ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ބޯޑަރު ބަންދު ކުރިއަސް، ބަންދުނުކޮށް ހިންގީ 8 ރިސޯޓެއް

Jul 7, 2020
1

ރާއްޖޭގެ ބޯޑަރު ބަންދު ކުރި ނަމަވެސް، ބަންދު ނުކޮށް ހިންގަމުން މިހާތަނަށް އަށް ރިސޯޓެއްދާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ ލިސްޓުގައިވާ ގޮތުން ރާއްޖޭގެ 157 ރިސޯޓުގެ ތެރެއިން ކޮވިޑް-19 ގެ ހާލަތުގައިވެސް ހިންގަމުން ގޮސްފައިވަނީ އަށް ރިސޯޓެވެ. މި ރިސޯޓުތަކުގައި ޖުމްލަ 1،256 އެނދު އޮޕަރޭޓް ކުރަމުން ގޮސްފައިވެ އެވެ.

އޮޕަރޭޝަންގައި ހުރި ރިސޯޓުތައް

  • ބ. ފޯސީޒަން ޕްރައިވެޓް އައިލެންޑް- ވޯވަށް
  • ފޯސީސަން ރިސޯޓް މޯލްޑިވްސް އެޓް ލަނޑާ ގިރާވަރު
  • ލިލީ ބީޗް ރިސޯޓް
  • ލަކްސް މާލެ އެޓޯލް
  • އޯ ބްލޫ ބައި އެޓްމޮސްފިއާ އެޓް ހެލަނގެލި
  • ސޮނޭވާ ފުށި ރިސޯޓް
  • އަންގްސާނާ ރިސޯޓް އެންޑް މޯލްޑިވްސް- ވެލަވަރު
  • ވެލާ ޕްރައިވެޓް އައިލެންޑް

ބޯޑަރު ބަންދު ކުރިނަމަވެސް، އޮޕަރޭޝަން ހުއްޓާނުލައި ހިންގަމުން ދިޔަ ގިނަ ރިސޯޓުތަކުގައި އައިސޮލޭޓް ވެގެން ބައެއް ޓޫރިސްޓުން އެބަތިއްބެވެ. މީގެ އިތުރުން ބައެއް ރިސޯޓުތަކުގައި އެ ރިސޯޓުތަކުގެ ވެރިންގެ އާއިލާތައް ވެސް ޗުއްޓީ ހޭދަ ކުރަމުންދެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ދެ މަސް ވަންދެން ބަންދު ކޮށްފައި އޮތުމަށްފަހު ރާއްޖޭގެ ބޯޑަރު މި މަހުގެ 15 ވަނަ ދުވަހު ހުޅުވާލާއިރު، އޮޕަރޭޝަން ހުއްޓާލާފައިވާ ރިސޯޓުތަކުގެ ތެރެއިން އަލުން އޮޕަރޭޝަން ފަށާނީ 30 ރިސޯޓުން ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފަ އެވެ. އަދި 38 ރިސޯޓެއްގެ އޮޕަރޭޝަން ފަށާއިރު، އެ ރިސޯޓުތަކުން ޖުމްލަ 7،655 އެނދު އޮޕަރޭޝަނަށް އަންނާނެ ކަމަށް އެ ލިސްޓުގައި ބުނެފައިވެ އެވެ.

ބޯޑަރު ހުޅުވާލުމަށްފަހު، މި ހިނގާ ޖުލައި މަސް ނިމުމުގެ ކުރިން އިތުރު ހަތަރު ރިސޯޓެއް ހުޅުވާލާއިރު، އަންނަ އޯގަސްޓު މަހު އިތުރު 25 ރިސޯޓެއް ހުޅުވާލުމަށް ހަމަޖެހިފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ. ބާކީ ހުރި ރިސޯޓުތަކުގެ ތެރެއިން ގިނަ ރިސޯޓުތައް އޮކްޓޯބަރު މަހު އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް އެ ލިސްޓުގައި ބުނެފައިވެ އެވެ.

ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައިވަނީ 27 މާޗު ގަ އެވެ. މި އަހަރު ޖެނުއަރީން އެޕްރީލް މަހުގެ ނިޔަލަށް ރާއްޖެ އެތެރެވެފައިވާ ޓޫރިސްޓުންގެ ޖުމްލަ އަދަދަކީ 382،760 އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އައި 646،092 މީހުންނާ އަޅާ ބަލާއިރު 40.8 ޕަސެންޓް ދަށްވުމެކެވެ. ގައުމީ ޔުނިވާސިޓީގެ ދިރާސާ އިން ދައްކާ ގޮތުގައި މި އަހަރުގެ ބާކީ އޮތް ބައިގައި ރާއްޖެ އަށް އަންނާނެ ކަމަށް ލަފާ ކުރެވެނީ 450،134 މީހުންނެވެ. އެހެންވެ އަހަރު ޖުމްލަ ޓޫރިސްޓުންގެ އަދަދު ގާތްގަނޑަކަށް 800،000 އަށް އަރާނެ އެވެ.