ރިސޯޓު ހަދަން މާލެ އަތޮޅުން އަލަށް ރަށް ދޫނުކުރަން ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވީ އަލަށް ރަށްތައް ދޫކުރާއިރު، މާލެ އަތޮޅުން ރަށް ދޫނުކުރަން ނިންމީ މާލެ އަތޮޅުގައި ނުހެދި ގިނަ ރަށް ތަކެއް ހުރުމާއި ގިނަ ރަށް ތަކެއް ދޫކޮށްފައިވާތީ ކަމަށެވެ. އެ ނިންމުން ނިންމާފައި ވަނީ އިކޮނޮމިކް ކައުންސިލަށް ހުށަހަޅައި އެ ކައުންސިލްގެ ލަފާ ހޯދައިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި ސަރުކާރުން ވަނީ ރިސޯޓު ހަދަން އިތުރު ރަށްތަކެއް މާކެޓަށް ނެރެން ނިންމާފަ އެވެ. އަދި އެހެން ފަހަރުތަކާ ހިލާފަށް ރަށްތަކުގެ "އިނީޝަލް އެންވަޔަރަންމަންޓް އެސެސްމަންޓާއި ސޯޝިއޯ އިކޮނޮމިކް އެސެސްމަންޓް" އެއް ހަދަން ނިންމައި އެކަން ކޮށްދޭނެ ފަރާތެއް ހޯދަން މިނިސްޓްރީން މިހާރު ވަނީ އިއުލާނުކޮށްފަ އެވެ.
މިނިސްޓަރު ވިދާޅުވީ މި ދިރާސާ ހެދުމުގެ ބޭނުމަކީ ރަށް މާކެޓަށް ނެރުމުގެ ކުރިން އާއްމުންގެ ހިޔާލާއި ތިމާވެށީގެ ދިރާސާ ހަދައި ބެލުން ކަމަށެވެ. ރަށްތަކުގެ އަދަދާއި ރަށްތަކުގެ މައުލޫމާތު އާއްމު ކުރާނީ އެ ދެ އެސެސްމަންޓް ނިމުމުން ކަމަށް ވެސް ވިދާޅުވި އެވެ.
"ހުންނާނެ ވަކި ބާވަތެއްގެ ދޫނި ނިދަން އަރާތީ ވެސް ބައެއް ރަށް ކެންސަލްކޮށްލާފައި، އަޅުގަނޑުމެން ދެކޭ ގޮތުގައި އެއީ ކުޑަ ކަމެއް ނޫން. އެއީ ރާއްޖޭގެ ޖަޒީރާ ވަންތަކަން ހިމާޔަތް ކުރުމަށް،" އަލީ ވަހީދު ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ރަށްތައް ދޫކުރާއިރު، ވިސްނާފައިވާނީ ޓޫރިޒަމް ނެތް ހިސާބުތަކުން ރަށް ދޫކުރަން ކަމަށެވެ.
ޓޫރިޒަމް ހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގައި ރިސޯޓުތައް އެންމެ ގިނައީ މާލެ އަތޮޅުގ އެވެ. ރާއްޖޭގައި 140 ރިސޯޓު އޮތް އިރު މީގެ ތެރެއިން 47 ރިސޯޓު ހިންގަމުން ގެންދަނީ މާލެ އަތޮޅުގަ އެވެ. އަދި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މާލެ އަތޮޅުން 30 އަށްވުރެ ގިނަ ފަޅު ވަނީ ހިއްކައިގެން ރިސޯޓު ހަދަން ދޫކޮށްފަ އެވެ. އަދި މި ފަޅުތަކުގެ ތެރެއިން ބައެއް ފަޅުތަކުގައި ހެދި ރިސޯޓުތައް ދަނީ ހުޅުވަމުންނެވެ.