ވިޔަފާރި

ރިއު ހޮޓެލްސްގެ ދެ ރިސޯޓެއް ދާލުގައި ހުޅުވައިފި

ދުނިޔޭގެ އެންމެ މަޝްހޫރު އެއް ޓޫރިޒަމް ކުންފުނި ކަމަށްވާ ރިއު ހޮޓެލްސް އިން ދ. އަތޮޅުގައި ދެ ރިސޯޓު މިއަދު ހުޅުވައިފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން 40 މިނެޓުން ދެވޭ ރާސްތާގައި ދ. އަތޮޅު ކެދިގަނޑާއި ގުޅިފައިވާ މާފުށީގައި މި ދެ ރިސޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ކޮށްފައިވަނީ ހުޅުމާލޭ ބްރިޖުގެ މަސައްކަތް ކުރި ޗައިނާ ކޮމިއުނިކޭޝަން ކޮންސްޓްރަކްޝަން ކުންފުނިން (ސީސީސީ) އިންނެވެ.

މި ދެ ރަށުގައި މިއަދު ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި ދެ ރަށް ހުޅުވައި ދެއްވީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދެވެ. މި ދެ ރިސޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު އަލީގެ އިތުރުން ޗައިނާ ސަފީރު ޖަންގް ލިޖޮންގް ވެސް ބައިވެރިވަޑައިގަތެވެ. އަދި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއި އެނާޖީ މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން އަދި ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަަދު އާމިރު ވެސް ބައިވެރިވަޑައިގެންނެވި އެވެ.

ރިއު ހޮޓެލްސްއިން ކެދިގަނޑުގައި ތަރައްގީ ކުރި ރިސޯޓަށް ދީފައިވާ ނަމަކީ "ރިއު އެޓޯލް" އެވެ. އަދި އިންވެގެން އޮންނަ މާފުށީގައި ހުޅުވި ރަށަށް ކިޔަނީ "ރިއު ޕެލެސް މޯލްޑިވްސް" އެވެ. މި ދެ ރިސޯޓަކީ ރިއު ހޮޓެލްސް އިން ރާއްޖޭގައި ހުޅުވި ފުރަތަމަ ދެ ރިސޯޓެވެ.

މި ދެ ރިސޯޓުގައި ޖުމުލަ 440 ކޮޓަރި (880 އެނދު) ހުރެ އެވެ.

ހަތަރު ތަރީގެ "ރިއު އެޓޯލް" ތަރައްގީ ކޮށްފައިވަނީ ޖުމުލަ 264 ކޮޓަރި އާއެކުގަ އެވެ. މީގެ ތެރެއިން 36 ކޮޓަރި އަޅާފައި ވަނީ މޫދުގަ އެވެ. މިތަނުގައި ތަފާތު ކެއުންތައް ލިބޭ ތިން ރެސްޓޯރަންޓާއި ބާ އަދި ބޮޑު ސުވިމިން ޕޫލަކާއި ކުޑަކުދިންނަށް ހާއްސަ ޕޫލެއް ހުރެ އެވެ. އަދި ފަސް ތަރީގެ "ރިއު ޕެލަސް މޯލްޑިވްސް" ގައި ޖުމުލަ 176 ކޮޓަރި ހިމެނެ އެވެ. މީގެތެރެއިން 72 ކޮޓަރި ތަރައްގީ ކޮށްފައިވަނީ މޫދުގައެވެ. މި ރިސޯޓުގައިވެސް ދެ ރެސްޓޯރަންޓާއި ޕޫލެއް ހުރެ އެވެ. މި ރަށްވެސް ވަނީ ވޯކްވޭއަކުން ގުޅާލާފަ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިހާރު ރާއްޖޭގައި 140 ރިސޯޓެއް ދަނީ ތަރައްގީ ކުރަމުންނެވެ.