ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި މަސައްކަތްކުރާ މުވައްޒަފުންގެ ފެންވަރު މަތިކުރުމަށްޓަކާ މަސައްކަތްތަކެއް ފަށައިފި އެވެ.
އަވަސްއަށް މައުލޫމާތު ދެއްވަމުން ޖެންޑާ މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު (އެޗްޕީއެސްއެން) ގައި ތިބި ބަލި މީހުންނަށް ދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކާ މުވައްޒަފުން ތަމްރީން ކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ ކަމަށެވެ.
މީގެ ކުރިން ބަލިމީހުންގެ މަސައްކަތް ކުރުމަށް ނެގޭ މުވައްޒަފުންނަކީ "ބަލިމީހުން ބަލަހައްޓާ"ގެ ނަމުގައި އަސާސީ ފެންވަރުގެ ޝަރުތާއެކު ނެގޭ ސަޕޯޓް ސްޓާފުންނެވެ. ނަމަވެސް މިހާރު މި މަގާމު ބަދަލުކޮށްފައިވަނީ އެސިސްޓެންޓް ކެއާ ވޯކަރުންގެ ގޮތުގައި، ޖީސީއީ އޯ ލެވެލް ފެންވަރުގެ ސްޓާފުންގެ ގޮތުގަ އެވެ.
"މީގެ އިތުރުން މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކާ ސެޓްފިކެޓް 3 އިން އެލްޑަލީ ކެއާ މި އޮކްޓޫބަރު މަހުގެ ފަހުކޮޅު ތަޢާރަފްކޮށް، މިހާރު ތިބި މުވައްޒަފުންނަށް އެ ތަމްރީން ދިނުމަށް ވެސް މިވަނީ ހަމަޖެހިފައި،" އޮފިޝަލް ވިދާޅުވި އެވެ.
ޖެންޑާ މިނިސްޓްރީން ބުނީ ގުރައިދޫ މަރުކަޒުގެ ހިދުމަތް ރަނގަޅުކުރުމަށްޓަކާ ކުރެވޭ އިތުރު މަސައްކަތްތަކުގެ ތެރޭގައި އޭޖް ކެއާ މޯލްޑިވްސްއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށް، އެފަރާތުގެ ޕްރޮފެޝަނަލް ސްޓޭންޑަޑްތަކަށް މަރުކަޒުން ދެވޭ ހިދުމަތް ދެމެހެއްޓުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ކެއާ ވޯކަރުންނަށް ތަމްރީން ޕްރޮގްރާމްތައް ހިންގުން ޕްލޭންގައި އެބައޮތް ކަމަށާއި އެގޮތުން މަރުކަޒުގައި ތިބޭ މީހުން ބަލަހައްޓާނެ ގޮތާއި، ފެންވަރުވާނެ ގޮތާއި، 'ބެޑްރިޑިނގް ޕޭޝަންޓުން' ބަލަހައްޓާނެ ގޮތްތަކުގެ މައުލޫމާތު ކެއާ ވޯކަރުންނަށް ފޯރުކޮށްދޭނެ ކަމަށްވެސް ބުނެފައިވެ އެވެ.
ގުރައިދޫ މަރުކަޒުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން ކުރެވޭ މަސައްކަތްތަކުގެ ތަފްސީލް ޖެންޑާ މިނިސްޓްރީން އަވަސްއާ ހިއްސާކޮށްފައި މިވަނީ ގުރައިދޫ މަރުކަޒުގެ ހާލަތު ވަޒަން ކުރުމަށްފަހު އެޗްއާރްސީއެމުން ނެރުނު ރިޕޯޓެއްގައި ގިނަ މައްސަލަތަކެއް ފާހަގަކުރުމާ ގުޅިގެންނެެވެ.
ޖެންޑާ މިނިސްޓްރީން ބުނި ގޮތުގައި މުވައްޒަފުންގެ ފެންވަރު ރަނގަޅު ކުރުމުގެ އިތުރުން މަރުކަޒުގައި ފަރުވާދީ ނިމިފައިފައި ތިބޭ މީހުން އަނބުރާ މުޖްތަމައަށް ނެރެ އެފަރާތްތަކަށް ވެމްކޯ އާއި ގުޅިގެން ވަޒީފާގެ ފުރުސަތު ހޯދައި ދިނުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. މިގޮތުން އެކަކަށް މިހާރުވެސް ވަޒީފާ ދީފައިވާ ކަމުގައިވެސް ބުންޏެވެ.
