ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ގިނަ މައްސަލަތަކެއް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް [އެޗްއާރްސީއެމް]ގެ މޮނިޓަރިން ޒިޔާރަތް ރިޕޯޓުގައި ހާމަކޮށްފި އެވެ.
މިއީ މިއަހަރުގެ މާޗް ހަވަނަ ދުވަހުން އަށްވަނަ ދުވަހަށް ގުރައިދޫގައި ހުންނަ މަރުކަޒަށް އެޗްއާރްސީއެމްގެ މެންބަރަކާއި ކޮމިޝަންގެ ހަތަރު މުވައްޒަފުން ޒިޔާރަތްކޮށް އޭރު ފާހަގަކުރެވުނު ކަންކަން ހިމަނައި ތައްޔާރުކުރި ރިޕޯޓެކެވެ.
މަރުކަޒުގެ ބަލި މީހުންނަށް ބައެއް މުވައްޒަފުންގެ ފަރާތުން އަނިޔާވެރި ގޮތަށް އަމަލުތައް ބަހައްޓާކަން ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. އެގޮތުން ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުން ފަރުވާ ހޯދަމުންދާ މީހުންނާ ދޭތެރޭގައި ބައެއް ކެއާވޯކަރުން ލާއިންސާނީ އިހާނެތި އަމަލު ހިންގާކަމާއި އެ ގޮތުން ބަލި މީހުންނާ ދިމާލަށް ބޭއަދަބީ ހަޑިހުތުރު ބަހުން މުއާމަލާތު ކުރާ ކަމަށް ހިމަނާފައިވެ އެވެ. އަދި ބަލި މީހުންނާ ދޭތެރޭގައި އަނިޔާވެރި ގޮތަށް އަމަލުތައް ބަހައްޓާކަމަށް މަރުކަޒުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުންނާއި މަރުކަޒުން ބަލަހައްޓަމުންދާ އުމުރުން ދުވަސްވީ މީހުން މައުލޫމާތު ދީފައިވާ ކަމަށްވެސް ރިޕޯޓްގައިވެ އެވެ.
މަރުކަޒުގައި ފަރުވާ ހޯދަމުންދާ ބައެއް ބަލި މީހުން އެހެން ބަލި މީހުންނަށް ޖިންސީ ފުރައްސާރަ ކުރާ ކަމަށް ބަލިމީހުންގެ ފަރާތުން މައުލޫމާތު ލިބިފައިވާކަންވެސް ފާހަގަކޮށްފައިވެ އެވެ.
ގިނަ ވޯޑުތަކުގެ ފާހާނާތައް ހަލާކުވެފައިވާއިރު ފާހާނާގެ ތަށިމުށިތައް ނެއްޓި ބައެއް ފާހާނާގެ ދޮރުތައް ވަނީ ހަލާކުވެފަ އެވެ. ބަލިމީހުން ބޭނުންކުރާ ބާލީހާއި ގޮދަޑި އާއި ބާލީސް އަދި އެނދުގައި ތަތްމަކުނު އަޅާފައިވާއިރު ބަލިމީހުން ބޭނުންކުރާ ފުރޮޅުލީ ގޮނޑި ފަދަ ތަކެތި ގިނަ ދުވަސްވެ ދަބަރު ޖެހުމުގެ ސަބަބުން ބޭނުންކުރަން ވަނީ ދަތިވެފަ އެވެ.
ބަލިމީހުންނާ އެންމެ ގާތުން މަސައްކަތްކުރާ މުވައްޒަފުން ބޭނުން ކުރުމަށް މަރުކަޒުގައި ހާއްސަ ތަނެއް ނެތްއިރު މުވައްޒަފުންގެ އަންނައުނު ބަދަލުކޮށް ގައިން ތާހިރުވާން ޖެހޭ ހާލަތުގައި ގެއަށް ދާން ޖެހޭކަން ވަނީ ފާހަގަކޮށްފަ އެވެ.
އެޗްއާރްސީއެމްގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން ނަފުސާނީ ބަލި މީހުންނާ އެންމެ ގާތުން މަސައްކަތްކުރާ މުވައްޒަފުން ބައެއް ދުވަސްތަކުގައި 16 ގަޑިއިރު މަސައްކަތް ކުރަންޖެހެ އެވެ.
މަރުކަޒަކީ 150 މީހުންގެ ޖާގައިގެ މަރުކަޒެއް ނަމަވެސް އެޗްއާރްސީއެމުން ޒިޔާރަތްކުރިއިރު މަރުކަޒުގައި 194 މީހުން ގެންގުޅެވެ. މީގެތެރެއިން 158 މީހުންނަކީ ނަފުސާނީ ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންނެވެ.