ދުނިޔެ

ޗައިނާގެ މިސްކިތްތަކެއް ބިމާހަމަ ކުރި ކަމުގެ ތުހުމަތު

May 8, 2019
2

ބެއިޖިންގް (މެއި 8) - ޗައިނާގައި ދިރިއުޅޭ މުސްލިމުންގެ އާބާދީ ބޮޑު ޝިންޖަންގް ޕްރޮވިންސްގައި ހުރި 30 އަށް ވުރެ ގިނަ މިސްކިތް ސަރުކާރުން ބިމާހަމަކޮށްފައިވާ ކަމަށް ރިޕޯޓެއްގައި ތުހުމަތުކޮށްފި އެވެ.

އެ ސަރަހައްދުގެ ސެޓަލައިޓް ފޮޓޯތަކެއްގައި އަލީގައި އިއްޔެ ނެރުނު ރިޕޯޓްގައި ބުނެފައިވަނީ 2016 ވަނަ އަހަރުން ފެށިގެން މިހާތަނަށް 31 މިސްކިތެއް ބިމާހަމަކޮށްފައިވާކަމެވެ.

އިނގިރޭސިވިލާތުގެ ނޫހުން އާންމުކުރި ރިޕޯޓުގައި އިތުރަށް ބުނެފައިވަނީ، އެއް ބައި މިސްކިތައް ބިމާ ހަމަކޮށްފައި ވާއިރު އަނެއްބައި މިސްކިތްތަކުގެ މުންނާރާއި ގުއްބު ފަދަ ތަންތަން ނަގާފައިވާ ކަމަށެވެ.

ރައީސް ޝީ ޖިންޕިންގެ ސަރުކާރުން ދަނީ ދީނީ ހަރުކަށިކަމާއި ދެކޮޅަށް މަސައްކަތް ކުރުމަށް ކަމަށް ބުނެ، އެ ގައުމުގައި ދިރިއުޅޭ މުސްލިމުންގެ ހައްގުތައް ހަނި ކުރަމުންނެވެ. މިގޮތުން، ޗައިނާގެ ބައެއް ސަރަހައްދުތަކުގައި، ރޯދަ ހިފުމާއި، ތުނބުޅި ދިގުކުރުމުގެ އިތުރުން، ނަމާދު ކުރުމާއި ބުރުގާ އެޅުން ވެސް ވަނީ މަނާކޮށްފަ އެވެ.

މީގެ އިތުރުން، ޗައިނާގައި ދިރިއުޅޭ އެއް މިލިއަން ވީގޫރު މުސްލިމުން ޓެރަރިޒަމް ކޮންޓްރޯލް ސެންޓަރުތަކުގައި ހިފަހައްޓައިގެން ގެންގުޅޭ ކަމުގެ ތުހުމަތުތައް ކުރެ އެވެ.

މިދިއަ ޖެނުއަރީ މަހު ޗައިނާގައި ދިރިއުޅޭ މުސްލިމުން އަމަލު ކުރަންޖެހޭ ގޮތްތައް ކަނޑައަޅާ ގަނޫނެއް ވެސް ސަރުކާރުން ވަނީ ފާސްކޮށްފަ އެވެ.

އެ ގާނޫނު ފާސްކޮށްފައިވަނީ، ޗައިނާގެ އަށް މުސްލިމު އެސޯސިއޭޝަނަކާއި ބައްދަލުކޮށް، ސޯޝަލިޒަމް އާއި އެއްގޮތްވާ ގޮތުގެ މަތިން، މުސްލިމުން "ގައިޑު" ކޮށްދިނުމަށް ސަރުކާރާއެކު އެއްބަސްވެފައިވާ ކަމަށް ބުނަމުންނެވެ.