ދުނިޔެ

މުސްލިމުންނަށް ދޭ ހަމަލާތައް އިތުރުވެ ލަންކާގައި ކާފިއު

May 14, 2019
1

ކޮލޮމްބޯ (މެއި 14) - ސްރީލަންކާގައި ދިރިއުޅޭ މުސްލިމުންނަށް އަމާޒުކޮށް ދެމުންދާ ހަމަލާތައް އިތުރުވެ، ސަރުކާރުން އަނެއްކާވެސް ކާފިއު ހިންގައިފި އެވެ.

އިސްލާމީ ހަރުކަށި ފިކުރުގެ ޖަމާއަތަކުން މިދިއަ މަހު ދިން ބޮމުގެ ހަމަލާތަކުގައި 250 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، ލަންކާގައި ދިރިއުޅޭ މުސްލިމުންނަށް ގިނަ ބައެއްގެ ރުޅިވެރިކަން ވަނީ އަމާޒުވެފަ އެވެ.

އެގޮތުން، އެކި ހިސާބުތަކުގައި މިސްކިތްތަކަށާއި، މުސްލިމުންގެ ފިހާރަތަކަށް ގުރޫޕުތަކުން ނުކުމެ ގެއްލުން ދެމުންދާކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ. ހަމަނުޖެހުން ހުއްޓުވަން، ފުލުހުން ވަނީ ބައެއް ސަރަހައްދުތަކުގައި ކަރުނަ ގޭސް ވެސް ބޭނުންކޮށްފަ އެވެ.

ލަންކާގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ ވަނީ ގައުމާ މުހާތަބުކުރައްވައި، އަމަން ނަގާލަން މަސައްނުކުރުމަށް ރައްޔިތުންނަށް އިލްތިމާސް ކުރައްވައިފަ އެވެ. އަދި މިހާރު ހިނގަމުންދާ ހަމަނުޖެހުމުގެ ސަބަބުން، ބޮމުގެ ހަމަލާތަކާ ގުޅިގެން ސަލާމަތީ ބާރުތަކުން ކުރަމުންދާ ތަހުގީގަށް ހުރަސް އެޅޭނެކަމަށް ރަނިލް ވަނީ ވިދާޅުވެފަ އެވެ.

ލަންކާގެ ހުޅަނގު ދެކުނުން އޮންނަ ކިނިޔާމާ ނަމަކަށް ކިޔާ ސަހަރެއްގައި ހުރި މިސްކިތަށް ބަޔަކު ވަދެ ގެއްލުން ދިނުމަށްފަހު، މިސްކިތް ތެރޭގައިހުރި ހަތިމުތައް ވެސް އުކާލާފައިވާކަމަށްވެ އެވެ. އެ ހަމަލާ ދީފައިވަނީ، ހަތިޔާރު ފޮރުވާފައި ހުރިކަމަށް ތުހުމަތުކޮށް މިސްކިތް ބަލާ ފާސްކުރަން ހުއްދަ ނުދިނުމުންކަމަށް ބައެއް މީޑިއާ ރިޕޯޓުތައް ބުނެފައިވެ އެވެ.

ޕުއްތަލަމް ޑިސްޓްރިކްޓުގައި ގުރޫޕަކުން ތޫނު އެއްޗަކުން ހަމަލާދީ މުސްލިމު ފިރިހެނެއް ވަނީ މަރާލައިފަ އެވެ. އެހެން ސަރަހައްދުތަކުގައި ވެސް މުސްލިމުންގެ ތިން ފިހާރައެއް ރޯކޮށްލާފައިވާކަމަށްވެ އެވެ. ނުބައި މައުލޫމާތު ފެތުރުން ހުއްޓުވުމަށް ބައެއް ސޯޝަލް މިޑިއާ އެޕުތައް ސަރުކާރުން ވަނީ އަލުން ބްލޮކުކޮށްފަ އެވެ.

ލަންކާގެ 22 މިލިއަން މީހުންގެ އާބާދީގެ 10 ޕަސަންޓަކީ މުސްލިމުންނެވެ.