ހަބަރު

އަސްލަމްގެ ނަމުގައި ފޭކް މެސެޖެއް

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ވާދަ ކުރައްވަން ނިންމަވާފައިވާ މުހައްމަދު އަސްލަމްގެ ނަމުގައި ފޭކް މެސެޖެއް ދައުރުކޮށްފި އެވެ.

މިއަދުު ހުކުރުން ފޭބި ގަޑީގައި އެމްޑީޕީގެ ބައެއް އާންމު މެންބަރުންނާއި އެހެން ވެސް ގިނަ ބަޔަކަށް އަސްލަމްގެ ނަންބަރުން މެސެޖެއް ލިބިފައިވެ އެވެ. އެ މެސެޖްގައި ބުނަނީ މަޖިލީހުގެ ރައީސް ކަމަށް ކުރިމަތި ނުލާން ނިންމަވާފައިވާ ކަމަށެވެ.

އެގޮތަށް ނިންމެވީ، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ އެދިވަޑައިގަތުމުގެ މަތިން ކަމަށާއި ވާދަވެރި ކެންޑިޑޭޓް ހަސަން އަފީފަށް ތާއީދު ކުރަން ނިންމާފައިވާ ކަމަށް ވެސް އެ މެސެޖްގައިވެ އެވެ.

އެ މެސެޖާ ގުޅޭ ގޮތުން އަސްލަމްއަށް ގުޅުމުން އޭނާ "އަވަސް" އަށް ވިދާޅުވީ އެއީ އޭނާ ފޮނުއްވި މެސެޖެއް ނޫން ކަމަށެވެ. އެއީ ވާދަވެރިންގެ އަމަލެއް ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

އޭގެއިތުރަށް އަދިވެސް ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލައްވަން ކަމަށް އަސްލަމް ވިދާޅުވި އެވެ. ކަމަށް ގާބިލް ކެންޑިޑޭޓަކު ނަން ހުށަހަޅައިފިނަމަ އޭނާ ނަން އަނބުރާ ގެންދަވާނެ ކަމަށާއި މިހާތަނަށް އެފަދަ ކެންޑިޑޭޓެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

މަޖިލީހުގެ ރައީސްގެ ވާދަވެރި ކަމާއެކު އެމްޑީޕީގެ ތެރެ ވަނީ ހޫނެވެފަ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ރައީސް ކަމަށް އެންމެ ގާބިލް ބޭފުޅަކީ ވިލުފުށީ ދާއިރާއަށް އިންތިހާބުވެފައިވާ ހަސަން އަފީފް ކަމަށް ވިދާޅުވެފަ އެވެ. ރައީސް ނަޝީދު ވިދާޅުވާ ގޮތުގައި އެންމެ މަގުބޫލު ބޭފުޅަކީ އަސްލަމެވެ.

އަސްލަމް ވެސް ވަނީ އޭނާއަށް ރައީސް ސޯލިހުގެ ތާއިދު ވެސް އޮތް ކަމަށް ވިދާޅުވި އެވެ. އަފީފް ވިދާޅުވަނީ އެމްޑީޕީގެ ލީޑަޝިޕުން ވަކި ބޭފުޅަކަށް ތާއީދު ނުކުރާނެ ކަމަށެވެ. އަންނަ ހޯމަ ދުވަހު، އެމްޑީޕީ ޕީޖީ ގުރޫޕްގައި މިކަމަށް ވޯޓު ނެގުމަށް ވަނީ ހަމަޖެހިފަ އެވެ. ރައީސް ހޮވާ އާ މަޖިލީހުގެ ފުރަތަމަ ޖަލްސާ އޮންނާނީ އަންގާރަ ދުވަހުގެ ރޭ އެވެ.