ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ރިސޯޓު ކުލީގެ އާމްދަނީ 52 ޕަސެންޓް ދައްވެއްޖެ

May 12, 2020
1

ކޮވިޑް-19 އާ ގުޅިގެން ޓޫރިޒަމް ހަރަކާތްތައް ހުއްޓި، ގިނަ ރިސޯޓުތައް ބަންދު ކޮށްފައި ވާތީ ރިސޯޓުތަކުން ކުލީގެ ގޮތުގައި މި އަހަރު ލިބުނު އާމްދަނީ 52 ޕަސެންޓް ދަށް ވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީގެ މިދިޔަ މަހުގެ މާލީ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރުގެ ޖެނުއަރީން މާޗުގެ ނިޔަލަށް ރިސޯޓު ތަކުން ކުލީގެ ގޮތުގައި ލިބިފައި ވަނީ 366.3 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް މި އަހަރު ލިބިފައިވަނީ 174.2 މިލިއަން ރުފިޔާ އެވެ. މިއީ ގާތްގަނޑަކަށް 52 ޕަސެންޓްގެ ދަށްވުމެކެވެ.

އެ ރިޕޯޓުގައިވާ ގޮތުން މާޗު މަހަށް އެކަނި ބަލާނަމަ ރިސޯޓު ތަކުން ކުލީގެ ގޮތުގައި ލިބިފައި ވަނީ 136 މިލިއަން ރުފިޔާ އެވެ. އެއާ ހިލާފަށް މިދިޔަ އަހަރުގެ މާޗް މަހު ކުލީގެ ގޮތުގައި 303.7 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެހެންވެ، މާޗު މަހު އެކަނި ކުލީގެ ގޮތުގައި ލިބިފައިވާ އާމްދަނީ ވެސް ވަނީ 95 ޕަސެންޓަށް ދަށްވެފަ އެވެ.

ދަރުބާރުގޭގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ ރިސޯޓުތަކުން މިހާތަނަށް 100 ވުރެ ގިނަ ރިސޯޓުން ލޭންޑް ރެންޓް ދައްކާފައިވާ ކަމަށް ވިދާޅުވެފަ އެވެ.

ރާއްޖެއަށް އޮން އެރައިވަލް ހުއްޓާލުމުން ރާއްޖެއަށް ޓޫރިސްޓުން އައުން ވަނީ ހުއްޓިފަ އެވެ. ސަރުކާރުން ވަނީ ކޮވިޑުގެ ހާލަތު ސަރުކާރުގެ ކޮންޓްރޯލްގެ ދަށުގައި އޮވެއްޖެނަމަ މި އަހަރު ރާއްޖޭގެ ޓޫރިޒަމް 50 ޕަސެންޓަށްވުރެ ބޮޑުކޮށް ދަށްވާނެ ކަމަށް ބުނެފަ އެވެ. އަދި އެއަށްވުރެ ނުރައްކާ ހާލަތަކަށް ދާ "ވޯސް ކޭސް ސިނާރިއޯ" ގައި މި އަހަރު އެންމެ ޓޫރިސްޓެއް ވެސް ނާންނާނެ ކަމަށް ބުނެފަ އެވެ.

ސަރުކާރުން ވަނީ ޓޫރިޒަމް ހުޅުވާލަން ޕްލޭންތައް ހަދަން ފަށާފަ އެވެ. މިގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ނޫން އެހެން އެއާޕޯޓުތައް އިންޓަނޭޝަނަލް ޓޫރިސްޓުންނަށް ހުޅުވާލަން ވެސް ސަރުކާރުގެ ޕްލޭންގެ ތެރޭގައި ހިމެނެ އެވެ.