ހަބަރު

ކޮމީޑިއަން ޖޮނީ މަރުވެއްޖެ

ކުރީގެ ދިވެހި ފިލްމުތަކާއި ޑްރާމާ ތަކުގައި ހެއްވާ މަޖާ ރޯލުތަކުން ފެނުނު އެކްޓަރު މއ. ސީރިޔަޒް، ހާރޫން އަހުމަދު (ޖޮނީ) މިއަދު މަރުވެއްޖެ އެވެ.

އުމުރުން، 72 އަހަރުގެ ހާރޫންގެ މައްޗަށް ކަށުނަމާދު ކުރުން އޮންނާނީ މިރޭގެ ފަތިސް ނަމާދަށް ފަހު އާސަރާ މިސްކިތުގަ އެވެ.

ދިވެހި ފިލްމީ ދާއިރާގެ ޖޮނީ ލެވާގެ ގޮތުގައި ހާރޫން މަޝްހޫރުވީ، އޭނާ ކުޅޭ ހެއްވާ މަޖާ ރޯލުތައް ބޮލީވުޑް ފިލްމުތަކުގައި ކޮމީޑިއަން އަކަށް އުޅޭ ޖޮނީ ލެވާގެ ސްޓައިލަށް ކުޅުމުންނެވެ. ހާއްސަކޮށް، ޔޫސުފް ރަފީއު (ޔޫސޭ) ގެ ފިލްމުތަކުގައި ކުޅުނު ކޮމެޑީ ރޯލުތަކުން އާއްމުންގެ ހިތް އަތުލާފަ އެވެ.

ފިލްމީ ދާއިރާގައި މަޖާ ރޯލުތައް ކުޅެ އާއްމުންގެ ލޯބި ހޯދުމުގެ އިތުރުން ހާރޫނަކީ ގިނަ ދުވަސްތަކެއް ވަންދެން ސަރުކާރުގެ އެކި އިދާރާތަކުގައި ވަޒީފާ އަދާކޮށްފައިވާ މީހެކެވެ.