ދުނިޔެ

އޮސްޓްރޭލިއާ އިންތިހާބު: ބޮޑުވަޒީރު މޮރިސަން މެޖޯރިޓީއާ ގާތަށް

May 19, 2019

ކެންބެރާ (މެއި 19) - އޮސްޓްރޭލިއާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަންގެ ކޯލިޝަނުން އެ ގައުމުގެ އާންމު އިންތިހާބުގައި ގިނަ ގޮނޑިތަކެއް ކާމިޔާބުކޮށް މެޖޯރިޓީ ހޯދުމާ ގާތަށް ޖެހިލައިފި އެވެ.

އަދިވެސް ވޯޓު ގުނަމުންދާއިރު، ޕާލިމަންޓް މެޖޯރިޓީ ހޯދުމަށް މޮރިސަންގެ ކޮންސަވޭޓިވް ކޯލިޝަނަށް މިހާރު ބޭނުންވަނީ އެންމެ ތިން ގޮނޑި އެވެ. އިންތިހާބުގެ ކުރިން ނެގި އެގްޒިޓް ޕޯލްތަކުން ދެއްކި ގޮތާއި ހިލާފަށް ލޭބާ ޕާޓީގެ ލީޑަރު ބިލް ޝޯޓަން ވަނީ ބަލިގަބޫލުކުރައްވައިފަ އެވެ. އަދި އެ ޕާޓީގެ ލީޑަރުން އިސްތިއުފާ ދެއްވާފައިވާކަން ޝޯޓަން ވަނީ އިއުލާނުކުރައްވައިފަ އެވެ.

ޕާލިމަންޓުގެ ތިރިގޭގެ މެޖޯރިޓީ ހޯދަން 76 ގޮނޑި ބޭނުންވާއިރު، ކޮންސަވޭޓިވް ކޯލިޝަނަށް މިހާތަނަށް 73 ގޮނޑި ވަނީ ކާމިޔާބުކޮށްފަ އެވެ. ލޭބާ ޕާޓީއަށް ލިބިފައިވަނީ 65 ގޮނޑި އެވެ. މިހާތަނަށް ގާތްގަނޑަކަށް 80 ޕަސަންޓް ވޯޓު ގުނާނިމިފައިވާއިރު، ކޮންސަވޭޓިވް ކޯލިޝަނަށް މެޖޯރިޓީ ނުލިބިޖެއްނަމަ، ސަރުކާރެއް ގާއިމުކުރުމަށް އަމިއްލަ ގޮތުން އިންތިހާބުވި މެމްބަރުންގެ ތާއީދު ބޭނުންވާނެ އެވެ.

ޕާޓީތަކުގެގެ އެތެރޭގެ ކޯޅުން ބޮޑު އޮސްޓްރޭލިއާގައި ފާއިތުވި 12 އަހަރު ތެރޭގައި ހަ ބޮޑުވަޒީރުން ވަނީ އައްޔަނުކުރަންޖެހިފަ އެވެ.