ހަބަރު

ގުރައިދޫ މަރުކަޒުގެ މައްސަލަތައް ހިއްސާކޮށްފި

ހިއުމަން ރައިޓްސް ކޮމިޝަނުން ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ކުރި މޮނިޓަރިން ޒިޔާރަތުގައި ފާހަގަކުރެވުނު ކަންކަން ކަމާއިބެހޭ ފަރާތްތަކާއި ހިއްސާކޮށްފި އެވެ.

އެޗްއާރުސީއެމްގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމް (އެންޕީއެމް) އިން ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ޒިޔާރަތްކޮށްފައި ވަނީ، އެޕްރީލް 29 އަދި 30 ގައެވެ.

އެ ޒިޔާރަތުގައި ފާހަގަކުރެވިފައިވާ މުހިންމު ކަންތައްތަކުގެ މައްޗައް ބިނާކޮށް ތައްޔާރުކޮށްފައިވާ ކަރުދާސް މި މަހުގެ 19 ގައި ޖެންޑާ މިނިސްޓްރީ އާއި ގުރައިދޫ މަރުކަޒާ ވަނީ ހިއްސާކޮށްފަ އެވެ.

އެޗްއާރްސީއެމުން ބުނީ އެ ޒިޔާރަތުގެ މައިގަނޑު މަގުސަދަކީ މަރުކަޒުން ފަރުވާ ހޯދަމުންދާ މީހުންނާ ދޭތެރޭ އެއްވެސް އަނިޔާވެރި، ލާއިންސާނީ ނުވަތަ ދަށުދަރަޖައިގެ ޢަމަލެއް ހިނގާތޯ ބެލުމާއި، ދައުލަތުގެ ބެލުމުގެދަށުގައި ތިބޭ ފަރާތްތަކަށް ލިބިދޭންޖެހޭ ހައްގުތައް ކަށަވަރުކުރެވިފައިވާ މިންވަރު ދެނެގަތުމާއި، މަރުކަޒުން ފަރުވާ ހޯދަމުންދާ މީހުންނަށާއި މުވައްޒަފުންގެ އާނމު ހާލަތު ދެނެގަތުމެވެ.

އެ ޒިޔާރަތުން ފާހަގަ ކުރެވުނު ކަންތައްތަކުގެ ތެރޭގައި، ބޭސްފަރުވާގެއިތުރުން ބަލި މީހުންނަށް ފޯރުކޮށްދޭންޖެހޭ އެހެނިހެން ތެރަޕިއުޓިކް އިންޓަރވެންޝަން އެންމެ އެދެވޭގޮތަށް ފޯރިކޮށްދިނުމަށާއި، ބަލި މީހުންނަށް އަންނަ ބަދަލު ދެނެގަތުމަށް ހެދޭ އެސެސްމަންޓް ގަވައިދުން ނެހެދޭކަމާއި، ބަލި މީހުން ބައިތިއްބާ ބޯޑުތަކުގައި ޖާގައިގެ އިތުރުން މީހުން ބައިތިއްބާފައި ތިބިކަމާއި، އިމާރާތް ބާވެ، މަރާމާތު ނުކުރެވި ގިނަ ދުވަސްވެފައިވާތީ އިމާރާތުގެ ޙާލަތު ދަށްވެފައިވާކަމަށެވެ.

މީގެ އިތުރުން، މަރުކަޒުން ފަރުވާ ހޯދަމުންދާ ބަލި މީހުންގެ އަދަދާ އަޅާބަލާއިރު، ބަލި މީހުން ބަލަހައްޓާ ކެއަރ ވޯކަރުންގެ ޢަދަދު މަދުކަމާއި، ރަށުގައި ގާއިމްކޮށްފައިވާ ފެން ޕްލާންޓުން މުޅި ރަށަށް ބޭނުންވާވަރަށް ފެން އުފައްދައި ނުދޭތީ ހަފްތާއަކު 3 ނުވަތަ 4 ދުވަހު މަރުކަޒުން ފެނުގެ ހިދުމަތް ކެނޑޭކަމާ އަދި މި އަހަރުގެ ކުރީކޮޅުގައި މިނިސްޓްރީ އޮފް ހެލްތުން ފާސްކޮށްފައިވާ މަރުކަޒުގެ އަތްމަތީ ފޮތައް މުވައްޒަފުން އަހުލުވެރިކުރަމުންދާކަން ފާހަގަކުރެވިފައިވާކަމަށްވެސް އެޗްއާރުސީއެމްއިން ވަނީ ބުނެފަ އެވެ.

އެޗްއާރުސީއެމްއިން އިތުރަށް ބުނީ، މި ޒިޔާރަތުގެ މައްޗަށް ބިނާކޮށް ތައްޔާރުކުރާ ރިޕޯޓު ހުށަހެޅުންތަކާއެކު، ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒާއި، ޖެންޑާއާއި ރައީސް އޮފީހާއި، ރައްޔިތުންގެ މަޖިލީހަށް ހިއްސާކުރުމަށްފަހު، ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމާއި، ހުށަހަޅާފައިވާ ހުށަހެޅުންތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއާއެކު އިތުރު ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ.