ރާއްޖޭގެ 67 ރިސޯޓަކުން ބައިވެރިވެފައިވާ، ޓޫރިޒަމް ޖޮބް ފެއާ ފަރުކޮޅު ފުށީގައި ހުޅުވައިފި އެވެ.
ރާއްޖޭގެ އެންމެ ގިނަ ރިސޯޓުތައް ބައިވެރިވެގެން ބާއްވާ ޖޮބް ފެއާ ރޭ ހުޅުވައިދެއްވީ އެއް ނަމްބަރު ފާލަން ކައިރީގައި ބޭއްވި ރަސްމިއްޔާތެއްގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އެވެ. އެ ފެއާ ފަރުކޮޅު ފުށީގައި ކުރިއަށްދާއިރު، ފެއާގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަަށް މާލެ ދެ ނަމްބަރު ފާލަން ސަރަހައްދުން ކޮންމެ 30 މިނެޓަކުން ދިއުމުގެ ފުރުސަތު ލިބެ އެވެ.
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މި ފެއާ މި އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ބާއްވަން ނިންމާފައިވާ ކަމަށާ މި ފެއާއަކީ ހަމައެކަނި ދިވެހިންނަށް ހާއްސަ ޖޮބް ފެއާއެއް ކަމަށެވެ.
ޖޮބް ސެންޓަރު އަންނަ މަހު ހުޅުވަނީ
މި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ ސަރުކާރުގެ ވައުދުގައި ހިމެނޭ ޖޮބް ސެންޓަރު ހުޅުވުމުގެ މަަސައްކަތް ކުރިއަށްދާ ކަމަށެވެ. މީގެ އިތުރުން ވޯލްޑް ބޭންކް އާ ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން ޓޫރިޒަމް ސިނާއަތާއި ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް ބޭނުންވާ ވަރަށް މީހުން ބިނާ ކުރަން މަަސައްކަތް ކުރާނެ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
"ޖޮބް ސެންޓަރު އަންނަ އޮކްޓޯބަރު މަހުގެ ނިޔަލަށް ހުޅުވޭނެ. މި ސެންޓަރުގައި ވަޒީފާ ދޭ މީހުން ވަޒީފާ އިއުލާން ކުރުމުން ވަޒީފާ އަށް އެދި ރަޖިސްޓްރީ ވާ މީހުންގެތެރެއިން ކޮލިފައިޑް މީހުންނަަށް ވަޒީފާ ވަގުތުންހަމަ ޖެހޭނެ. އެ ވަޒީފާ އަކަށް ކޮލިފައިޑް މީހަކު ނެތްނަމަ ބޭރު މީހަކު ގެންނަން ކޯޓާ ދޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.
ދުނިޔޭގެ ޓޫރިޒަމް ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހިންގާ ހަރަކާތްތަކުގައި ހިމެނޭ ޖޮބް ފެއާ ތިން ދުވަހަށް ކުރިއަށްދާނެ އެވެ. މިފެއާއަށްދާ ކުދިންނަށް ވަގުތުން ޖޮބް ހަމަޖައްސައިދިނުމުގައި ޓޫރިޒަމް މިނިސްޓަރީން އެހީވެދޭނެ ކަމަަށް އެ މިނިސްޓްރީން ބުނެ އެވެ.