ޔޫރަޕުން ރާއްޖެއަށް އެތެރެކޮށްފައިވާ ފްރާންސްގެ ދެ ބާވަތެއްގެ ޗީޒް، "ސެއިން ފެލިސިއޭން" އާއި "ސެއިން މާސެލައިން" ގައި އީކޮލައި ޖަރާސީމު ހުރުމުގެ ފުރުސަތު ބޮޑު ކަމަށް ބުނެ، އެތަކެތި ރާއްޖޭގައި ވިއްކުން މަނާ ކޮށްފި އެވެ.
ރާއްޖޭގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ އިން މިއަދު ކުރި އިއުލާނުގައި ބުނެފައިވަނީ، ފްރާންސްގެ މި ޗީޒް ތަކުގައި ޖަރާސީމު ފެތުރިދާނެ ކަމުގެ މައުލޫމާތު ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އިންޓަނޭޝަނަލް ފުޑް ސޭފްޓީ އޮތޯރިޓީސް ނެޓްވޯކް އަދި ޔޫރަޕުގެ ރެޕިޑް އެލާޓް ސިސްޓަމް ފޮ ފުޑް އެންޑް ފީޑް، އިން އެ އޮތޯރިޓީ އަށް އަންގާފައިވާ ކަމަށެވެ. އަދި، އެކަމާ ގުޅިގެން އުފެއްދުންތައް ބާޒާރުން ނެގުމުގެ މަަސައްކަތް މިހާރު ކުރާ ކަމަށެވެ.
ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނީ ރައްކާތެރިވުމުގެ ގޮތުން، 31 މޭ 2019 އިގެ ނިޔަލަށް މުއްދަތު ހަމަވާ ފްރާންސްގެ މި ދެ ބާވަތުގެ ޗީޒް ރާއްޖެއަށް އެތެރެކޮށް ވިއްކުމަކީ މަނާ ކަމެއް ކަމަށެވެ. އަދި، މި އުފެއްދުން ވިއްކަން ހުރިކަން ފާހަގަ ކުރެވިއްޖެނަމަ އެ އޮތޯރިޓީއާ ހިއްސާ ކުރަން އެދޭ ކަމަށެވެ.
ރާއްޖެ ހިމެނޭ ގޮތަށް 30 ގައުމަކަށް އެ ޗީޒް އެތެރެ ކޮށްފައި ވާއިރު އެ ޗީޒް ވިއްކުން އެ ގައުމުތަކުގައި ވެސް މިހާރު ވަނީ މަނާކޮށްފަ އެވެ. މީގެ ތެރެއިން އެއްވެސް ގަައުމަކުން އެ ޗީޒްގައި އިކޮލައި ޖަރާސީމުގެ އަސަރެއް ނުފެނެ އެވެ. ނަމަވެސް ފްރާންސްގެ އެކި ސަރަހައްދުތަކުގައި 13 ކުއްޖަކަށް ޗީޒްގެ އަސަރުކޮށްގެން މިހާރު ދަނީ ފަރުވާ ދެމުންނެވެ.