ވިޔަފާރި

ރިސޯޓު ހަދަން ދޫކުރި 70 ރަށް ނުހެދި، ބައެއް ރަށްތައް ދޫކުރިތާ 10 އަހަރު!

އެކި ސަރުކާރުތަކުން ރިސޯޓު ހަދަން ދޫކޮށްފައިވާ 70 ރަށެއް ނުހެދި ހުއްޓިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ 70 ރަށެއް ޑިވެލޮޕިން ސްޓޭޖުގައި އެބަހުރި ކަމަށާއި، މީގެތެރޭގައި 2006 ވަނަ އަހަރު ދޫކޮށްފައިވާ ރަށްތައް ވެސް ހިމެނޭ ކަމަށެވެ. އަދި މި ރަށްތައް ނުހެދި ހުރުމުން އޭގެ ގެއްލުން ރައްޔިތުންނާއި މުޅި ގައުމަށް ވެސް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މިއީ މީހެއްގެ އުމުރުގެ ބޮޑުބައި. ދިހަ އަހަރު ރަށެއް ދޫކޮށްފައި ނުހެދި އޮތުމަކީ ބަލަން ޖެހޭވަރުގެ ކަމެއް. އެހެންވެ ސަރުކާރުގެ ވުޒާރާތަކާއެކު މި ރަށްތައް ހެދުމަށްޓަކައި ގާނޫނީ ގޮތުން ކުރަން ޖެހޭ ކަންތައްތައް ކުރަމުން މި ގެންދަނީ. އަޅުގަނޑުމެންގެ ލީޑާޝިޕްގައި ޖާގައެއް ނުދޭނަން ރަށްތައް ނަގައިގެން ހަމަ ބަނޑު ދަމާލައިގެން ތިބޭކަށް. ރަށްތައް ހަދާ ހުޅުވަން ޖެހޭނެ،" އަލީ ވިދާޅުވި އެވެ.

ކޯޓުގައި މައްސަލަ "ތާށި" ކުރުމުގެ ވިސްނުމެއް ނެތް!

މިނިސްޓަރު ވިދާޅުވީ ރަށްތައް ނުހެދި ހުރުމަކީ ހަމައެކަނި ވިޔަފާރިވެރިޔާގެ މައްސަލައެއް ވެސް ނޫން ކަމަށާއި، މީގައި ސަރުކާރުގެ މައްސަލަ ވެސް އެބައޮތް ކަމަށެވެ.

"ސަރުކާރުން ކުރީގެ މިނިސްޓްރީ ތެރޭގައި އެބަހުރި ހުރަސް އަޅައި ގޯނާކޮށްފައި، ސިޔާސީ ފިކުރު ތަފާތުވީމަވެސް. އެހެންވެ އިންޑިވިޖުއަލީ ކޮންމެ ރަށެއް ބަލާފަ، އެ ރަށްތަކާމެދު ކުރިއަށް ދާނެ ގޮތެއް ނިންމާނީ. މި ރަށްތައް ރިކަވާ ކުރުމަކީ މި ރަށް މާކެޓަށް ނެރުން. މީގެ ހަމައެކަނި ހައްލަކީ އެގްރީމެންޓް ބާތިލް ކުރުމެއް ވެސް ނޫން،" އަލީ ވިދާޅުވި އެވެ.

އަލީ ވިދާޅުވީ ރަށެއްގެ އެގްރީމަންޓް ބާތިލް ކުރުމަކީ މުޅި އަކުން ހައްލު ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

"އެނގިވަޑައިގަންނަވާނެ ހަންކެޑެ ކޭސް. އައްޑޫ ރައްޔިތުންގެ ވަރަށް ބޮޑު އެދުމުން ދިޔަކަމެއް މިއީ. އަޅުގަނޑުމެން، ހަމަ އެ ރަށް ބާތިލް ކުރުމާއެކު ދިޔައީ ކޯޓަށް. އެހެންވެ އަޅުގަނޑުމެންގެ ސަރުކާރުގެ ފަސް އަހަރު ނިންމާނީ ހުރިހާ ރަށެއް ކޯޓުގައި ބައިތިއްބައިގެން ތޯ؟ ނޫނީ ރަށް ހަދާ ހުޅުވާނީ ތޯ؟ މިއީ ސުވާލަކީ. އަޅުގަނޑުމެންގެ ބޭނުމަކީ ރައީސްގެ ވައުދާ އެއްގޮތަށް 35،000 އެނދު ނެރެން. މި އެނދު ގެނައުމުގައި ރަށްތަކެއް ނެގުމަށްވުރެ ނުހެދި ހުރި ރަށްތައް ހެދުމުގެ މުހިންމުކަން ބޮޑު،" އަލީ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މި މައްސަލަތައް ކޯޓަށް ލައިގެން އުޅުމުގެ ބަދަލުގައި ރަށްތައް ހުޅުވުމަކީ އެންމެ އިސްކަންދޭ ކަންތައް ކަމަށެވެ.

"ކޮންމެ ރަށަކަށް ދާއިރަށް ކައުންސިލްތަކުން އަންނަ ޝަކުވާއެއް މިއީ މިވެނި ރަށް ރަށެއް ނުހުޅުވައޭ. ދަނޑުވެރިކަމޭ އެތަނުގައި ކުރަނީ. މިހާރު އަޅުގަނޑުމެން މި ދަނީ ކައުންސިލްތަކަށް މައުލޫމާތު ވެސް ހިއްސާ ކުރަމުން،" އަލީ ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ނުހެދި ހުރި 70 ރަށުގެ ތެރެއިން 30 ރަށެއް އައިޑެންޓިފައިކޮށް އިކޮނޮމިކް މިނިސްޓްރީ އަށް ފޮނުވާފައިވާ ކަމަށާއި ތިން އަހަރުތެރޭ މި ރަށްތައް ހުޅުވަން މަސައްކަތް ކުރަމުންދާ ކަމަަށެވެ.

ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުގައި ޓޫރިޒަމާ ގުޅުންހުރި 132 މަޝްރޫއެއް މިހާރުވެސް ކުރިއަށް އެބަދެ އެވެ. މީގެ ތެރޭގައި 140 އަށް ވުރެ ގިނަ ރަށުގައި ރިސޯޓު ތަރައްގީ ކުރަމުން ގެންދެ އެވެ.