ޕީޕީއެމް

އައިޖީއެމްއެޗްގެ ހާލަތު ވަނީ ގޯސްވެފައި: ޕީޕީއެމް

ރާއްޖޭގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗްގެ އިމަޖެންސީ ރޫމްގެ ހާލަތު މިހާރު އެތަނަށް ވައްދާ ބަލި މީހުންގެ ފުރާނައަށް ނުރައްކާވާ ދަރަޖައަކަށް ވެއްޓިފައި ކަމަށް ޕީޕީއެމުން ބުނެފި އެވެ.

ޕީޕީއެމުން ނެރުނު ނޫސް ބަޔާނެއްގައި ބުނަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ސިއްހީ ދާއިރާއަށް އިހްމާލުވަމުން ދާ ކަމަށާއި އެތައް ބަޔަކު ކޮންމެ ދުވަހަކު ހިދުމަތް ހޯދަންދާ ހޮސްޕިޓަލް ނުބެލެހެއްޓި ހިދުމަތުގެ ފެންވަރުވެ ދަށްވެ، އެ ހޮސްޕިޓަލްގެ އިމާޖެންސީ ރޫމްގެ ބޭނުން ވެސް ފުރިހަމަ ގޮތުގައި ނުކުރެވޭ ކަމަށެވެ.

ހޮސްޕިޓަލްގެ ހާލަތު ދަށްވެފައިވާތީ އެކަމާއި ހިތާމަ ކުރާކަމަށް ވެސް ޕީޕީއެމްގެ ބަޔާނުގައި ބުނެ އެވެ. އޭގައި އިތުރަށް . ބުނަނީ ރާއްޖޭގެ މައި ހޮސްޕިޓަލް ނުބެލެހެއްޓި އެތަނުގެ ހާލަތު ގޯސްވެފައި ވަނީ މި ސަރުކާރުގެ ނާގާބިލުކަމުން ކަމަށެވެ.

މައި ހޮސްޕިޓަލްގެ ސެންޓްރަލް އެއާކޮންޑިޝަން ނިޒާމަށް މައްސަލަތައް ދިމާވެފައިވާ ކަމަށް އެ ހޮސްޕިޓަލުން ވެސް މިދިއަ މަހު ވަނީ ބުނެފަ އެވެ. އޭރު ބުނެފައި ވަނީ ސެންޓްރަލް އެއާކޮންޑިޝަނިން ސިސްޓަމަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކަމަށް ބޭނުންވާ ކޫލިން ޓަވަރަށް މިހާރު އޯޑަރު ދީފައިވަ ކަމަށާއި މޭ މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި އެ މަސައްކަތް އެއްކޮށް ނިންމާނެ ކަމަށެވެ.