ކުޅިވަރު

ވެޓަރަންސްގައި ވެލެންސިއާ ވަރެއް ނެތީތަ؟

Jul 17, 2015

މައިލޯ ވެޓަރަންސް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި އިއްޔެ މާލޭވެޓަރަންސް 3-1އިން ބަލިކޮށް ހަތަރު ވަނަ ފަހަރަށް ވެލެންސިއާ އިއްޔެ ތަށި ހޯދުމުން އުފެދުނީ މި ސުވާލެވެ. ވެޓަރަންސްގައި ވެލެންސިއާ ވަރެއް ހަމަ ނެތީހެއްޔެވެ؟

އިއްޔެގެ ފައިނަލް މެޗުގެ ފުރަތަމަ ތިން ލަނޑު ވެސް ޖެހީ ވެލެންސިއާއިންނެވެ. ފުރަތަމަ ލަނޑު އަހުމަދު ނަސީމް (އައްމަޑޭ) ޖެހިއިރު، ދެ ވަނަ ލަނޑު އަޝްރަފް ލުތުފީ (ސަމްޕަތު) އަދި ފަހު ލަނޑު ޖެހީ މުހުތާރު ނަސީރު (ޓޫކިލޯ) އެވެ. ސޮކާ ވެޓަރަންސްގެ ހަމައެކަނި ލަނޑު ޖެހީ ވެލެންސިއާގެ ކުރީގެ ކެޕްޓަން ތޮއްޑޫ މުހައްމަދު ނިޒާމެވެ.

މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ ޓޫކިލޯ އެވެ. އެންމެ މޮޅު ކީޕަރަކީ ވެލެންސިއާގެ އަސްލަމް އަބުދުއްރަހީމެވެ. އެންމެ މޮޅު ޑިފެންޑަރަކީ ވެލެންސިއާގެ ކުރީގެ ކެޕްޓަން މުހައްމަދު ޖަމީލެވެ. އެންމެ މޮޅު މިޑްފީލްޑަރަކީ ވެލެންސިއާގެ ކުރީގެ ކެޕްޓަން އަދި އިއްޔެ ފައިނަލް މެޗުގައި ވެސް ކެޕްޓަންކުރި އައްސަދު އަބުދުލްގަނީ އެވެ. އެންމެ މޮޅު ފޯވަޑަކީ ސޮކާވެޓަރަންސްގެ އަލީ ޝަމީމް (ކޮޔަރު އައްޔަ) އެވެ. އޭނާ އަކީ މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އެވެ. 35 އަހަރުން މަތީގެ ކުރީގެ ކުޅުންތެރިން ކުޅޭ މި މުބާރާތުގެ 50 އަހަރުން މަތީގެ އެންމެ މޮޅު ކުޅުންތެރިއަކީ ވެލެންސިއާގެ ކުރީގެ ކެޕްޓަން މޫސާ މަނިކު (ކުޑަމޫސަ) އެވެ. ފެއާ ޕްލޭ ޓީމަކީ ވެސް ވެލެންސިއާ އެވެ.

މި މަގާމުތައް ލިބުނު ކުޅުންތެރިންނަށް ބަލާލި ނަމަވެސް އެންމެ މަގާމެއް ފިޔަވައި ދެން ތިބި ހުރިހާ މަގާމެއް މި ހޯދީ ވެލެންސިއާގެ ކުޅުންތެރިންނެވެ.

"އަސްލު މީގަވާގޮތަކީ ވެލެންސިއާގެ ތައްޔާރުވުންތައް އެހެން ޓީމުތަކަށްވުރެ ރަނގަޅީ. ޓީމަށް ކުޅުންތެރިން ހޯދަން އެމީހުން ވަރަށް ކުރިން އުޅޭ. ދެން ވެލެންސިއާ އަށް ކުޅެކުޅެ ލޯބިޖެހިފައި ތިބި ގިނަ ކުޅުންތެރިން އެކުޅެނީ ވެސް. އެހެންވީމަ އެމީހުންގެ ޓީމުވަންތަކަން ވެސް ވަރަށް ބޮޑު. އަހަރުމެންނަށް މިވާގޮތަކީ އެރޫހެއްނޯވޭ. އައިސް ކުޅެލަނީ،" ކުރިން ގައުމީ ޓީމާއި ނިއު ރޭޑިއަންޓަށް ކުޅުނު ޑިފެންޑަރަކު ނަންނުޖެހުމަށް އެދެމުން ބުންޏެވެ.

ވެޓަރަންސް ކަޕް ކުލަބުތަކަށް ހުޅުވާލައިގެން ބާއްވަން ފެށި ފަހުން ވެލެންސިއާ އަތުން ތަށި ގެއްލުނީ މިދިޔަ އަހަރު އެކަންޏެވެ. ފުރަތަމަ ތިން އަހަރު ތަށި ހޯދައި މިލްކުކުރުމަށް ފަހު ޖެހިގެން އައި އަހަރު އެމީހުން މުބާރާތުގައި ބައިވެރިނުވެ އެވެ. ނަމަވެސް ވެލެންސިއާ އަށް ކުޅުނު ގިނަ ކުޅުންތެރިން އެ އަހަރު އޭވައިއެލްގެ ޓީމުގައ ތިއްބެވެ. އަނެއް ބަޔަކު ތިބީ ނިއުރޭޑިއަންޓާއި ސޮކާވެޓަރަންސްގަ އެވެ. ނަމަވެސް ކުރީ އަހަރުތަކެކޭ ވެސް އެއްގޮތަކަށް މި ފަހަރު އަނެއްކާވެސް ވެލެންސިއާ ނުކުތީ ވަރުގަދަ ޓީމަކާއެކުގަ އެވެ.

"އަހަރުމެން ކުރީ ފަހަރު ބައިވެރިނުވީ އެހެން ޓީމުތައް ހަދާގޮތެއް ބަލަން. އަސްލު ފުރަތަމަ ތިބީ އެހެން ޓީމަކުން ތަށި މިލްކުކުރީމަ ދެން ނުކުންނަން. އެކަމަކު ވެލެންސިއާ އޮވެގެން މި މުބާރާތް މިހާރު ފޯރިގަދަވަނީ ވެސް. ވެލެންސިއާ އަށް ކުޅުނު ގިނަ ކުޅުންތެރިން ބޭނުމެއްވެސްނުވޭ އެހެން ޓީމެއްގެ ނަމުގައި ކުޅެން. މިސާލަކަށް ބިންމާ، ސިލާޗީ، ދޮންބެމެން. އެހެންވީމަ ވެސް ޖެހޭ ބައިވެރިވާން،" ޓީމު ހިންގުމުގައި އެންމެ އިސްކޮށް އުޅޭ ވެލެންސިއާގެ ކުރީގެ ކުޅުންތެރިޔާ އަހުމަދު ޝަރީފް (މާޑޭ) ބުންޏެވެ.

އޭނާ އަދި ބުނީ އަންނަ އަހަރު ވެސް މި އަހަރުގެ ޓީމު ބާއްވަން މަސައްކަތް ކުރާނެ ކަމަށެވެ.