ވިޔަފާރި

އިންޓަކޮންޓިނެންޓަލްގެ ރާއްޖޭގެ ފުރަތަމަ ރިސޯޓު ހުޅުވައިފި

އިންޓަކޮންޓިނެންޓަލް ހޮޓެލްސް އެންޑް ރިސޯޓްސް ގްރޫޕުން ރާއްޖޭގައި ތަރައްގީ ކުރި، ފުރަތަމަ ރިސޯޓެއް އިއްޔެ ހުޅުވައިފި އެވެ.

ދުނިޔޭގައި އެންމެ މަތީ ފަންތީގެ ރިސޯޓްތައް ހިންގާ އިންޓަކޮންޓިނެންޓަލް ގްރޫޕުން ރާއްޖޭގައި ތަރައްގީ ކުރި ފުރަތަމަ ރިސޯޓު ކަމަށްވާ ރ. އަތޮޅު މާމުނަގާ ހުޅުއްވައި ދެއްވީ އެ ރިސޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރު އަލީ ވަހީދު އެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރު އަލީ ވިދާޅުވީ ޓޫރިޒަމް ތަރައްގީ ވެގެންދާއިރު، ރާއްޖޭގެ ސަގާފަތާއި އާދަކާދަަ މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ. އަދި މި ރިސޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ދިވެހި އާޓިސްޓުންނަށް ފުރުސަތު ދީފައިވާ ކަމަށް ފާހަގަކޮށް ޝުކުރު އަދާކުރެއްވި އެވެ. މީގެ އިތުރުން މި ރިސޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންގެ 56 ޕަސެންޓަކީ ދިވެހިންކަން ފާހަގަ ކުރައްވައި ދިވެހިންގެ ބައިވެރިވުމާއެކު ރިސޯޓު ހިންގަން ފުރުސަތު ތަނަވަސްކޮށްދީފައިވާކަން ވެސް ފާހަގަ ކުރެއްވި އެވެ.

އިންޓަކޮންޓިނެންޓަލް މޯލްޑިވްސް މާމުނާގާގެ ނަމުގައި ހިންގާ މި ރިސޯޓުގައި އެކި ފަންތީގެ 81 ކޮޓަރި ހުރެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރައިގެން ސީޕްލޭންގައި 35 މިނެޓުން ދެވޭ ރާސްތާގައި ތަރައްގީ ކުރި މި ރިސޯޓަކީ އިންޓަކޮންޓިނެންޓަލް ގްރޫޕުން ދުނިޔޭގައި ހިންގާ ހަމައެކަނި "އޯލް ކްލަބް އިންޓަކޮންޓިނެންޓަލް" ބްރޭންޑުގެ ރިސޯޓެވެ. އޯލް ކަލަބް ރިސޯޓު ތަކަކީ ޗުއްޓީ އަށް އަންނަ މީހުންނަށް ހާއްސަ ހިދުމަތް ދޭ ބްރޭންޑެކެވެ. މި ބްރޭންޑުގެ ހޮޓާ ތަކުން ބައެއް ހިދުމަތްތަށް ހިލޭ ވެސް ލިބެ އެވެ. މި ރިސޯޓުގައި އިންފިނިޓީ ޕޫލްތަކާއި ބޮޑު ސުވިމިން ޕޫލުގެ އިތުރުން ބޮޑެތި ރެސްޓޯރެންޓުތައް ހުރެ އެވެ.

ރ. މާމުނަގާއަކީ ރާއްޖޭގެ އެންމެ ބޮޑު ފަޅު އޮތް ރަށެވެ. މި ރަށް ހުޅުވުމާއެކު އެ ކުންފުނިން ވަނީ ކަނޑުގެ ދިރާސާ ކުރުމުގެ މަސައްކަތް ތަކެއް ފަށަން ދަނީ ތައްޔާރު ވަމުންނެވެ.

ރާއްޖޭގައި މިހާރު 140 ރިސޯޓެއް ތަރައްގީ ކުރަމުންދެ އެވެ. މި ރިސޯޓަކީ މި އަހަރު ހުޅުވި 16 ވަނަ ރިސޯޓެވެ. މި ރިސޯޓާއެކު ޓޫރިޒަމް ސިނާއަތަށް 4،240 އެނދު ވަނީ އިތުރު ވެގެންގޮސްފަ އެވެ.