ހަބަރު

ގިނީއަށް ބާރުގަދަ ބިންހެލުމެއް، ރާއްޖެއަށް ނުރައްކަލެއް ނެތް

May 7, 2019

ޕަޕުއާ ނިއު ގިނީއަށް މިއަދު ހެނދުނު އައި ބާރުގަދަ ބިންހެލުމުގައި ރާއްޖެއަށް އެއްވެސް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ނުބެލެވޭ ކަމަށް ރާއްޖޭގެ މޫސުމާބެހޭ އިދާރާއިން ބުނެފި އެވެ.

މިއަދު ހެނދުނު ޕެސިފިކްގައި އޮންނަ ގައުމަށް އައި 7.1 ރިކްޓާ މިންގަޑުގެ ބާރުގަދަ ބިންހެލުމުގައި ސުނާމީއެއް އުފެދުމުގެ ފުރުސަތެއް ނެތް ކަމަށް ޕެސިފިކް ސުނާމީ ވޯނިންގް ސެންޓަރުން ވެސް ވަނީ ބުނެފަ އެވެ.

ނަމަވެސް، ރާއްޖެއާ ގާތްގަނޑަކަށް 8،000 ކިލޯމީޓަރު ދުރުން އައި އެ ބިންހެލުމުގެ ލޮޅުމުގެ އަސަރު ރާއްޖެއަށް ވެސް ވަނީ ކޮށްފަ އެވެ. ބިންހެލުމުގެ މައުލޫމާތު ހިއްސާ ކުރަމުން، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އިން ބުނީ ބިންހެލުން އައިސްފައިވާނީ ކަނޑުގެ ވަރަށް އަޑިން ކަމަށްވާތީ، ސުނާމީއެއް އުފެދުމުގެ ފުރުސަތު ނެތުމުން ރާއްޖެއަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށެވެ.

އެ ބިންހެލުމުގެ ސަބަބުން ގިނީއަށް މާބޮޑު ގެއްލުންތަކެއް ނުވާކަމަށް މީޑިއާ ރިޕޯޓުތައް ވަނީ ބުނެފަ އެވެ.