މޫސުން

ކުރިއަށް އޮތް ތިން ދުވަހު ރާއްޖެއަށް މޫސުން ގޯސްވާނެ: މެޓް

ކުރިއަށް އޮތް ތިން ދުވަހު ރާއްޖެއަށް މޫސް ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން މިއަދު ބުނެފި އެވެ.

މެޓް އޮފީހުގެ މީޓިއޮރޮލޮޖިސްޓް އަހުމަދު ރަޝީދު "އަވަސް" އަށް ވިދާޅުވީ ރާއްޖޭގެ އެކިކަންކޮޅުތަކަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށެވެ. މިގޮތުން މިއަދާއި ކުރިއަށް އޮތް ހަފުތާ ބަންދު ދެ ދުވަހުގައި ވެސް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއަދާއި ކުރިއަށް އޮތް ހަފުތާ ބަންދުގެ ދެ ދުވަހު ވެސް މޫސުން ގޯސްވާނެ. އަބަދު ނުވެހުނު ނަމަވެސް ދޭތެރެ ދޭރެއަކުން ވާރޭ ވެހޭނެ. އުޑަމަތި ބަނަވެ ވައިގަދަ ވާނެ ކަމަށް ލަފާކުރެވެނީ." އަހުމަދު ރަޝީދު ވިދާޅުވި އެވެ.

އަހުމަދު ރަޝީދު ވިދާޅުވި ގޮތުގައި އެންމެ ބޮޑަށް ވިއްސާރަ ކުރާނެކަމަށް ލަފާކުރެވެނީ ރ. އަތޮޅުން ފެށިގެން ދެކުނުގެ އަތޮޅުތަކާ ހަމައަށެވެ. މިގޮތުން މާލެއާއި މާލެއާ ކައިރި ރަށްރަށަށް ވެސް ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށް ވިދާޅުވި އެވެ.

ރާއްޖެއަށް މިއަދު ކުރަމުންދާ ވިއްސާރައާ ގުޅިގެން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މެޓް އޮފީހުން ވަނީ ވައިޓް އެލާޓް ވެސް ނެރެފަ އެވެ. މިއަދު ހަވީރު 4:00 އާ ހަމައަށް ރ. އަތޮޅުން ފެށިގެން އައްޑޫ އަތޮޅާ ހަމައަށް ވަނީ ވައިޓް އެލާޓް ނެރެފަ އެވެ.

ރާއްޖޭގެ ބޮޑު ބަޔަކަށް މިއަދު ވިއްސާރަކުރަމުންދާއިރު، މާލެއަށް ވެސް ބޯކޮށް ވާރޭ ވެހި މާލޭގެ ގިނަ މަގުތައް ފެންބޮޑުވެފައިވާކަން ފާހަގަކުރެވެ އެވެ.

މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރު އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު ފަސް މޭލާއި 13 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ އެވެ. އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެ އެވެ.

ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނަށް ވައި ގަދަވާނެ ކަމަށް ލަފާކުރެ އެވެ. ކަނޑުުތައް އުތުރުގައި އާދައިގެ ވަރަކަށް މަޑުވާނެ އަދި އެހެންހިސާބުތަކުގައި އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާ ކުރެ އެވެ.