބޭގެ ނޭވަލް ސްޓޭޝަނުން ދަތުރުކުރި މައޭމީ އެއާ އިންޓަނޭޝަނަލްގެ ބޮއިންގް 800-737 މަރުކާގެ މަތިންދާ ބޯޓު ވެއްޓިފައިވަނީ ފްލޮރިޑާ ގަޑިން ގާތްގަނޑަކަށް 9:40 ގައެވެ.

ޖެކްސަންވިލް ނޭވަލް އެއާ ސްޓޭޝަންގެ ތަރުޖަމާނަކު ރޮއިޓާޒްއަށް މައުލޫމާތު ދެއްވި ގޮތުގައި 136 ފަތުރުވެރިންނާއެކު ދަތުރުކުރި އެ މަތިންދާ ބޯޓު ތޫފާނެއްގެ ތެރެއިން ރަންވޭއަށް ތިރި ކުރުމަށް ފަހު ކޯރު ތެރެއަށް ވެއްޓިފައިވަނީ ރަންވޭ މަތިން ކަހާލައިގެން ގޮހެވެ.

ބޯޓުގައި ދަތުރުކުރި ހުރިހާ ފަތުރުވެރިން މިހާރު ސަލާމަތް ކޮށްފައިވާއިރު އޭގެ ތެރެއިން ދެ މީހަކަށް ކޮންމެސް ވަރެއްގެ އަނިޔާތަކެއް ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޖެކްސަންވިލްގެ މޭޔަރު ކުރެއްވި ޓްވީޓެއްގައި ވާގޮތުން ބޯޓުގައި ތިބި އެންމެން ސަލާމަތް ކުރެވި ބޯޓުން ލީކު ވަމުންދާ ޖެޓް ފިއުލް ސާފު ކުރުމުގެ މަސައްކަތް ދަނީ ކުރަމުން ނެވެ.

ބޮއިންގް ކުންފުނިން ދަނީ އެ މައްސަލަ ބަލައި ތަހުގީގު ކުރަމުން ނެވެ.