ހަބަރު

ބަރެސްދޫ މަޝްރޫއުގެ ކޮރަޕްޝަންގެ މައްސަލައެއް ބަލަނީ

މޯލްޑިވްސް އިންޓްގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން ކުރިއަށް ގެންދިޔަ ލ. ބަރެސްދޫ ޕްރޮޖެކްޓްގައި ކޮރަޕްޝަން އުޅޭ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރަން ފަށައިފި އެވެ.

އޭސީސީއަށް ހުށަހަޅާފައިވާ އެ މައްސަލައަކީ ބަރެސްދޫ ޕްރޮޖެކްޓުން އެކި ފަރާތްތަކަށް ދޫކުރި ވިޔަފާރި ޔުނިޓްތައް ގަތް އެ ފަރާތްތަކުން ޑިޕޮސިޓްގެ ގޮތުގައި ދެއްކި ފައިސާއިން އެމްއައިޓީޑީސީގެ އިސް ފަރާތްތަކަކުން އުސޫލާ ހިލާފަށް ހަރަދުކޮށްފައިވާ ކަމަށް ބުނާ މައްސަލައެކެވެ.

އެ މައްސަލައާ ގުޅިގެން އޭސީސީން މިއަދު ނެރުނު އިއުލާނުގައި ކޮމިޝަނުން ބުނެފައި ވަނީ މައްސަލާގައި މިހާތަނަށް ކޮމިޝަނުން ކުރި ތަހުގީގުން އެނގިފައި ވަނީ ގިނަ ފަރާތްތަކަކުން އެ ޕްރޮޖެކްޓާ ގުޅިގެން ޑިޕޮސިޓްގެ ގޮތުގައި އެމްއައިޓީޑީސީއަށް ފައިސާ ދައްކާފައިވާ ކަމަށެވެ.

އެހެންކަމުން މި ޕްރޮޖެކްޓާ ގުޅިގެން އެމްއެމްޕީއާރްސީއަށް ނުވަތަ އެމްއައިޓީޑީސީއަށް އެއްވެސް ފަރާތަކުން ޑިޕޮސިޓް ފައިސާ ދައްކާފައިވާނަމަ އެކަމުގެ މައުލޫމާތުތައް ހިމެނޭ ގޮތަށް އަންނަ މަހުގެ 13 ވަނަ ދުވަހުގެ ކުރިން ކޮމިޝަނަށް ލިޔުމަކުން ހުށަހެޅުމަށެވެ.

އެ ގޮތުން ޑެޕޮސިޓް ފައިސާ ދައްކާފައިވާ ފަރާތްތަކުން އޭސީސީއަށް އެކަން ލިޔުމުން އަންގާއިރު، ޑިޕޮސިޓް ފައިސާ ދައްކާފައިވާ ފަރާތުގެ ނަމާއި އެޑްރެސް ނުވަތަ ކުންފުންޏެއްނަމަ ކުންފުނީގެ މައުލޫމާތު ހުށަހަޅަން ޖެހޭ ކަމަށް ވެސް އޭސީސީން ބުންޏެވެ.

ޑިޕޮސިޓް ފައިސާގެ ގޮތުގައި ދެއްކި އަދަދާއި ފައިސާ ދެއްކި ތާރީހާއި، ފައިސާ ދައްކާފައިވާ ގޮތުގެ މައުލޫމާތު ވެސް ލިޔުމުން އެނގެން ޖެހެވެ. ޑިޕޮސިޓް ފައިސާ ދެއްކިކަން އެގޭނެ އެއްވެސް ލިޔެކިޔުމެއްވާނަމަ އެ ލިޔެކިޔުމެއް ވެސް ހުށަހަޅަން ޖެހެ އެވެ.

ބަރެސްދޫ މަޝްރޫއަކީ ގެސްޓް ހައުސް އައިލެންޑެއްގެ ގޮތުގައި ރަށް ތަރައްގީ ކުރުމަށް އެމްއައިޓީޑީސީން ފަށާފައިވާ މަޝްރޫއެކެވެ. ބިންތައް ވަކިވަކިން ވިއްކާ ގޮތަށް ތަރައްގީ ކުރާ ބަރެސްދޫން 16 ބިމެއް ވިކިފައިވާ ކަމަށް އެމްއެމްޕީއާރުސީން މީގެ ކުރިން ބުނެފައިވެ އެވެ. މީގެ އިތުރުން އެ ރަށުގައި ފެނާއި ނަރުދަމާގެ ހިދުމަތް ގާއިމު ކުރުމަށް އެމްޑަބްލިއުއެސްސީއާ ވެސް ވަނީ ހަވާލުކޮށްފަ އެވެ.