ނިމިގެން ދިޔަ 18 ވަނަ ރައްޔިތުން މަޖިލީހުގެ ފަހު ދައުރުގައި އެންމެ މަދުން މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުވި މެންބަރުންގެ ތެރޭގައި މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދާއި އޭނާގެ އެކުވެރި އަދި އެންމެ އަރިސް ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަލީ މައުރޫފް ހިމެނިއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ވެބްސައިޓުގައި މިއަދު އާންމު ކުރި ފަހު ދައުރުގެ ހާޒިރީގައިވާ ގޮތުން އެމްޑީއޭއަށް ނިސްބަތްވާ ސިޔާމް އާއި މައުރޫފް މަޖިލީހަށް ވަޑައިގަތީ އެންމެ ދުވަހަކު އެވެ. އެއީ ފުރަތަމަ ދުވަހު އެކަންޏެވެ. މީގެ ކުރިން ވެސް އެތަށއް ދައުރެއްގައި ހާޒިރީގެ ފުލުގައި ސިޔާމް ހިމެނިފައިވެ އެވެ.
ދެން އެންމެ މަދުުން މަޖިލީހަށް ހާޒިރުވެފައި ވަނީ ތިން މެންބަރުންނެވެ. އެއީ ގެމަނަފުށީ ދާއިރާގެ މެންބަރު ޖަމީލް އުސްމާން އާއި ދާންދޫ ދާއިރާގެ މެންބަރު އަހުމަދު އައްސަދު އަދި އިސްދޫ ދާއިރާގެ މެންބަރު އަހުމަދު ރަޝީދު އިބްރާހިމް އެވެ. އެެ މެންބަރުން މަޖިލީހަށް ހާޒިރުވީ އެންމެ ފަސް ދުވަހުގަ އެވެ.
ފެބްރުއަރީ ހަތަކުން އޭޕްރިލް 29 އަށް ކުރިޔަށް ގެންދިޔަ މަޖިލިސް ޖަލްސާތަކުގައި ހުރިހާ ޖަލްސާއަކަށް ހަމަޔަށް ވަޑައިގެންފައި ވަނީ 16 މެންބަރުންނެވެ. އަދި ފަސް މެންބަރުން އެއް ޖަލްސާއަށް ނޫން އެހެން ހުރިހާ ޖަލްސާއަކަށް ވަޑައިގަތެވެ.
މެއި 28، 2014 އިން ފެށިގެން ކުރިޔަށް ދިޔަ 18 ވަނަ ރައްޔިތުން މަޖިލީހުގައި ޖުމްލަ 174 ބިލާއި ހަތް ގަރާރުގެ މަސައްކަތް ނިންމާފައިވެ އެވެ. އަދި ސަރުކާރުން ހުށަހެޅި 154 މައްސަލައަކާއި ރިޔާސަތުން ހުށަހެޅި 26 މައްސަލައަކާއި މެންބަރުން ހުށަހެޅުއްވި 19 މައްސަލަ ވެސް ވަނީ ނިންމައިފަ އެވެ.
އާ މަޖިލީހަަށް އިންތިހާބުވެވަޑައިގަތް މެންބަރުން ހުވާ ކުރެއްވުން މި މަހަު 28 ގައި އޮންނާނެ އެވެ.