ޖެންޑާ މިނިސްޓްރީން ބުނި ގޮތުގައި އެމަރުކަޒުގައި ތިބޭ މީހުންނަށް މުނިފޫހިފިލުވުމުގެ ހަރަކާތްތައް، ކޮންމެ ވޯޑަކަށް ދުވަލަކު އެއް ގަޑިއިރަށް ބަހާލައިގެން ކުރިއަށް ގެންދެ އެވެ. އޮގޮތުން ފޮތްކިޔުމުގެ އިންތިޒާމް ހަމަޖެހިފައިވުމާއި ކުރެހުމަށް ޝައުގުވެރިކަން ހުންނަ މީހުންނަށް ކުރަހާ ކުލަޖެއްސުމަށް ފުރުސަތު ފަހިކޮށްދިނުން ހިމެނެ އެވެ.
މަރުކަޒުގައި ތިބޭމީހުންގެ ދުޅަހެޔޮކަމަށް އިސްކަން ދިނުމުގެ ގޮތުން މަރުކަޒުގެ ފިޒިއޮތެރަޕިސްޓާއެކު ކޮންމެ ދުވަހަކު ހަވީރު މަރުކަޒު ތެރޭގައި އެމީހުން ހިނގުމާއި ކަސްރަތު ކުރުން ކުރިއަށްދާ ކަމުގައިވެސް ބުންޏެވެ. މީގެ އިތުރުން ކޮންމެ ދުވަހަކުވެސް މަރުކަޒުގެ ނަރުހުންނާއި ސުޕަވައިޒަރުން ވޯޑްތަކަށް ޒިޔާރަތްކޮށް އެތަނުގައި ތިބޭ މީހުންގެ ހާލުބަލަމުންދާނެ ކަމަށްވެސް ބުންޏެވެ.
ގުރައިދޫ މަރުކަޒުގައި ތަނުގެ ޖާގައަށް ވުރެ ގެންގުޅޭ ބަލި މީހުންގެ އަދަދު ގިނަކަން އެޗްއާރްސީއެމްގެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އެގޮތުން 150 މީހުންގެ ޖާގައިގެ މަރުކަޒުގައި 194 މީހުން ތިބި ކަމަށް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. މި ރިޕޯޓަކީ މިދިޔަ މާޗް މަހު ބެލިބެލުމެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ. އަދިވެސް ތަނުގެ ޖާގައިގެ ދަތިކަން ހައްލުނުވާ ކަމަށާއި އެކަން ހައްލުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމުގައިވެސް ޖެންޑާ މިނިސްޓްރީން ބުންޏެވެ.
ގުރައިދޫ މަރުކަޒަށް ކުރިމަތިވެފައިވާ ޖާގައިގެ މައްސަލަ ހައްލުކުރުމަށްޓަކައި ނާދީ ތަމައްދުންގައި އެލްޑަލީ ކޮމިއުނިޓީ ސެންޓަރެއް، އައްޑޫ ސިޓީގައި އެލްޑަލީ ވިލެޖް، އަދި ވިލިމާލޭގައި ކުޑަކުދިންގެ ހިޔާ ހިންގި އިމާރާތުގައި ވިލިވެށިގެ ނަމުގައި ސޯޝަލް ސާވިސް ސެންޓަރެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް މިނިސްޓްރީން މައުލޫމާތު ދީފައިވެ އެވެ.
މިތަންތަން ގާއިމުކޮށް ނިމުމުން "އެސިސްޓަޑް ލިވިން"ގެ ހިދުމަތް ދެވި، ފަރުވާ ނިންމުމަށްފަހު އާއިލާއިން ހަވާލުނުވާ ފަރާތްތަކަށް ހައްލު ލިބި، ބޭސްފަރުވާ ބޭނުންވާ ފަރާތްތަކަށް މިތަންތަނުން ހިދުމަތް ދޭން ފެށުމުން، ގުރައިދޫ މަރުކަޒުގެ ޖާގައަށް ވަރަށް ބޮޑު ލުއިކަމެއް ލިބޭނެ ކަމުގެ ޔަގީންކަން ވެސް މިނިސްޓްރީން ދެއެވެ.
ޖެންޑާ މިނިސްޓްރީން ބުނީ ގުރައިދޫ މަރުކަޒަކީ ގިނަ އަދަދެއްގެ ބަލި މީހުން ބަލަހައްޓަމުންދާ މަރުކަޒަކަށްވެފައި އިމާރާތްތައް ބާވެފައިވީ ނަމަވެސް ކުރަން ބޭނުންވާ މަރާމާތުގެ ހުރިހާ މަސައްކަތްތައް އެއް ވަގުތެއްގައި ކުރެވޭނެ ގޮތެއް ނެތް ކަމަށެވެ. ނަމަވެސް އާބާތުރަ ފިލުވުމާއި މަރާމާތުގެ މަސައްކަތް އަބަދުވެސް ކުރަމުންދާ ކަމުގައިވެސް ޖެންޑާ މިނިސްޓްރީން ބުންޏެވެ.