ހަބަރު

ބަލަންވީ ވަގުތީ ފައިދާއަކަށް ނޫން، އާހިރަތަށް: ރައީސް

ކާބޯތަކެއްޗާއި އެހެނިހެން މުދާ، ބޮޑު އަގުގައި ވިއްކައިގެން، ލިބޭނެ ވަގުތީ ފައިދާއަށް އިސްކަން ދިނުމުގެ ބަދަލުގައި، އާޚިރަތުގެ ދަރުމައާއި ސަވާބަށް ވިސްނައިގެން، ދީލަތިވެ އޯގާތެރިކަން އިސްކުރަން ވިޔަފާރިވެރީންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިލްތިމާސް ކުރައްވައިފި އެވެ.

ރައީސް ސޯލިހު މި ގޮތަށް އިލްތިމާސް ކުރެއްވީ ރޯދަ މަސް ފެށުމުގެ މުނާސަބާގައި، ރާއްޖޭގެ ރައްޔިތުންނަށް ތަހުނިޔާ ވިދާޅުވެ، ފޮނުއްވި ހިތާބެއްގަ އެވެ. ހިތާބުގައި ރައީސް ވިދާޅުވީ، ރޯދަ މަހުން ލިބޭ އެންމެ މަތިވެރި ފިލާވަޅަކީ، އެކަކު އަނެކަކުގެ އިހުސާސްތައް ދެނެގަތުމާއި، އެއްބަނޑު އެއްބަފާ ކަމުގެ ގުޅުންތައް ވަރުގަދަ ކުރުމާއި، އެކަކު އަނެކަކަށް އަޅާލައި އުޅުމުގެ މުހިންމުކަން ކަމަށެވެ.

ރޯދަ މަހަކީ، ދުނިޔެއާއި އާހިރަތް ބާއްޖަވެރިކުރުމަށްޓަކައި، މާތްﷲ ފަހިކޮށްދެއްވި އަގުހުރި ރަނުގެ ފުރުސަތެއްކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ، ރަހުމަތާއި ފުއްސެވުމާއި ދިންނެވުމުން ފުރިގެންވާ، މި މާތް މައްސަރުގެ ދަރުމައާއި ސަވާބު ހާސިލު ކުރުމަށްޓަކައި، މާތްﷲ އަންގަވާފައިވާ ގޮތުގެ މަތިން ރޯދަ ހިފައި، ރޭ އަޅުކަންކޮށް، ގިނަގިނައިން ކީރިތި ގުރުއާން ކިޔަވައި، ސަދަގާތް ދިނުން އިތުރު ކުރުމަށެވެ.

މީގެ އިތުރުން، ކެތްތެރިވުމާއި މައާފު ކުރުމާއި، ހިތްތިރިކޮށް މަޑުމައިތިރިވުމަކީ، ރޯދައިގެ އަޅުކަން ބާރުއަޅާ އެންމެ މުހިންމު ކަންތައްތައް ކަން ފާހަގަ ކުރައްވައި، އަނެކުންނަށް އެހީތެރިވުމާއި ދީލަތިވުމަކީ، ރަމަޟާން މަހުގައި އަޅުގަނޑުމެންގެ ކިބައިގައި ކޮންމެހެން ހަރުލައްވަންޖެހޭ ސިފަތައްކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

ރައީސް ސޯލިހު އިތުރަށް ވިދާޅުވީ، ރަމަޟާން މަހާ ކުރިމަތިލާއިރު، އިސްލާމްދީނުގެ އިޖްތިމާއީ އަގުތައް، އޭގެ އެންމެ ފުރިހަމަގޮތުގައި ދެމެހެއްޓުމަށް، އިތުރު ސަމާލުކަމެއް ދޭންޖެހޭކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މުޖުތަމައުގެ ރީތި ހަމަތަކާއި އަދަބުތަކަށް ހުރުމަތްތެރިކޮށްހިތައި، ގާނޫނުތަކަށާއި ގަވައިދުތަކަށް ފުރިހަމައަށް ބޯލެނބުމުގެ ރޫހު ރަމަޟާން މަސް ފަދަ އިސްލާމީ މުނާސަބަތެއްގައި އާލާކޮށް ދިރުވަންޖެހޭނެ ކަމަށެވެ.