ކ. ގުރައިދޫގައި ހިންގާ ހާއްސަ އެހީއަށް ބޭނުންވާ މީހުން ބަލަހައްޓާ މަރުކަޒުގައި ހުރި އުމުރުން ދުވަސްވީ މީހަކު ކޮވިޑް 19 އަށް ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެ އެވެ.
އަވަސް އަށް މައުލޫމާތު ދެއްވަމުން ޖެންޑާ މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ކޮވިޑް ބަލީގައި މަރުވީ އުމުރުން 65 އަހަރުގެ ފިރިހެނެއް ކަމަށެވެ.
އަވަސް އަށް އެނގިފައިވާ ގޮތުގައި އެ މީހާ މަރުވީ ގުރައިދޫގައި ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާ ދިނުމަށް ޑޮކްޓަރު ލަފާ ދެއްވުމާ ގުޅިގެން މާލެ ގެނެސް ފަރުވާ ދެމުން ދަނިކޮށެވެ.
އެ އޮފިޝަލް ވިދާޅުވީ އެ މީހާ ކޮވިޑަށް ޕޮޒިޓިވްވި ކަން އެނގުމާ ގުޅިގެން މަރުކަޒުގައި އެމީހާ ހުރި ވޯޑުގައި ތިބި މީހުނާއި އެމީހުންނާ ކޮންޓެކްޓްވި މުވައްޒަފުންނާއެކު 50 މީހެއްގެ ސާމްޕަލް ނަގާފައިވާ ކަމަށާއި އެ މީހުންގެ ތެރެއިން 16 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
މަރުކަޒުން ޕޮޒިޓިވްވި މީހުންގެ ތެރެއިން އަށް މީހުންނަކީ އެތާނގެ މުވައްޒަފުންނެވެ. އަދި އަނެއް އަށް މީހުންނަކީ މަރުކަޒުގައި ތިބި ބަލި މީހުނެވެ.
އޮފިޝަލް އިތުރަށް ވިދާޅުވީ މަރުކަޒުގައި ތިބި ބަލި މީހުންގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވް ދެ މީހުންނަށް އިތުރު ފަރުވާ ބޭނުންވާތީ އެ ދެ މީހުން މާލެ ގެނެސް މިހާރު ފަރުވާ ދެނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ކަމަށެވެ.
ގުރައިދޫ މަރުކަޒުގައި ހުރި އުމުރުން ދުވަސްވީ މީހަކު ކޮވިޑްގައި މަރުވިތާ ދެ ދުވަސްވީއިރު ވެސް އެޗްޕީއޭ އިން އެ މައުލޫމާތު އަދި ހާމަ ކޮށްފައެއް ނުވެ އެވެ. އެ މަރާ ގުޅިގެން އެޗްޕީއޭގެ ބަހެއް ވެސް ލިބޭ ގޮތެއް ނުވި އެވެ.
ގުރައިދޫ މަރުކަޒުގައި ހުރި މީހާގެ މަރާއެކު ކޮވިޑްގައި މިމަހު މަރުވި މީހުންގެ އަދަދު ވަނީ އަށަކަށް އިތުރުވެފަ އެވެ. އަދި ރާއްޖޭގެ ކޮވިޑް މަރުގެ އަދަދު 240 އަށް އިތުރުވީ އެވެ.
ގުރައިދޫގައި ހިންގާ ހާއްސަ އެހީއަށް ބޭނުންވާ މީހުން ބަލަހައްޓާ މަރުކަޒުގައި ތިބި ބަޔަކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން ގުރައިދޫ ކައުންސިލުން ވަނީ އެ ރަށުގެ ރައްޔިތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އަންގާފަ އެވެ. އެގޮތުން ގަވައިދުން މާސްކް އެޅުމަށާއި ޒަރޫރީ ބޭނުމެއްގައި ނޫނީ ގެއިން ބޭރަށް ނުދިއުމަށް ވެސް އިލްތިމާސް ކޮށްފައިވެ އެވެ.